ކޮރޯނާވައިރަސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާއިރު މި ބަލި ޖެހިދާނެތީ މީހުން ގަންނަ ބިރުގެ ސަބަބުން ހީނުކުރާ ވަރުގެ ގެއްލުމެއް މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފިލްމު އިންޑަސްޓްރީތަކަށް ވެސް ލިބޭނެ ކަމަށް މިހާރު ތަޖުރިބާކާރުން ދަނީ ލަފާ ކުރަމުންނެވެ.
އެވޯޑު ސެރަމަނީތަކާއި ބޭރު ގައުމުތަކުގައި ބާއްވަން ހަމަޖެހިފައިވާ ޝޫޓިންގްތައް އަދި ތިއޭޓަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކާއި ފިލްމުތަކުގެ ޕްރޮމޯޝަންތަކަށް ވެސް މީގެ ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ.
މި ނުރައްކާތެރި ބަލީގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތައް އަދި އަންދާޒާ ކޮށްލަން ވެސް ނޭނގޭއިރު މި ހަފުތާގައި ރިލީޒްވި "ބާޣީ 3" އާއި އަންނަ ހުކުރުގައި ރިލީޒްކުރާ "އަންގްރޭޒީ މީޑިއަމް" އަށް ވެސް ކޮރޯނާ ވައިރަސްގެ ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ. އެގޮތުން މި ދެ ފިލްމުގެ ސްޓާ ކާސްޓުން ފިލްމުތައް ޕްރޮމޯޓް ކުރުމަށް ދިއްލީއަށް ކުރަން އޮތް ދަތުރުތައް ވަނީ ނުކުރަ ގޮތަށް ހަމަޖައްސާފަ އެވެ. ސަބަބަކީ ދިއްލީން ބަޔަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާތީ އެވެ.
އެނަލިސްޓުން ލަފާކުރާ ގޮތުގައި ފިލްމު އިންޑަސްޓްރީއަށް ލިބޭ ގެއްލުން އެތައް ބިލިއަން ޑޮލަރަކަށް އަރާނެ އެވެ.
ސަލްމާން ޚާން ވަރަށް ގިނަ އަދަދެއްގެ ކުރޫން ގޮވައިގެން އަޒަބައިޖާން އަށް "ރާދޭ" ގެ ޝޫޓިންގަށް ކުރަން އޮތް ދަތުރު ވެސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. އަދި މި މަންޒަރުތައް މުމްބައިގައި ނަގަން އޭނާ ވަނީ ނިންމާފަ އެވެ.
މިމަހުގެ ރިލީޒްކުރަން ހަމަޖެހިފައިވާ މިއަހަރުގެ އެންމެ ބޮޑު ފިލްމު "ސޫރިޔަވަންޝީ" ރިލީޒް ކުރުން ލަސް ކުރާނީތޯ ނުވަތަ ނޫންތޯ އަދި އެ ފިލްމު އުފެއްދި ފަރާތުން ބުނެފައެއް ނެތެވެ.
އޭޕްރީލް އަށެއްގައި ރިލީޒް ކުރަން ހަމަޖެހިފައި އޮތް ޖޭމްސް ބޮންޑް ފިލްމު "ނޯ ޓައިމް ޓު ޑައި" މިހާރު ވަނީ ނޮވެމްބަރު މަހަށް ފަސްކޮށްފަ އެވެ.
ކޮރޯނާވައިރަސް އިންޑިޔާގައި ބާރަށް ފެތުރުމުގެ ބިރު އޮތުމުގެ ސަބަބުން ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން މިހާރު ދަނީ ބައްދަލުވުންތައް ބާއްވައި ކުރިޔަށް އޮތް ދުވަސްތަކުގައި ކަންތައްތައް ކުރާނެ ގޮތަކާ ދޭތެރޭ ވިސްނަމުންނެވެ.
ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެވޯޑު ޝޯ ކަމަށްވާ އައިފާ އެވޯޑު ދިނުމުގެ ހަފުލާ ވެސް ފަސްކޮށްފައިވާއިރު ކަރަން ޖޯހަރްގެ "ތަޚްތު" ގެ އިޓަލީ ފަދަ ޔޫރަޕްގެ ގައުމުތަކުގައި ބާއްވަން ހަމަޖެހިފައި އޮތް ޝޫޓިން މިހާރު ވަނީ މަޑުޖައްސާލާފަ އެވެ.
މިހާރު ރިލީޒް ކުރުމުގެ މަގުމަތީގައި އުޅޭ ފިލްމުތަކަށް ހަދާނެ ގޮތެއް ނިންމާނީ މި ހަފުތާގައި ރިލީޒްކުރި "ބާޣީ 3"ގެ ބޮކްސް އޮފީސް ނަތީޖާ ދައްކާ ގޮތަކަށް ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެ އެވެ. އެ ފިލްމު ރަނގަޅަށް ހިނގައިފިނަމަ މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެހެން ފިލްމުތައް ރިލީޒް ކުރުމުގެ ކަންތައް ކުރިޔަށް ގެންދާނެ ކަމަށް ވެއެވެ. ޚާއްސަކޮށް ޔޫއޭއީ ފަދަ މެދުއިރުމަތީގެ ގައުމުތަކުގައި "ބާޣީ 3" އަށް ލިބޭ ތަރުހީބެއް ބަލަން ފިލްމު އިންޑަސްޓްރީގެ މީހުން ތިބީ ވަރަށް ފަރުވާތެރި ކަމާއެކުގަ އެވެ. ސަބަބަކީ ޔޫއޭއީ ފަދަ ގައުމުތަކުން ބޮލީވުޑް ފިލްމުތަކަށް ލިބޭ މާކެޓް ރަނގަޅުވެފައި ފިލްމު ހިނގައިފިނަމަ ލިބޭ ފައިދާ ބޮޑު ކަމުންނެވެ.
ބޮލީވުޑް ނޫނަސް ސައުތު ފިލްމު އިންޑަސްޓްރީން ވެސް ޔޫރަޕްގެ އެކި ގައުމުތަކުގައި ވަރަށް ގިނަ ފިލްމުތަކުގެ ޝޫޓީން ބާއްވަން އޮތީ ހަމަޖައްސާފަ އެވެ. ނަމަވެސް މިހާރު މި ހުރިހާ ފިލްމެއްގެ ޝޫޓިން ވެސް ވަނީ ފަސްކޮށްފަ އެވެ.