ބޮލީވުޑް

ރާނީ އެނބުރި އަންނަ ފިލްމަކީ "ހިޗްކީ"

Mar 1, 2017

މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނިކުތް ފިލްމު "މަރްދާނީ" އިންނެވެ. އެ ފިލްމުގައި ރާނީ ވަނީ ބެލުންތެރިން ސިއްސުވާލި ވަރުގަދަ އެކްޓިން އެއް ދައްކުވައިފަ އެވެ.

އެ ފިލްމުގެ ފަހުން ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަދިތްޔަ ޗޯޕްޅާއާ ކައިވެނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާނީ އާއި އަދިތްޔަ އަށް ވަނީ އެމީހުންގެ އަލަތު ދަރިފުޅު ވެސް ލިބިފަ އެވެ.

ގާތްގަނޑަކަށް ދެ އަހަރުގެ ބްރޭކަކަށްފަހު ރާނީ އެނބުރި ފިލްމީ ދާއިރާއަށް ނިކުންނަން ތައްޔާރުވަމުން އަންނައިރު، އޭނާ އެނބުރި އަންނަ ފިލްމަކީ ފިރިމީހާ އަދިތްޔަގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ޔާޝް ރާޖް ފިލްމްސްއިން އުފައްދާ ފިލްމެކެވެ.

ސިދާތް ޕީ މަލްހޯތުރާ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ނަން ވެސް އާންމުކޮށްފައިވާއިރު، ފިލްމުގެ ނަމަކީ "ހިޗްކީ" އެވެ. މި ފިލްމުގައި ރާނީ ފެނިގެންދާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ރޯލުންނެވެ.

"ހިޗްކީ" އާ ގުޅޭގޮތުން ވާހަކަދައްކަމުން ރާނީ ވަނީ މިހާ ދުވަހު އޭނާ އިންތިޒާރުކުރަމުން އައީ އޭނާ އަށް ޗެލެންޖަކަށް ވާނެ ފަދަ ރޯލެއް ކުޅޭނެ ލިބޭނެ ދުވަހަކަށް ކަމަށާއި އެގޮތުން މި ފިލްމަކީ ތަފާތު އެކްޓިންއެއް ދައްކުވަން އޭނާ އަށް ލިބޭ ފުރުސަތެއް ކަމަށް ބުނެފަ އެވެ.

މި ފިލްމަކީ އަންހެނަކު އޭނާގެ އެންމެ ބޮޑު ބަލިފައި، އެންމެ ބޮޑު ހިތްވަރަށް ބަދަލުކޮށްލާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

އެންމެފުރަތަމަ މި ފިލްމު ހުށަހަޅާފައިވަނީ އިމްރާން ހާޝިމީ އަށެވެ. ނަމަވެސް އިމްރާން އެހެނިހެން ފިލްމުތަކަށް ވަގުތުދީފައިވާތީ މި ފިލްމަށް ވަގުތު ދެވެން ނެތުމުން ފިލްމުގެ ޑައިރެކްޓަރު ސިދާތް ބަނީ އަދިތްޔަ އާއި މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. އަދި އަދިތްޔަ އަށް މި ފިލްމުގެ ސްކްރިޕްޓް ކަމުދިޔުމުން ވަނީ މި ފިލްމުގެ ލީޑް ކެރެކްޓާ އަންހެނެއް ކުޅޭ ގޮތަށް ބަދަލުކޮށް، އެ ރޯލު ކުޅެން ރާނީ ހަމަޖައްސާފަ އެވެ.

މި ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައިނުވާއިރު ޑައިރެކްޓަރު ސިދާތް މީގެކުރިން ވަނީ "ވީއާ ފެމިލީ" ޑައިރެކްޓްކޮށްފަ އެވެ.