ކުޅިވަރު

ރެއާލްގެ ފަހަތުގައި ރެފްރީންގެ ދައުރެއް ނެތް

Mar 1, 2017
1

ރެއާލް މެޑްރިޑް ތާވަލުގެ އެއް ވަނައިގައި ލީޑް ކުރަމުން ދިއުމުގައި، ރެއްފރީންގެ ދައުރެއް ނެތް ކަމަށާއި، އެކަމުގައި އޮތީ ދަނޑު މަތީގައި ދައްކަމުންދާ ޕޯފޯމަންސް ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އެންމެ ފަހުން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަހަތުން އަރައި ރެއާލް މޮޅުވީ، ރެފްރީންގެ އެހީތެރިކަމާއެކު ކަަމށް ދެކެވޭ ވާހަކައާ ގުޅިގެން، ޒިދާން ބުނީ، އެ މެޗު އަނބުރާ ލެވުނީ އޭނާ ޓީމަށް ގެނައި ބަދަލު ތަކުގެ ސަބަބުން ކަމަށެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި، ޒިދާން ވަނީ ކެސެމިރޯގެ ބަދަލު ގައި، އިސްކޯ ކުޅެން އަރުވާފަ އެވެ. އޭނާ ކުޅެން އެރުވުމުން ރެއާލްގެ ހަމަލާތަކުގައި އޭނާގެ ދައުރު ބޮޑުވެގެން ދިޔަ އެވެ.

"ރެފްރީންގެ މަސައްކަތަކީ އަހަންނާ ބެހޭ ކަމެއް ނޫން، އަހަންނަށް ހީއެއް ނުވޭ އަހަރެންގެ ކުޅުންތެރިން ވެސް އެކަމާ ބެހޭނެ ހެނެއް، އަހަރެންވެސް އަދި އަހަރެންގެ ކުޅުންތެރިންވެސް، ރެފްރީންނަށް އިހްތިރާމް ކުރާނެ،" ޒިދާން ބުންޏެވެ.

ވިޔަ ރެއާލްއާ ދެކޮޅަށް، ރެއާލް ކުޅުނު މެޗަށް ފަހު، ވިޔަ ރެއާލްގެ ރައީސް އަދި ސްޕެއިންގެ ބިލިއަނަރު ފެނާންޑޯ ރޮއިގް ވިދާޅުވެފައި ވަނީ، މެޗު ނިންމާފައި ރެފްރީ ދަނޑުން ދިޔައީ "ރެއާލުގެ ދަބަހެއް" ހިފައިގެން ކަމަށެވެ.

ނަމަވެސް ޒިދާން ބުނީ ރޮއިގް ދެއްކި ވާހަކަ އަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި އެންމެންނަށްވެސް އޭނާ އިހްތިރާމް ކުރާ ކަމަށެވެ.

"އަަހަރެން ގަބޫލެއް ނުކުރަން އެއީ ހަގީގަތެއް ކަމަށް،" ޒިދާން ބުންޏެވެ.

އެ މެޗުގައި، ރެއާލްގެ އަލްވަރޯ މޮރާޓާ އާއި އިސްކޯ، ރެފްރީއާ ވާހަކަ ދައްކާ މަންޒަރުގެ ފޮޓޯއެއް ހިއްސާ ކުރުމަށްފަހު، ނޫސްވެރިޔަކު ކުރި ސުވަލަށް ޖަވާބު ދެމުން، ޒިދާން ބުނީ އެ ދެކުޅުންތެރިން ސަމާސާ ކުރީ ކަމަށާއި އެއިން އެއްވެސް ކަމަކާ، ރެފްރީއާ ގުޅުމެއް ނެތް ކަމަށެވެ. އަދި އެ ދެކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މެޗުގެ ތެރެއަށް ވަދެ މަސައްކަތް ކުރި ކަމަށް ޒިދާން ބުންޏެވެ.