ކުޅިވަރު

އެންރީކޭ އަށް ކުޅުންތެރިންގެ ތާއީދު އެބައޮތް: އިނިއެސްޓާ

Feb 28, 2017

ބާސެލޯނާގެ ކޯޗުކަމުގެ މަގާމުގައި ލުއިސް އެންރީކޭ ދެމިހުންނަން ބޭނުންވާ ކަމަށާއި ބާސެލޯނާގެ ކުޅުންތެރިންގެ ފުރިހަމަ ތާއީދު އެންރީކޭ އަށް އެބައޮތް ކަމަށް ޓީމުގެ މުހިންމު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީ އަތުން ބާސާ 4-0 އިން ބަލިވި މެޗަށް ފަހު އެންރީކޭ އަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެހެން ނަމަވެސް، އޭގެ ފަހުން ލީގުގައި ކުޅުނު ދެ މެޗުން މޮޅުވެ، ބާސާ ވަނީ ހަމަޖެހިލައިފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ބާސާ ވަނީ ކުރި ހޯދައިފަ އެވެ.

"އަހަރެމެން (ކުޅުންތެރިން) މި ތިބީ ކޯޗު އެންރީކޭގެ ފަހަތުގައި. އަހަރެން އުންމީދުކުރަނީ މި ޓީމާއެކު ކުރިއަށް ދިއުމުގެ ހިތްވަރު ކޯޗު ދޫނުކުރާނެ ކަމަށް،" އިނިއެސްޓާ ބުންޏެވެ. "އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް. އެއީ އަހަރެމެންނަށް ލިބުނު ވަރަށް މުހިންމު މޮޅެއް."

ސްޕެއިން ލީގުގައި ބާސާ އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ތަފާތު ބޮޑުކޮށް ބަލިވުމުން، ޗެމްޕިއަންސް ލީގުގައި ބާސާ އަށް އޮތް ފުރުސަތު ވަނީ ހަނިވެފަ އެވެ.

އިނިއެސްޓާ ބުނީ ތަފާތުބޮޑު ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވެފައި އޮތް ނަމަވެސް، ބާސާ އިން އުންމީދު ދުލެއް ނުކުރާނެ ކަމަށެވެ.