ކުޅިވަރު

އަންހެން ފުޓްބޯޅަ ބިލާހަކަށް ނުވާނެ ކަމުގެ ވައުދު

ވޭތުވެދިޔަ އަހަރުވެސް، އަންހެން ފުޓްބޯޅަ، ކުރިއަރުވަން އެފްއޭއެމުން މުބާރާތްތައް ބާއްވަން ބަޖެޓްގައި ޖެހި އެވެ. އެ ހުވަފެނުގެ އަވާގައި ދިވެހި ފުޓްބޯޅަ އާއިލާ އާއި އަންހެން ކުޅުންތެރިން ފޮނި އުންމީދުތަކެއް ކުރި އެވެ. އެކަމާ އުފާ ކޮށްވެސް ހެދި އެވެ. ނަަމަވެސް އެންމެ ފަހުން، އެފްއޭއެމް އަށާއި ދިވެހި ފުޓްބޯޅަ އަށް ޖެހުނު ހާލު އަންހެން ފުޓްބޯޅަ މުބާރަތަށް ވެސް ޖެހުނީ އެވެ. އެކަމަށް އުންމީދު ކުރި ކުލަބު ތަކަށާއި ކުޅުންތެރިންނަށް އެ ހުވަފެންވީ ބިލާހަކަށެވެ.

މިއަހަރު ބަޖެޓް ފާސް ކުރުމަށް ބޭއްވި ކޮންގްރެސްގައި ވެސް، އަންހެން ފުޓްބޯޅައިގެ ވާހަކައިގެ އޮލަކަން ގަދަ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ އަންހެން ފުޓްބޯޅަ، ބިލާހަކަށް ނުވެ ކުރިއަށް ގެންްދެވިދާނެތޯ އެވެ. އެކަމާ ބެހޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ސުވާލު ކުރުމުން، އެކަމަށް ފެހި ސިގުނަލެއް ދެއްވި އެވެ. ބައްސާމްގެ ވިސްނުން ހުރީ، އަންހެން ފުޓްބޯޅައިގެ ހަރަކަތްތަކުގައި އެންމެ އިސްކޮށް، އެފްއޭއެމްގެ ނައިބު ރައީސް އައިޝަތު ނާޒިމާގެ ދައުރު ފުޅާ ކުރެއްވުމެވެ.

"ވަރަށް ބާރު ސްޕީޑެއްގައި އަންހެން ފުޓްބޯޅަ އަށް މަޝްވަރާ ކުރެވި ޕްލޭންތައް ހެދިގެން މިދަނީ. ވަކިން ހާއްސަ ކޮށް އަންހެން ފުޓްބޯޅަ އަށް އަމާޒު ކުރެވިގެން އެފްއޭއެމްގެ ނައިބު ރައީސާ ނާޒިމާގެ މަސައްކަތް އެދަނީ، އަޅުގަނޑުމެން ތާވަލު ކުރވިފައި އޮތް އަންހެން ފުޓްބޯޅަ މުބާރާތް އިރާދަ ކުރެއްވިއްޔާ މިއަހަރު ބޭއްވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން، އަންހެން ފުޓްބޯޅަ ލީގެއް ބޭއްވުމަކީ ދުރު ކަމެއް ނޫން ކަމަށް ބައްސާމް ވިދާޅުވި އެވެ. ލީގެއް ބޭއްވި ގެންދާނީ މަދުވެގެން އަށް ޓީމު ހަމަވެގެން ނެވެ. ކުލަބު ތަކަށް ފައިސާ ދޫކުރާއިރު، ކޮންމެ ކުލަބެއްގައި އަންހެން ފުޓްބޯޅަ ޓީމެއް އެކުލަވާލުމަށް، އެފްއޭއެމުން ކުލަބުތަކާއެކު މަޝްވަރާ ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ބަޖެޓްގައި، އަންހެން ފުޓްބޯޅަ އަށް 1.7 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެތެރޭގައި، ބައެއް އަތޮޅުތަކަށް ހާއްސަ ކޮށްގެން އަތޮޅު މުބާރާތް ބޭއްވުމަށް ބަޖެޓްގައި ވަނީ ފައިސާ ކަނޑައެޅިފަ އެވެ. ބައްސާމް ވިދާޅުވީ، ބޭނުމަކީ، އަންހެން ގައުމީ ޓީމަށް، އަތޮޅު ތެރެއިން ކުޅުންތެރިން އުފެއްދުން ކަަމަށެވެ. މީގެ އިތުރުން އަންހެން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް އެވާއަނަސް ކެމްޕޭން ތަކެއް ކުރިއަށް ގެންދިއުމުގެ ވިސްނުންވެސް އެފްއޭއެމްގެ އެބަހުއްޓެވެ.