ކުޅިވަރު

ވެލެންސިއާ ބަލިކޮށް، މޯހަންބަގާން އޭއެފްސީ ކަޕަށް

Feb 28, 2017

އަމިއްލަ ދަނޑުގައި، ވެލެންސިއާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، 5-2 ގެ އެގްރިގޭޓް ނަތީޖާއިން، އޭއެފްސީ ކަޕުގެ ގުރޫޕް، 'އީ' ގެ ފަހު ޖާގަ މޯހަންބަގާން ހޯދައިފި އެވެ.

އޭޝިއާގެ ފުޓްބޯޅަ އިދާރާއިން، އޭއެފްސީ ކަޕަށް، މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން، ދެކުނު އޭޝިއާގެ ޓީމުތައް ހިމެނެނީ އެއް ޒޯނެއް ގައެވެ. އެއީ ގުރޫޕް 'އީ' އެވެ.

މޯހަންބަގާންގެ އިތުރުން، މިގުރޫޕްގައި ދެން ހިމެނެނީ، އޭއެފްސީ ކަޕުގެ އެންމެ ފަހު ރަނަރަފު، އިންޑިއާގެ ބެންގަލޫރު އެފްސީ އާއި، ރާއްޖޭގެ މާޒިޔާ ސްޕޯޓްސްގެ އިތުރުން، ބަންގުލަދެޝްގެ ޑާކާ އަބްހާނީ އެވެ.

މާލޭގައި، މޯހަންބަގާންއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު، ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

މިއަދު، ކަލްކަތާގެ ރަބިންދަރަސަރަބަރު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޯހަންބަގާން އިން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި، ޖޭޖޭ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ނެވެ. ދެ ވަނަ ލަނޑަކީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ވެލެންސިއާގެ ހުސައިން ނިހާން (ނިހާޓް) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި، ވެލެންސިއާގެ އޮމަޑޫ ގޮޑްފްރޭ ވެސްޓް ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔަބު ކޮށްފަ އެވެ.

މޯހަންބަގާންގެ ތިން ވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޖޭޖޭ އެވެ. ހަތަރު ވަނަ ލަނޑު 84 ވަނަ މިނެޓގައި ކާމިޔާބު ކުރީ، ސޯނީ ނޯޑޭ އެވެ.