ކުޅިވަރު

ބެންޒެމާއަށް އަލުން ފްރާންސް ޓީމުން ފުރުސަތު ދެނީ

Mar 2, 2017

ސެކްސް ޓޭޕެއް ބޭނުން ކޮށްގެން، ފްރާންސްގެ މިޑްފީލްޑާ މެތިއު ވެލްބުއޭނާގެ، ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގައި، ފްރާންސްގެ ގައުމީ ޓީމުން ބޭރު ކުރި، އެ ޓީމުގެ ފޯވަޑް ކަރީމް ބެންޒެމާ އަށް އަލުން ފްރާންސް ޓީމުން ފުރުސަތު ދިނުމާ މެދު ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝަމްޕްސް ވާހަކަ ދައްކައިފި އެވެ.

ގައުމީ ޓީމުން، ބެންޒެމާ އަށް ފުރުސަތު ނުދޭތާ، އެއް އަހަރާއި ތިން މަސް ވަނީ ހޭދަވެފައެވެ.

މިމަހު ފަހު ކޮޅު، ފްރާންސް ކުރިމަތިލާ އިންޓަނޭޝަނަލް މެޗްތަކަށް، ބެންޒެމާ އަށް ފުރުސަތު ދޭނެ ކަމުގެ އިޝާރާތެއް ޑިޝަމްޕްސް ވަނީ ދީފަ އެވެ.

"ޓީމަށް އެއީ ރަނގަޅެއް ނަމަ، އަހަރެން ބެންޒެމާ އަށް ޓީމުން އަލުން ފުރުސަތު ދޭނަން،" 1998 ގެ ވޯލްޑްކަޕް ފްރާންސުން ކާމިޔާބު ކުރިިއިރު، ޓީމުގެ ކްޕްޓަން ކަން ކުރި ޑެޝަމްޕްސް ބުންޏެވެ.

"އަހަރެން އަބަދުވެސް ނިންމުން ނިންމަނީ ކުޅިވަރުގެ ސަބަބަކަށް، އަހަރެން އަބަދުވެސް އަހަރެންގެ އަމިއްލަ ނަފުސާ ސުވާލު ކުރަން އެއީ ޓީމަށް އެންމެ ފައިދާ ހުރި ނިންމުންތޯ،" ޑެޝަމްޕްސް،48 ބުންޏެވެ.

އޭނާ ބުނީ، ރެއާލް މެޑްރިޑަށް ކުޅެމުންދާ ބެންޒެމާ އާއި އެހެން ކުޅުންތެރިންނާ ދެމެދު އޭނާ ތަފާތު ކުރުމެއް ނުގެން ގުޅޭ ކަމަށެވެ. އަދި ކުރިން ހިނގި ކަމަކާ މެދު، މިހާރު ބެންޒެމާއާ މެދު ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"އެހެން ބައެއް ކުޅުންތެރިން ވަނީ އަހަންނާ މެދު ހިތްހަމަ ނުޖެހޭކަމަށް ކޮމެންޓް ކޮށްފަ، ނަމަވެސް އެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ނުދީ އެއް އަހަންނެއް ނުހުންނާނެ، އެކަމަކީ އެކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބުން ހުއްޓެންވީ ސަބަބެއް ނޫން،"

އޭނާ ބުނީ ބެންޒެމާ އަކީ ފްރާންސްގައި ހުރި އެންމެ މޮޅު ފޯވަޑް ކަމަށާއި އޭނާ ގައުމީ ޓީމަށް ނުގެންނަންވީ ސަބަބެއް ނެތް ކަމަށެވެ.

"ކިހިނެއްތޯ އެނގެނީ މާދަމާ ވާނެ ގޮތެއް، ލަސަންނާ ޑިއޭރާވެސް ގައުމީ ޓީމަށް އެނބުރި އައީ ފަސް އަހަރު ފަހުން،" ޑެޝަމްޕްސް ބުންޏެވެ.