ކުޅިވަރު

ޗެމްޕިއަން ކަޓުވާލުމަށްފަހު، ޓީސީއާ ދެކޮޅަށް ޕޮޗެއޮން

ބަންގުލަދޭޝްގައި، މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ސެމީ ފައިނަލު ދެ ވަނަ މެޗުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަންގުލަދޭޝްގެ ޗިޓަގޮންގް އަބްހާނީ ލިމިޓެޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ފައިނަލުގެ ފަހު ޖާގަ، ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓިޒެން އެފްސީ ދަތުރު ކޮށްފި އެވެ.

މިއަންނަ ހުކުރު ދުވަހު، ކުލޭ ފައިނަލު މެޗުގައި، ޕޮޗެއޮން ވާދަ ކުރާނީ، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ޓީސީ ފައިނަލަށް ދަތުރު ކުރީ އިއްޔަ ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗުގައި، ނޭޕާލުގެ މަނަންގް މާޝިޔަންގްޑީ 1-0 ން ބަލި ކުރުމަށް ފަހު އެވެ.

ގުރޫޕް ސްޓޭޖުގައި ޕޮޗެއޮން ހިމެނޫނީ ޓީސީއާ އެކު ގުރޫޕް 'އޭ' ގަ އެވެ. ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 ން އެއް ވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ، ލީޑް ނެގީ ޗިޓަގޮންގުން ނެވެ. މެޗުގެ 20 ވަނަ މިނެޓްގައި އެޓީމުން ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން އެ ލަނޑު ކަމިޔާބު ކުރީ ޖަމާލު ބުއްޔާން އެވެ.

މެޗުގެ 43 ވަނަ މިނެޓްގައި ޕްޗެއޮން އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ލިބުނު ޕެނަލްޓީ އަކުން، ކާމިޔާބު ކުރީ، ޖެންގް ޔޮންގް އެވެ.

ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައި، ޕޮޗެއޮން އިން ވަނީ ލީޑް ނަގާފަ އެވެ. އެޓީމަށް ލީޑް ނަގައިދިނި ޕާކް ސިއޯން އެވެ.

މެޗުގެ 72 ވަނަ މިނެޓްގައި، ޕޮޗެއޮންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ވަނީ ބޯޅަ ޖެހިފަ އެވެ. ނަމަވެސް ރެފްރީ ޕެނަލްޓީ ނުދިނުމުން، ޗިޓަގޮންގްގެ ކުޅުންތެރިން ވަނީ އެކަމާ ހިތް ހަަމަނުޖެހުން ފާޅު ކޮށްފަ އެވެ.

މެޗުގެ 86 ވަނަ ޕޮޗެއޮންގެ ކިމް ޖެންގް އަށް ވަނީ، ކުޅުމުން ބޭރުގައި، ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.