ކުޅިވަރު

ތާރީހީ މޮޅަކާއެކު ޓީސީ، ބޭރު މުބާރާތެއްގެ ފައިނަލަށް

Feb 27, 2017
3

ސެމީ ފައިނަލުގައި ނޭޕާލްގެ މަނަންގް މާސިޔަންގްޑީ ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ބަންގުލަދޭޝްގައި މިޙާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ފައިނަލަށް، ޓީސީ ސްޕޯޓްސް ކުލަބު ދަތުރު ކޮށްފި އެވެ.

މި މުބާރާތުގެ ފައިނަލަށް ޓީސީ ދަތުރު ކުރުމުން، އެ ޓީމު ވެފައި ވަނީ ބޭރުގެ މުބާރާތެއްގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ދިވެހި ޓީމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީ އިން ވަނީ ގިނަ ހަމަލާ ތަކެއް މަނަންގްގެ ގޯލަށް އަމާޒު ކޮށް، ފޮނުވާލާފައެވެ.

ދެ ވަނަ ހާފުގައި، މަނަންގުން ވަނީ، ކައުންޓަ އެޓޭކުގައި، ޓީސީގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

މެޗުގައި ޓީސީ މޮޅު ކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާ ދެ ތިން މިނެޓަށް ވެފައި ވަނިކޮށް، ކަމިޔާބު ކުރީ، ކެޕްޓަން އަލީ ނާފިއު (ކަޅޭ) އެވެ.

އޭނާ ލަނޑު ޖެހީ ޓީސީއިން ނެގި ހުރަހެއް، މަންންގުގެ ކީޕަރު އަތުން ޕަންޗު ކުރުމުން، ކީޕަރު ކުރިމަތީގައި ހުރުމުން، އޭނާގެ މޭގައި ޖެހިފައި ގޯލް ތެރެއަށް ވަދެގެނެވެ.

ލަނޑަށް ފަހު، މަނަންގް ޓީމުން ވަނީ ކުރިއަށް ޖެހި ޓީސީގެ ގޯލަށް، ފުލުފުލުގައި ހަމަލާ އުފައްދާފަ އެވެ.