ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ސެމީ ފައިނަލުގައި، މިއަދު ނޭޕާލްގެ މަނަންގް މާސިޔަންގްޑީ ކުލަބާ ދެކޮޅަށް ނިކުންނައިރު، މުޅި ޓީމު އޮތީ ވަރަށް ބޯޑަށް މޯޓީވޭޓް ވެފައި ކަމަށް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ބުނެފި އެވެ.
ޓީސީ ސެމީ ފައިނަލަށް ދަތުރު ކުރީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމާ ދެކޮޅަށް ނިކުންނަ މާސިޔަން އަކީ ވޭތުވެދިޔަ ދެ އަހަރުވެސް، ނޭޕާލްގެ ނެޝަނަލް ލީގްގެ ތިން ވަނަ ޓީމެވެ.
އެޓީމުން ވަނީ މިއަހަރު ފެށުނު ތަނުން ބޭއްވި، ނޭޕާލްގެ ޖަހްޕާ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި، ދެކުނު ކޮރެއާގެ ޕޮޗިއޮން ސިޓިޒެން އެފްސީއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުގައި، އަނިޔާގެ ސަބަބުން، އެޓީމުގެ ކެޕްޓަން އަލީ ނަފިއު (ކަޅޭ) އައި ޑިފެންޑަރު އިންޝާދު ކުޅެފަ އެއް ނުވެއެވެ. ނިޒާމް ބުނީ، މިހާރު ޓީމުގައި އަނިޔާގެ އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ.
"އިއްޔަ މެންދުރު ފަހު ވާނީ ސެމީ ފައިނަލު މެޗަށް ފޯކަސް ކޮށްގެން ފައިނަލް ޕްރެކެޓިސް ކުރިއަށް ގެންގޮސްފަ، މުޅި ޓީމު އޮތީ ވަރަށް ބޮޑަށް މޯޓިވޭޓް ވެފަ، ފައިނަލަށް ދިއުމަށް ވަރުގަދަ ރޫހެއް މުޅި ޓީމުގައި އެބަ ހުރި." ދިވެހި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ނިޒާމް ބުންޏެވެ.
ޓީސީ އާއި މާސިޔަން ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވިރު 5:30 ގަ އެވެ. މެޗު ބައެއް ލޯކަލް ޗެނަލުތަކުން ވަގުތު ދައްކަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.