ލައިފްސްޓައިލް

މިގޮތްތަކުން ވެސް ދަރިފުޅާއި ގުޅުން ބަދަހި ކުރެވިދާނެ

Feb 27, 2017

ހަފްތާގެ ފަހެއް ނުވަތަ ހަ ދުވަހު ވަޒީފާއަށް ގޮސް އަދި އެ ދުވަސްތަކުގައި ދަރިފުޅު ސްކޫލަށް ދާތީ ދަރިފުޅާއި ދިމާވަނީ ހަމައެކަނި ރޭގަނޑު ކާ ގަޑީގަ އެވެ. އެއަށްފަހު ކުއްޖާ ނިދަނީ އެވެ. އޭނަ ހެނދުނު ހޭލާއިރު މަންމަައެއް ބައްޕައެެއް ގެއަކު ނޫޅޭނެ އެވެ. މިގެން ވުމުގެ ސަބަބުން ދަރިންނާއި މަންމަ އާއި ބައްޕަ އާ ދެމެދު އޮންނަ ގުޅުން އޮންނަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ހަފްތާ ބަންދުގައި ދަރިފުޅާއި އޮންނަ ގުޅުން ރަނގަޅު ކުރަން ގިނަ ފަހަރަށް ބޭނުންވިޔަސް ގޭތެރޭގެ މަސައްކަތާއި ހުރެ އެކަން އޮންނަނީ ނުވެފަ އެވެ. އެކަމަކު ވަގުތު ހުސްކޮށްގެން ކުރެވިދާނެ ވަރަށް ފަސޭހަ ކަންތައްތައް އެބަހުއްޓެވެ.

މިސާލަކަށް ގޭގައި ތިއޮތް ސިޓިން ރޫމުގައި ކޭމްޕެއް ހަދާލަ ބަލާށެވެ. ކޮންމެހެން ޓެންޓެއްވެސް އެކަމަށް ބޭނުމެއް ނުވެ އެވެ. ސޯފާ އާއި ބާލީސް އަދި ކުއިލްޓް ބޭނުން ކޮށްގެން ކޭމްޕެއް ތައްޔާރުކޮށްލެވިދާނެ އެވެ. އެއަށްފަހު ކޮންމެސް ކަހަލަ ލުއި ކާއެއްޗެއް ހިފައިގެން ކުދިންނާއެކު އެ ކޭމްޕްގައި ހަމަޖެހިލާށެވެ. މި ކޭމްޕްގައި ކުދިންނާއެކު ކުޅެލާ އެކުދިންނާ ވާހަކަ ދައްކާށެވެ. ކުދިން ދައްކާ ހުރިހާ ވާހަކައެއް ޝައުގުވެރިކަމާއެކު އަޑުއަހަން ވާނެ އެވެ. ބޭނުންނަމަ އެކުދިންނާއެކު އެ ކޭމްޕްގައި އެރޭ ނިދާވެސް ލެވިދާނެ އެވެ. އެކުދިންނަށް ގަނެދޭ އައިޕެޑް އަށް ވުރެ މިއީ އުފާވެރި ހަދިޔާއަކަށް ވާނެ އެވެ. އުފާވެރި ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ އެވެ.

ކޭމްޕުގެ ތެރޭގައި ނުވަތަ އެހެން ހަރަކާތެއްގެ ގޮތުގައި މެމޮރީ ފޮތެއް ތައްޔާރު ކުރެވިދާނެ އެެވެ. ބޭނުން ނުކުރާ މަޖައްލާ ތަކާއި ނޫސްތައް ފުނި ޖައްސާފައި ބެހެއްޓުމުގެ ބަދަލުގައި އޭގެން ފޮޓޯ ކަފައިގެން އެހެން ފޮތެއްގައި ތަތްކޮށްގެން މެމޮރީ ފޮތެއް ތައްޔާރުކުރެވިދާނެ އެވެ. އަދި އޭގައި އިންނަ ފޮޓޯ އަކަށް މަޖާ ވާހަކައެއް ލިޔެވިދާނެ އެވެ. ވާހަކައެއް ލިޔުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ކުއްޖާ ލައްވާ ލިޔުމުން މާ މަޖާވެސް ވާނެ އެވެ.

ދަރިފުޅު ގޮވައިގެން ބުރެއް ޖަހާލަން ދިޔުން ނުޏި، ކޮފީއަކަށް ދިޔުމުން ވެސް ގުޅުން ބަދަހިވެގެން ދެ އެވެ. އަދި އެ ވަގުތުކޮޅުގެ ތެރޭގައިދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރަން ދަރިފުޅަށް ފުރުސަތު ދޭށެވެ. އެކަމަކު ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެއް ކުއްޖަކަށްވުރެ އިތުރަށް ނުގެންދާށެވެ. އެއް ކުއްޖަކަށް ވުރެ ގިނަ ދަރިން ތިބި ނަމަ މިސާލަކަށް ބައްޕަ އެއް ކުއްޖަކު ގޮވައިގެން ދިއުމުން އަނެއް ކުދިންނާއެކު މަންމަ އަށް ކޮންމެސް އެހެން ކަމެއް ކުރެވިދާނެ އެވެ. އަދި އެހެން ހަފްތާއެއްގެ އެހެން ކުއްޖަކު ގެންދާނީ އެވެ. މި ވަގުތުކޮޅުގައި ކުއްޖާއަށް ވަކި ވަރަކަށް ފައިސާ ދެވިދާނެ އެވެ. އޭނަ ބޭނުންކަމެއް އެއިން ކުރުމަށެވެ. އެކަމަކު ކުރަނީ ކޮން ކަމެއްތޯ ބަލަންވާނެ އެެވެ. މިއީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ވާނެ ކަމެކެވެ.

ހާއްސަ ކެއުމެއްވެސް ތައްޔާރު ކުރެވިދާނެ އެވެ. ކެއްކުމުގައި ދަރިފުޅުވެސް ބައިވެރިކޮށްގެންނެވެ. އޭނައަށް ކުރެވޭވަރު ކަންތައްތައް އޭނާ އާިއ ހަވާލުކުރާށެވެ. ބަދިގެ ތެރެ ހަޑިވިއަސް މައްސަލައެއް ނޫނެވެ. ސާފުކުރުމުގައި ކުއްޖާ ބައިވެރި ކުރާނީ އެވެ. މިގޮތަށް ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން ބައިވެރި ކުރުމަކީވެސް އެކުދިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށްލަން ލިބޭ ފުރުސަތަކަށް ވެ އެވެ.