ކުޅިވަރު

22 މިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް އެފްއޭއެމް ތައްޔާރުވަނީ

Feb 28, 2017

އެފްއޭއެމްގެ ދަރަނި މިހަރު 22 މިލިއަނަށް އަރަފައިވާ ކަމަށާއި ދަރަނި އަދާ ކުރުމަށް ޕްލޭން ތަކެއް ގެންގުޅެމުންދާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އެފްއޭއެމްގެ ބަޖެޓް ފާސް ކުރުމަށް ބޭއްވި ކޮންގްރެސްގައި، ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ވޭތުވެދިޔަ ދެތިން އަހަރު، އެފްއޭއެމްގެ ދަރަނި އަދާ ކުރުމަށް މާގިނަ މަސައްކަތްތަކެއް ކުރެވިފަ ނެތް ކަން ފަހާގަ ކުރެވޭ ކަމަށެވެ.

އެހެންވެ، މިއަހަރުގެ ބަޖެޓްގައި، ދަރަނި އަދާ ކުރުމަށް ތިން މިލިއަން ރުފިޔާގެ ވަނީ ލިސްޓް ކޮށްފަ އެވެ. ބައްސާމް ވިދާޅުވީ، މިއީ ދަރަނި އަދާ ކުރުމަށް ބަޖެޓްގައި އަދަދު ކަނޑައެލުނު ފުރަތަމަ ފަހަރު ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ، އެފްއޭއެމްގެ އިދާރީ ހަރަދު ތައް ކުޑަ ކުރުމަށް ކުރިއަށް އޮތް ތަނުގައި އިސަކަން ދެއްވާނެ ކަމަށެވެ. އެފްއޭއެމްގެ ހިންގުމަށާއި އިދާރީ ހަރަދަށް، މިއަހަރުގެ ބަޖެޓްގައި 7.9 މިލިއަން ރުފިޔާ ވަނީ ލިސްޓް ކޯށްފަ އެވެ. އޭގެ ތެރެއިން ފަސް މިލިއަން ރުފިޔާ އަކީ، މުވައްޒަފުންގެ މުސާރަ ދިނުމަށެވެ.

އެފްއޭއެމްގެ މަރުކަޒީގެ އިދާރާގެ އިތުރން، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި، އެފްއޭއެމުން މުވައްޒަފުންގެ އަދަދު 40 އަށް އަރައެވެ.

ބައްސާމް ވިދާޅުވީ، އެހެން އަހަރު ހަރަދުތައް ކުޑަ ކޮށްގެން، މި އަހަރުގެ ބަޖެޓަކީ ވަރަށް ބޮޑުތަން ޑެފިސިޓް ކުރެވި ގެންދާނެ ބަޖެޓަކަށް ވެގެންދާނެ ކަމަށެވެ.