ދިވެހި ސިނަމާ

މިރޭ އޮތީ "މަލިކާ" ނޫސްވެރިންނަށް ދެއްކުން

Mar 1, 2017

އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި "މަލިކާ" ގެ ޝޯތައް މިރޭ އޮލިމްޕަހުގައި ފަށަން ތައްޔާރުވެއްޖެ އެވެ. ނަމަވެސް މިރޭގެ ޝޯ އަކީ މީޑިއާތަކަށް ހާއްސަކޮށްފައިވާ ޝޯއެކެވެ.

މައްލާ ނާސިރު އާއި އިބްރާހިމް ރަޝީދު ޕްރޮޑިއުސްކޮށް އަލީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރިޕްޓަކަށް އުފައްދާފައިވާ ނިކަން އަސަރުގަދަ އާއިލީ ފިލްމެކެވެ. ރާއްޖޭގެ އިޖުތިމާއީ ހާލަތުން އިބްރަތްތަކެއް ހާސިލުކުރުމަށް އެދެނީ ނަމަ މި ފިލްމަކީ ކޮންމެހެން ބަލަން ޖެހޭ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެ އެވެ.

މި ފިލްމުގައި ލީޑް ރޯލު ކުޅެފައ ވަނީ މުޅިން އަލަށް ފިލްމީ ދާއިރާ އަށް ތައާރަފްވާ ބަތަލާއެއް ކަމުގައިވާ ނުޒުހަތު ޝުއައިބު އެވެ. އޭނާގެ އިތުރުން ފިލްމީ ދާއިރާގެ ޒުވާން އަދި އެންމެ މަގްބޫލު އެއް މޫނު ކަމުގައިވާ މުހައްމަދު ޖުމައްޔިލް ވެސް ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. އެހެން ތަރިންގެ ތެރޭގައި އަލީ އާޒިމް އާއި ފާތިމަތު އާޒިފާ އަދި މަރިޔަމް ޝަކީލާ ފަދަ ތަޖުރިބާކާރު އެކްޓަރުން ވެސް ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމާ ބެހޭ ގޮތުން ބިންމާ އިބްރާހިމް ވަހީދު ބުނެފައި ވަނީ މިއީ އޭނާގެ ލިޔުނު ސްކްރިޕްޓްތަކަށް ބަލާއިރު މިހާތަނަށް ސްކްރީނަށް އަންނަ އެންމެ ރަނގަޅު އެއް ފިލްމަށް ވެގެންދާނެ ކަމަށެވެ.

ރެޑް ކާޕެޓާ އެކު ފިލްމު ޕްރިމިއާކުރާނީ މާދަމާ ރެ އެވެ. އެ ޝޯގެ ޓިކެޓްގެ އަގަކީ 200ރ. އެވެ. އެއަށް ފަހު ފިލްމުގެ ވިއްސަކަށް ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ޓިކެޓްގެ އަގަކީ 100ރ. އެވެ.