ހޮލީވުޑް އެންމެ މަޝްހޫރީ ބްލޮކްބަސްޓާ ފިލްމުތަކަށެވެ. ބޮޑު އިންޑަސްޓްރީއަކަށްވުމުން ފިލްމެއް އުފެއްދުމަށް 200 މިލިއަން ޑޮލަރު ހޭދަކުރުމަކީ ޕްރޮޑިއުސަރުން ފަސްޖެހޭ ކަމެއް ނޫނެވެ. އެވަރުގެ ބަޖެޓަކުން ނުވަތަ އެއަށް ވުރެ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމު ވެސް ގިނަ ފަހަރަށް ބޮކްސް އޮފީހުގައި ހިޓަކަށްވާތީ އެވެ. ނަމަވެސް މިފަހަރުގެ އޮސްކާ ހަފުލާ އަކީ ބޮޑު ބަޖެޓު ފިލްމުތަކަށް ވުރެން އާދައިގެ ބަޖެޓުތަކުން އުފައްދާފައިވާ ފިލްމުތައް މަޝްހޫރުކޮށްލި ހަފުލާއެކެވެ.
އެގޮތުން ބަލާއިރު ކޮށިއަރައިގެން ދިޔަ އޮސްކާ ހަފުލާ ނިމުމަކަށް އައިއިރު އެންމެ މޮޅު ފިލްމުގެ އެވޯޑް ހާސިލުކުރި "މޫންލައިޓް" އަކީ ހޮލީވުޑުގައި އާންމުކޮށް އުފައްދާ ނުވަތަ އޮސްކާ ފަދަ ބޮޑެތި އެވޯޑް ހަފުލާތަކުގައި ވާދަކުރާ ފިލްމުތަކަށްވުރެން ވަރަށް ކުޑަ ބަޖެޓަކުން އުފައްދައި ފަރިކޮށްފައިވާ ފިލްމެކެވެ.
ޑައިރެކްޓަރު ބެރީ ޖެންކިންސްގެ މި ފިލްމަކީ ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން އެންމެ 25 ދުވަސް ތެރޭގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. މިއީ ހޮލީވުޑްގެ ބޮޑެތި ފިލްމުތަކާ އަޅާބަލާއިރު ވަރަށް ވެސް ދަށް އަދަދުތަކެކެވެ. އަނެއްކޮޅުން މިފަހަރުގެ ރޭހުގައި އެންމެ މޮޅު ފިލްމަށް ވާދަކުރި ނުވަ ފިލްމަށް ބަލާއިރު ވެސް އެންމެ ކުޑަ ބަޖެޓެއް އޮތީ "މޫންލައިޓް" ގެ އެވެ.
މިސާލަކަށް ރޭހުގައި ވާދަކުރި އެހެން ފިލްމުތަކަށް ބަލާއިރު މަގްބޫލު ސައިންސް ފިކްޝަން ފިލްމު "އެރައިވަލް" އަކީ 196 މިލިއަން ޑޮލަރުގެ ފިލްމެކެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑް އަދި ސްކްރީންޕްލޭގެ އެވޯޑް ގެންދިޔަ ފިލްމު "މެންޗެސްޓާ ބައި ދަ ސީ" އަކީ 66.9 މިލިއަން ޑޮލަރުގެ ފިލްމެކެވެ. އެންމެންގެ ފެވަރިޓް "ލާ ލާ ލޭންޑް" އަކީ 369 މިލިއަން ޑޮލަރުގެ ފިލްމެކެވެ.
ދެން ހުރި ފިލްމުތަކަށް ބަލާއިރު "ހެލް އޯ ހައި ވޯޓާ" އަކީ 37 މިލިއަން ޑޮލަރުގެ ފިލްމެކެވެ. "ލަޔަން" ގެ ބަޖެޓް 88 މިލިއަން ޑޮލަރަށް އަރާއިރު "ހިޑެން ފިގާސް" އަކީ 182 މިލިއަން ޑޮލަރުގެ ފިލްމެކެވެ. ޑެންޒެލް ވޮޝިންޓަން ލީޑް ރޯލު ކުޅެފައިވާ "ފެންސެސް" އަކީ 58 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އަދި މެލް ގިބްސަންގެ ޑައިރެކްޝަން "ހެކްސޯ ރިގް" އަކީ 175 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓެކެވެ.
އެހެންވީމަ "މޫންލައިޓް" ގެ ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކީ މި ބަޖެޓްތަކާ އަޅާ ބަލާއިރު ވަރަށް ވެސް ކުޑަ މިންވަރެކެވެ. ނަމަވެސް މި ކުޑަކުޑަ ބަޖެޓުން އުފެއްދި މި ކުޑަކުޑަ ފިލްމުގެ ނުފޫޒާއި މަގްބޫލުކަން މާ ބޮޑެވެ. މިއީ ފިލްމެއް އުފެއްދުމަށް މުހިންމުވަނީ ބަޖެޓެއް އެކަނި ނޫންކަން ސާބިތުކޮށްދިން ފިލްމެކެވެ.
މި ފިލްމުގައި ސަޕޯޓިން ރޯލުތައް ކުޅުނު އިނގިރޭސި ވިލާތުގެ ބަތަލާ ނައޯމީ ހެރިސް އާއި މަހާރްޝާލާ އަލީ އަކީ އޮސްކާގައި އެމީހުންގެ ކެޓަގަރީތަކުގައި ވާދަކުރިން ތަރިންނެވެ. މީގެ އިތުރުން އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބުނުއިރު އެންމެ މޮޅު ޑައިރެކްޝަން އަދި ސްކްރީންޕްލޭ އާއި އޮރިޖިނަލް ސްކޯގެ އެވޯޑަށް ވެސް ވާދަކުރި އެވެ.
ފިލްމުގައި ޑްރަގް އެޑިކްޓެއްގެ ރޯލު ކުޅެފައިވާ ނައޯމީގެ މަންޒަރުތައް ނަގާފައި ވަނީ އެންމެ ތިން ދުވަހުންނެވެ. އޭނާ ބުނެފައި ވަނީ ފިލްމަކީ ނިކަން ކުޑަ ބަޖެޓެއް އޭގައި އޮތް ފިލްމަކަށްވުމުން މުޅި ކްރޫ ވެސް މަސައްކަތްކުރީ ވަރަށް އެކަމާ ވެގެން ކަމަށެވެ.