ބޭރު ކުޅިވަރު

ޑިބާލާގެ ދެ ލަނޑާއެކު ނަޕޯލީގެ މައްޗަށް ޔުވެންޓަސް ކުރި ހޯދައިފި

Mar 1, 2017

ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގެ ފުރަަތަމަ ލެގުގައި ރޭ ނަޕޯލީ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ، ޔުވެންޓަސް ފައިނަލްގެ އުންމީދު ބޮޑުކޮށްފި އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ 36 ވަނަ މިނިޓުގައި ނަޕޯލީން ލީޑު ނެގީ ހޯސޭ ކަލެހޯން ޖެހި ލަނޑުންނެވެ. ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ 49 ވަނަ މިނިޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އާޖެންޓީނާގެ ފޯވަޑް ޑިބާލާ އެވެ.

ޔުވެންޓަސް އަށް މެޗުގެ 64 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އެވެ. އަދި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 69 ވަނަ މިނިޓުގައި ތިން ވަނަ ލަނޑު ޖަހައިދިނީ ޑިބާލާ އެވެ. މި މެޗުގައި ޔުވެންޓަސް އަށް ދެ ޕެނަލްޓީ ދިން ރެފްރީ ޕައޮލޯ ވަލޭރީއާމެދު ނަޕޯލީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނަޕޯލީގެ ގޯލްކީޕަރު ޕެޕޭ ރެއިނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީން ބޭނުންވި ގޮތަށް ކުޅެވުނު ކަަމަށާއި ފުރަތަމަ ހާފުގައި ޔުވެންޓަސް އޮތީ "ރޫޅިފައި" ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ރެފްރީގެ ބައެއް ނިންމުންތަކާހެދި ޔުވެންޓަސް ކޮޅަށް ނަަތީޖާ އެނބުރުނީ ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ މި މެޗުގައި ޔުވެންޓަސް އިން ދެއްކި ކުޅުމަށް ބަލާއިރު، މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށެެވެ.

"ރެފްރީންގެ ނިންމުންތަކާމެދު އެއްޗެއް ބުނާކަށް ބޭނުމެއް ނޫން. އަހަންނަށް ދަނޑު މަތިން ފެނުނު ގޮތުގައި ދެ ޕެނަލްޓީ ދިނީ ރަނގަޅަށް،" އަލެގްރީ ބުންޏެވެ. -- ހަސަން ޝިފާން