ބޮލީވުޑް

ރާނީގެ ދައުވަތު އަމީތާބަށް ގަބޫލެއް ނުކުރެވުނު

Feb 27, 2017

ޔޫކޭ- އިންޑިއާގެ އިޔާ އޮފް ކަލްޗާ ފާހަގަ ކުރުމަށް އިނގިރޭސިވިލާތުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު މެގަސްޓާ އަމީތާބް ބައްޗަން އަށް ކުއީން އެލިޒަބަތް ވަނީ ދެއްވާފަ އެވެ.

އިނގިރޭސި ރާނީގެ ދައުވަތު އަމީތާބަށް ލިބިފައިވީ ނަމަވެސް އެ ހަފްލާގައި އޭނާ އަށް ބައިވެރިވެވެން ނެތް ކަމަށް އަމީތާބްގެ ޕަބްލިސިސްޓް ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ ބުނެފަ އެވެ.

އެ ސްޓޭޓްމަންޓްގައި ވަނީ ޔޫކޭ-އިންޑިއާގެ އިޔާ އޮފް ކަލްޗާ، ހަފުލާ ފާހަގަ ކުރުމަށް ބަކިންހަމް ޕެލެސްގައި ބާއްވާ ހާއްސަ ހަފްލާ އަށް އަމީތާބަށް ރާނީ އެލިޒަބަތްގެ ހާއްސަ ދައުވަތެއް ލިބިވާ ކަމަށާއި ނަމަވެސް މާކުރިން އެހެން ކަންތައްތަކެއް ރޭވިފައިވާތީ ރާނީގެ ދައުވަތު އަމީތާބަށް ގަބޫލުކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު ނިކުތް "ޕިންކް" އިން އެންމެ ފަހުން ފެނިގެން ގޮސްފައިވާ އަމީތާބަށް މި އަހަރަކީ ވަރަށް ބުރަ އަހަރެކެވެ. މިހާރު އަމީތާބް ކުޅެމުން އަންނަ ރާމް ގޯޕާލް ވަރްމާގެ "ސަރްކާރް 3" ގެ ޓްރެިއލާ އަންނަ މަހުގެ ކުރީކޮޅު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނައިރު، ޒުވާން ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އާއެކު އާމިތާބް ކުޅޭ ފިލްމު، "ޑްރެގަން" ގެ އިތުރުން އާމިރް ޚާން އާއެކު ކުޅޭ "ތަގްސް އޮފް ހިންދޮސްތާން" އާއި އަނިލް ކަޕޫރް އާއި އަރްޖުން ކަޕޫރާ އެކު ކުޅޭ "އާންކޭ 2" އަކީ އަމީތާބް މިއަހަރުގެ ތެރޭގައި ކުޅެން ހަމަޖެހިފައިވާ ފިލްމުތަކެވެ.

އަމީތާބްގެ އިތުރުން ބޮލީވުޑްގެ އެހެން ތަރިން އަކަށް މި ހަފްލާ އަށް ދައުވަތު އަރުވާފައިވާ ކަމެއް އަދި ހާމަކޮށްފައެއްނުވެ އެވެ.