ކުޅިވަރު

އުނދަގޫ މެޗެއް، ޓީމުން ކުރި އެރުން ފެންނާނެ

Feb 28, 2017

އޭއެފްސީ ކަޕް ޕްލޭއޮފް ގެ ދެ ވަނަ ލެގުގައި، ރާއްޖޭގެ ކުލަބު ވެލެންސިއާ އިން މިއަދު، އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް ނިކުންނާނެ އެވެ. މާލޭގައި، މި މަހުގެ 21 ގައި ކުޅުނު މެޗު، މޯހަންބަގާންގެ ފަރާތުން، މާ ތަފާތު ކުޅުމެއް ނުފެނުނަސް، މިއަދު އަމިއްލަ ދަނޑުގައި، އެޓީމުގެ ފަރާތުން ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ. ފުރަތަމަ ލެގް މެޗަށް، ރާއްޖެ އަށް އެޓީމު އައީ ޓީމުގެ މުހިންމު ކުޅުންތެރިން ރަށުގައި ބައިތިއްބާފަ އެވެ. ނަމަވެސް މިއަދުގެ މެޗުގައި، ވެލެންސިއާ ދެކޮަޅަށް އެޓީމުގެ "ރަސްމީ" ފުރަތަމަ އެގާރަ ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އެހެންވެއްޖެނަމަ، ވެލެންސިއާ އަށް މެޗުގައި އުނދަގޫ ވެގެންދާނެ އެވެ.

އެކަން ވެލެންސިއާގެ ކޯޗިން ޓީމުންވެސް ގަބޫލު ކުރެ އެވެ. މޯހަންބަގާން މެޗަށް، ކަލްކަތާ އަށް، ވެލެންސިއާ ދިޔައީ، ކުރިން ހަމަޖެހިފައިވާ ތަރީހަށް ވުރެ އަވަހަށެވެ. އެހެންވެ، އެކޮޅުގައި ޓީމު އެކުގައި ހޭދަ ކުރި ވަގުތު ތަކުން ޓީމަށް، ކުރިއެރުން ތަކެއް އައިސްފި ކަން، ޓީމަށް އިރުޝާދު ދޭ، ކުލަބުގެ ޓެކްނިކަލް ޑައިރެކްޓާ އިސްމާއީލް އާސިފު (ކުޑަ ހީނާ) ބުންޏެވެ.

"މީ އަސްލު ބޭނުންވާ ގޮތަކީ، މިގޮތަށް ޓީމު ދުރާލައި، އެއްތަނެއްގައި ތިބެ، އެކުގައި އުޅެ، އެކުގައި ކައި، އެއްކޮށް ޕްރެކްޓިހަށް ނިކުންނަން ފެށީމަ، ޓީމަށް ކުރިއެރުންތަކެއް އައިސްފި، ކުރިން ވެސް ސީޒަންގެ ކުރިންވެސް މިގޮތަށް މަގުފަހި ވިނަމަ އިތުރު ތަފާތު ތަކެއް ގެނެވުނިސް،" ކަލްކަތާގައި ހުރެ، އަވަސްއާ ވާހަކަ ދައްކަމުން ކުޑަ ހީނާ ބުންޏެވެ.

"މުޅި ޓީމު ފޯކަސް މިހުރީ މެޗަށް، ކުޅުންތެރިންނަށް އާ ހިތްވަރެއްވެސް ލިބިއްޖެ، އެހެންނަމަވެސް މެޗަކީ އުނދަގޫ ވަނެ މެޗެއް، ނަމަވެސް މާލޭގެ މެޗަށް ވުރެ ކުޅުން ރަނގަޅު ވެގެންދާނެ،"

އިންޑިއާ އަކީ، އަބަދުވެސް މެޗުން ބޭރުން ޓްރިކްތައް ގިނަ ބައެކެވެ. ރާއްޖޭގައި ވެލެންސިއާއާ ދެކޮޅަށް ކުޅެން، އެޓީމުގެ ކީ ކުޅުންތެރިން ނުގެނައީ އެފަދަ ޓްރިކެއްގެ ރޭވުމުގެ ތެރެއިން ނެވެ. އިދިކޮޅު ޓީމަށް މެޗު ފަސޭހަ ކޮށްލުމުގެ ވިސްނުން ނުސީދާ ގޮތުން ފޯރު ކޮށް ދިނުމުގެ ގޮތުން ނެވެ.

ކަލްކަތާގައި ވެލެންސިއާއާ ދެކޮޅަށް ވެސް އެފަދަ ރޭވުންތެރިކަމެއް ގެންގުޅުނު ކަން ކުޑަ ހީނާގެ ވާހަކަ ތަކުން ދޭހަވެއެވެ.

"ވެލެންސިއާ އިން ދަނޑު ބޭނުންވާ ގަޑީގައި، ދަނޑު ނުލިބުމުގެ މައްސަލައެއްވެސް ކުރިމަތިވި،" ހިނާ ބުންޏެވެ. މީގެ އިތުރުން، އެޓީމުގެ ޕްރެކްޓިސްތައް ބެލުމުގެ ފުރުސަތު ވެލެންސިއާގެ އޮފިޝަލަކަށް ނުލިބޭ ގޮތަށް، އެޓީމުގެ ޕްރެކްޓިސް ސެޝަންތައް ރާވަފައި ހުރިކަން، ކުޑަ ހީނަ ފަހަގަ ކުރިއެވެ.

މޯހަންބަގާން އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ ރައްޖޭ ގަޑިން މިއަދު ހަވީރު 3:30 ގަ އެވެ.