ކުޅިވަރު

މާކެޓްގައި ޗައިނާގެ ކުލަބު ތަކުން، 331 މިލިއަން ޕައުންޑް ހޭދަކުރި

Mar 1, 2017

ނިމިގެންދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ޗައިނާގެ ކުލަބު ތަކުން، އާ ކުޅުންތެރިން ގެންނަން 331 މިލިއަން ޕައުންޑް ހޭދަ ކޯށްފައިވާ ކަމަށް، ހިސާބު ތަކުން ދައްކައިފި އެވެ.

ޗައިނާގެ ޓްރާންސްފާ ޕީރިއަޑް މިދިޔަ ހޯމަ ދުވަހު ވަނީ، ނިމިފަ އެވެ. ޗައިނީސް ސްޕަލީގް ކުލަބު ތަކުން، ވަނީ ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި އިނގިރޭސި ކުލަބު ތަކުން ހޭދަ ކުރި ރެކޯޑް ފަހަތަށް ޖައްސާލާފަ އެވެ. އިނގިރޭސި ކުލަބު ތަކުން ޖެނުއަރީ ޓްރާންސްފާ ގައި ހޭދަ ކުރީ، 215 މިލިއަން ޕައުންޑެވެ.

ޗެލްސީ އަށް ކުޅެމުން ދިޔަ ބްރެޒިލްގެ އޮސްކާ، ގެންދަން ޝެންހާއީ އެސްޕީއައިޖީ އިން ހޭދަ ކޮށްފައި ވަނީ، 60 މިލިއަން ޕައުންޑެވެ. އާޖެންޓީނާގެ ކާލޯސް ޓޭވޭޒް ގެންދަން، ޝެންހާއި ޝެންހުއާއިން ހޭދަ ކޮށްފައި 40 މިލިއަނެވެ.

ނަމަވެސް ޓެވޭޒް އެ ޓީމަށް ގެނެސްފައި ވަނީ، ދުނިޔޭގެ އެންމެ މުސަރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ޓެވޭޒްގެ މުސާރައިގެ ގޮތުގައި އަހަރަކު 31 މިލިއަން ޕައުންޑް ލިބެއެވެ.

މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މުސާރަ އަށް ވުރެ ބޮޑު އަދަދެކެވެ. ޗައިނާގެ ރައީސްގެ އަސާސީ މުސާރައަށް ލިބެނީ އަހަރަކު 16000 ޕައުންޑެވެ. ޓެވޭޒްއަށް ހަފުތާ އަކުން އެކަނިވެސް އެއަށްވުރެ ބޮޑު މުސާރަ އެއް ލިބެ އެވެ.

ޗައިނާގެ ކުލަބު ތަކުން ބޮޑެތި ޓްރާންސްފާގެ ޑީލްތައް ހެދި ނަަމަވެސް، ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބޭރު ކުޅުންތެރިންގެ ކޯޓާ ކަނޑައަޅާފަ އެވެ. މިމަހު ފެށޭ، ޗައިނާގެ ފުޓްބޯޅަ ސީޒަންގައި ކުޅެވޭނީ، ގައުމުން ބޭރުގެ ތިން ކުޅުންތެރިން ނަށެވެ.

މިދިޔަ އަހަރު ޗައިނާގެ ސްޕަލީގްގެ ކުލަބު ތަކުން، ހޭދަ ކޮށްފައި ވަނީ، 36 މިލިއަން ޕައުންޑެވެ.