ކުޅިވަރު

ބާސާއިން މެސީއަށް ބަރޯސާވުން މައްސަލައެއް ނޫން

Mar 1, 2017

އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށް، މިދިޔަ ހަފުތާގައި ބާސާ ކުޅުނު މެޗުގައި، އެ ޓީމު މޮޅުކޮށް ދިނީ ލިއޮނަލް މެސީ އެވެ. އޭގެ ކުރިން ލެގަނޭޒް އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ބާސާގެ ތަފާތަކަށްވީ މެސީ އެވެ. ބާސާގެ ކޯޗް ލުއިސް އެންރީކޭ ގަބޫލު ކުރާ ގޮތުގައި، ބާސާއިން ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ބަރޯސާ ވުމަކީ މައްސަލަ އެއް ނޫނެވެ. އަދި މެޗުގެ ފަހު ހާފުގައި ނަތީޖާ ނެރުމަށް، އެންރިކޭ ޓެކްޓިކްސް އޭނާ ބަދަލު ކޮށްލަނީ، މެސީގެ ދައުރު ބޮޑުވާ ގޮތަށެވެ.

މިރޭ ސްޕޯޓިން ޖިއޯންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އެންރީކޭ ބުނީ، އަހަރުތަކެއް ވަންދެން، މެސީ އަށް ބަރޯސާ ވާން ބާސާ ބޭނުންވާ ކަމަށެވެ.

"މެސީ އަށް ބަރޯސާ ވުމަކީ މައްސަލަ އެއް ކަމަށް ދެކިގެން ނުވާނެ،" އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އެ ޓީމެއްގެ ހުރެފައި އެ ކުޅުންތެރިޔާ ބަރޯސާ ނުވާނެ އެއްވެސް ކޯޗެއް ނުހުންނާނެ ކަމަށެވެ.

"އަހަރެން ބޭނުން ގިނަ އަހަރު ތަކެއް ވަންދެން މެސީ އަށް ބަރޯސާ ވެގެން ކުޅުވަން،"

މިރޭ ސްޕޯޓިން ޖިއޯންއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން އެންރީކޭ ބުނީ ވަރުގަދަ މެޗަކަށް ވާނެ ކަމަށާއި، ބާސާއިން އެޓީމުގެ ހަމަލާ ތަކާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ.

"ސްޕޯޓިންގެ ހަމަލާ ތަކަކީ ވަރަށް ބޮޑަށް ރޭވިގެން އަންނަ ހަމަލާ ތަކެއް، އެ ޓީމުން ރެލިގޭޝަން ޒޯނުން ސަލާމަތްވާން ކުރާ ދަތުރުގައި، ދެ ގުނަ މަސައްކަތް ކުރާނެ،" އެންރިކޭ ބުންޏެވެ.

އޭނާ ބުނީ ޖިއޯން އަށް އަބަދުވެސް އޭނާ ހެޔޮ އެދޭ ކަމަށާއި އޭނޭ (އެންރީކޭ) އެންމެ ކުޑައިރު ސަޕޯޓް ކުރީ ޖިއޯން ކަމަށެވެ.