ކުޅިވަރު

ޓީސީ ފައިނަލުގައި: ދިވެހި ފުޓްބޯޅައިގެ އާ ތަރުޖަމާ އެއް

ބަންގުލަދޭޝްގައި، މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ފައިނަލަށް، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ދަތުރު ކުރުމުން، ދިވެހި ފުޓްބޯޅައިގެ ބުރަދަން، މީޒާނަށް ލައި ކިރާލަން މީ ރަނގަޅު ވަގުތެކެވެ. އަބަދުވެސް ބޮޑު ހާޖާނުގަނޑެއްގެ ތެރޭގައި އޮތް ދިވެހި ފުޓްބޯޅައަށް ހަމަޖެހުން އަތުވެއްޖެ ކަމުގެ ސާފު މަންޒަރަކީ، ޓީސީގެ މިދަތުރުގައި ވާސިލުވި ހިސާބުކަމަށް ތަރުޖަމާ ކުރެވިދާނެ ހެއްޔެވެ؟

ގިނަ، ޒުވާން ކުޅުންތެރިންނާއެކު، ޓީސީ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމުން، ފުޓްބޯޅައިގެ ކުރިމަގާ މެދު ބޮޑު އުންމީދެއް އެބައޮތެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ސިފަ ކުރާ ގޮތުން، ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދާނެ އާ، ތަރިންތަކެއް، މިހާރު ރާއްޖޭގައި އެބަ ތިއްބެވެ. އަލީ އަޝްފާގް (ދަގަނޑޭ) ރިޕްލޭސް ނުކުރެވުނަސް، ތަފާތު ދެއްކޭނެ ކުޅުންތެރިން މިހާރު ފުޓްބޯޅައިގައި ފެންނަން އެބަތިބި ކަމަށް ނިޒާމް ބުންޏެވެ.

"އަޝްފާގް އެއީ މިލިއަނެއްގެ ތެރެއިން އެކެއް، އަޝްފާގް ރިޕްލޭސް ކުރެވޭ ވަރުގެ ކުޅުންތެރިޔަކު ފެންނަން އިތުރު ގިނަ އަހަރުތަކެއް ހޭދަވާނެ، ނަމަވެސް ތަފާތު ދެއްކޭނެ ކުޅުންތެރިން މިހާރު ރާއްޖޭގެ ފުޓްބޮޅައިގައި ދަނީ އުފެދެމުން،" ރާއްޖޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދި ނިޒާމު ބުންޏެވެ.

ރާއްޖޭގެ ވާހަކަ، ދައްކަނީ އަވަށްޓެރި ބަންގުލަދޭޝް އާއި ނޭޕާލުގަ އެވެ. ޓީސީ އާއި ނިޒާމް އަދި ރާއްޖޭގެ ފުޓްބޯޅަ އަށް، ބަންގުލަދޭޝްގެ މީޑިއާއިން ދަނީ ތައުރީފް އޮއްސަމުން ނެވެ. ޓީސީގެ ކާމިޔާބު އެމީހުން ސިފަ ކުރަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ދުވެލި ބާރު ވެއްޖެ ކަމުގެ ހެއްކެއްގެ ގޮތުގަ އެވެ.

"މިތާންގަ ހުރީމަ މިއެނގެނީ، މިތަނުގެ މީޑިއާތަކާއި، މިތާންގެ އެފްއޭއިން ރާއްޖޭގެ ފުޓްބޯޅަ ސިފަ ކުރާ ގޮތް، އެމީހުން އެބަ ބުނޭ ރައްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ޖެހިލައިފިކަން އެނގިގެން ހިނގައްޖެޔޭ، މުބާރާތުގައި ވާދަ ކުރާ އެހެން ކުލަބުތަކުގެ ކޯޗުން ވެސް ވަރަށް ބޮޑަށް އެކަން ފާހަގަ ކުރޭ،" ބަންގުލަދޭޝްގައި ހުރެ، "އަވަސް"އާ ވާހަކަ ދައްކަމުން ނިޒާމް ބުންޏެވެ.

