ހަބަރު

ކިޔަވާ މުވައްޒަފުންއަށް ހާއްސަ ލޯނެއް ތައާރަފް ކުރަނީ

Feb 23, 2017
1

ކިޔެވުމަށް ބޭނުންވާ ސިވިލްސާވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ލޯން ސްކީމެއް މިއަހަރު ތައާރަފް ކުރާނެ ކަމަށް ސިވިސް ސާވިސް ކޮމިޝަން، ސީއެސްސީ އިން މިއަދު ބުނެފި އެވެ.

ސީއެސްސީގެ އަހަރީ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ހަފްލާގައި އެ ކޮމިޝަންގެ ރައީސް، ޑރ. އަލީ ޝަމީމް ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ ތަމްރީންނާއި ގާބިލްކަން އިތުރު ކުރުމަށް އެ ކޮމިޝަނުން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވަޒީފާގައި ތިބެގެން ތައުލީމާއި ތަޖުރިބާ އިތުރު ކުރުމަށް ކޮމިޝަނުން ބާރުއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ ފުރުސަތު އިތުރަށް ފަހި ކުރުމުގެ ގޮތުން ސިވިލްސާވިސް ވަޒީފާގައި ތިބެގެން ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް ހާއްސަކޮށްގެން، އިސްލާމިކް ބޭންކް މެދުވެރިކޮށް އަންނަ މަހުގެ ތެރޭގައި ހާއްސަ ލޯނެއް ތައާރަފް ކުރާނެ އެވެ. މިއަހަރަކީ ވެސް މުވައްޒަފުން ތަމްރީން ކުރުމުގައި ގިނަ ހޭދަތަކެއް ކޮށް ކާމިޔާބީތަކެއް ހޯދުނު އަހަރެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ޖުމްލަ 5687 މުވައްޒަފަކު މިދިޔަ އަހަރު ވަނީ ތަމްރީން ކުރެވިފައި. ސިވިލްސަރވިސް ޓްރެއިނިން އިންސްޓްޓިއުޓުން ހިންގާ ޑިޕްލޮމާ ފެންވަރުގެ ކޯހުގައި 54 ފަރާތެއް ތަމްރީނުކުރެވުނު. ސެޓްފިކެޓް ލެވަލްގެ ކޯސްތަކުން 331 މުވައްޒަފުން ތަމްރީން ކުރެވުނު އިރު، ކުރުމުއްދަތުގެ ކޯސްތަކުގައި 5302 ބައިވެރިވެ ކޯސް ފުރިހަމަ ކުރި،" ޝަމީމް ވިދާޅުވި އެވެ.

ސީއެސްސީ އިތުރަށް ހަރުދަނާ ކުރުމަށް މިއަހަރު ގިނަ ކަންކަން އަމަލީ ގޮތުން ކުރައްވާނެ ކަން ފާހަގަ ކުރައްވަމުން ޝަމީމް ވިދާޅުވީ، ސިވިލް ސާވަންޓުންގެ ވެލްފާގެ ކަންކަން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މުވައްޒަފުންނަށް ތަފާތު ކުޅިވަރުތަކާއި ބައްދަލުވުންތައް އަދި ހަފްލާތައް ބޭއްވޭނެ ފަދަ ހާއްސަ އިމާރާތެއް ހެދުމުގެ މަޝްވަރާތަކެއް ދަނީ ކުރިއަށެވެ.

"އިޖްތިމާއީ ރޫޙު އާލާކުރުމަށާއި، މުނިފޫހި ފިލުވުމަށާއި، ކަސްރަތުކުރުމަށް، އަދި ފިލާވަޅުތައް ދަސްކުރުމަށް ހިމޭން މާހައުލެއް ހޯދައި ދިނުމުގެ ގޮތުން، ކުރިންވެސް ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮތްފަދަ، މުވައްޒަފުންގެ ނާދީއެއްފަދަ މަރުކަޒެއް ގާއިމްކުރެވޭތޯ، ސަރުކާރާއި، ހެޔޮއެދޭ ފަރާތްތަކާއި އެކު މަޝްވަރާކުރަމުން އެބަދަން،" ޝަމީމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސިވިލްސާވިސްގައި 24،501 މުވައްޒަފަކު ވަޒީފާ އަދާކުރި އިރު، ގަވާއިދާ ހިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ މައްސަލަތައް ގިނަ އަދަދަކަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ކޮމިޝަނާ ދެކޮޅަށް ލޭބާ ޓްރައިބިއުނަލަށް މިދިޔަ އަހަރު 40 މައްސަލަ ވަނީ ހުށައަޅާފަ އެވެ. އަދި ކޮމިޝަނަށް ވެސް 317 މައްސަލަ ހުށަހެޅި އިރު، މިދިޔަ އަހަރު ނިމުނު އިރު، 242 މައްސަލަ ވަނީ ކޮމިޝަނުން ނިންމައިފަ އެވެ.