ފުޓްބޯޅައިގައި، ނޭޕާލުން ރާއްޖެ އަތް ދަށުލައިފާނެ ހެން ހީވި ދުވަސްވަރެއް ވެސް ދިޔަ އެވެ. އެއީ މިދިޔަ އަހަރު، ގައުމީ ޓީމު ކުޅުނު ދެ މުބަރާތުގައިވެސް ލަނޑު ލިބުނީ ނޭޕާލްގެ އަތްދަށުން ކަމަށް ވުމުން ނެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ބަންގުލަދޭޝްގައި ބޭއްވުނު ބަންގުބަންދު ގޯލްޑް ކަޕުގެ ސެމީފައިނަލަށް ގައުމީ ޓީމު ދަތުރު ކުރީ، ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ސެމީ ފައިނަލުގައި ރާއްޖެ ނޭޕާލު އަތުން ބަލިވީ 4-1 ން ނެވެ.

ފެބްރުއަރީ މަހު، އިންޑިއާގައި ބޭއްވި، ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލަށް، ރާއްޖެ ދަތުރު ކުރީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ސެމީ ފައިނަލުގައި އެ ފަހަރުވެސް ރާއްޖެ އަށް ލަނޑު ދިނީ، ނޭޕާލެވެ.

ރާއްޖެ އަށް، ދެން، ނޭޕާލު އަތު ނުލެވޭނެ ކަަމަށް، ދިވެހި ފުޓްބޯޅައިގެ ބައެއް ފަރާތްތަކުންވެސް ބުންޏެވެ. ނަމަވެސް، ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށް، ޓީސީއިން އިން މި ސާބިތުކޮށްދިނީ، ނޭޕާލަށް ދިވެހިން އަތް ދަށު ނުލެވޭނެ ކަމެވެ.

"މިއީ ޓީސީ ކަމަށް ވިޔަސް، މިއީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ކުރިއެރުމެއް، ރާއްޖޭގެ ފުޓްބޯޅަ ކުރި އަރަމުން އަންނަކަން، ވަޒަން ކުރެވިގެންދާ ކަމުގެ ހެއްކެއް، ބޭނުންވަނީ ދިވެހި ޒުވާން ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު އަދިވެސް އިތުރަށް ތަނަވަސް ކޮށްދިނުން،" ނިޒާމު ބުންޏެވެ.

އަހަރުތަކެއް ކުރިން، ބޭރުގެ ކުލަބު ތަކަށް ދައުވަތު ދީގެން، ރާއްޖޭގައި ބޭއްވި ޕޮމިސްކަޕުން ދިވެހި ފުޓްބޯޅަ އަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. ނަމަވެސް އެމުބާރާތް މެދުކެނޑިގެން ދިއުމުން، ކުޅުންތެރިންގެ ފެންވަރު ކުރި އެރުވުމަށް ހުރަސް ތަކެއް ކުރިމަތިވި ކަން ނިޒާމް ފާހަގަ ކުރި އެވެ.

"ލަންކާ ތަންތަން، ބަލި ކުރަން ރާއްޖެ އަށް ދަސްވީ ޕޮމިސް ކަޕުގައި، ލަންކާގެ ކުލަބުތައް ގެނެސް، ރާއްޖޭގެ ކުލަބު ތަކުން އެކުލަބުތަކާ ދެކޮޅަށް ކުޅުމުން، ޕޮމިސްކަޕަކީ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު އެކްސްޕޯޝާއެއް، މިހާރު ރާއްޖެ އަށް ވެސް އިންޓަނޭޝަނަލް ކުލަބު މުބާރާތެއް ވަރަށް މުހިންމު،" ނިންމާލަމުން ނިޒާމް ބުންޏެވެ.