ކުޅިވަރު

ޔޫރޯ 2024 އަށް ޖަރުމަނުން ބިޑް ކުރަނީ

Mar 2, 2017

ދެހާސް ސައުވިސް ވަނަ އަހަރު ބާއްވާ، ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަން ޖަރުމަނުން ބިޑް ކުރުމަށް ތައްޔާރު ވެއްޖެ އެވެ.

ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، ބިޑް ހުށަހެޅުމަށް ހުޅުވައިލާފައިވާ މަރުހަލާ އަށް ޖަރުމަނުން ވަންނާނެ ކަމަށެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހު މަރުހަލާ އަކީ މާދަމާގެ ނިޔަލަ ށެވެ.

ޖަރުމަނުން ވަނީ، މިދިޔަ ޖަނަވަރީ މަހު، އެ ގައުމުން ހުށަހަޅަން ތައްޔާރުވާ، ޕްރަޕޯސަލް ވެސް ތައްޔާރު ކޮށްފަ އެވެ. އެގައުމުން ވަނީ ޔޫރޯ ބިޑްގައި 10 ސްޓޭޑިއަމް ހިމެނޭނެ ކަމަށް ބުނެފަ އެވެ.

"އަހަރެން ޔޫއެފްއާގެ ފަރާތްކަށް ބުނެލަން ބޭނުން ޔޫރޯ ފުޓްބޯޅަ މުބާރާތް ބިޑް ކާމިޔާބު ކުރުމަށް ޖަރުމަން އޮތީ އެކީ އެކީގައި ކަން،" ޖަރުމަންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ރައިންހާޑް ގްރޭންޑަލް ވިދާޅުވި އެވެ.

އެ އަހަރުގެ ޔޫރޯ ބާއްވަން، ޖަރުމަނާއި އެންމެ ވާދަ ކުރާނެ ކަމަށް ބެލެވެނީ ތުރުކީ އެވެ. އެގައުމުން ވަނީ، އެގައުމުގެ ބިޑް މިދިޔަ މަހު ތައްޔާރު ކޮށްފަ އެވެ. ދެހާސް ސައުވިސް ވަނަ އަހަރު ވެގެންދާނީ ތުރުކީ އަށް ހާއްސަ އަހަރަކަށެވެ. ތުރުކީގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ރާވަމުން ދަނީ 2023 އަށް އަމާޒު ކޮށްގެނެވެ. އެއީ ތުރުކީ އުފެދުނުތާ 100 އަހަރު ފުރޭ އަހަރެވެ. އެގައުމުގެ އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް، ދުނިޔޭގެ އެންމެ ވަރުގަދަ 10 އިގްތިސޯދުގެ ތެރޭގައި އެ ގައުމު ހިމެނުމެވެ.

ޖަރުމަނާއި ތުރުކީއާ ވާދަ ކުރަން އަންނަނީ ޖޮއިންޓް ބިޑަކާ އެކު އަންނަ "ސްކޭންޑިނޭވިއާ" ގެ ނަމުގައި މަޝްހޫރު ވެފައިވާ ތިން ގައުމު ކަމަށްވާ ސްވިޑެން އާއި ޑެންމާކް އަދި ނޯވޭ އެކުވެގެން ހުށަހަޅާ ބިޑެވެ.

ދެހާސް ސައުވިސް ވަނަ އަހަރުގެ ކުރިން، އޮންނާނީ 2020 ވަނަ އަހަރުގެ ޔޫރޯ އެވެ. ޔޫއެފްއާއިން އެ މުބާރާތް ބާއްވަން ފުރުސަތު ދިނީ ތުރުކީ އަށެވެ. ނަމަވެސް އެ އަހަރުގެ ފިނިމޫސުމުގެ އޮލިމްޕިކްސް އެ ގައުމުގައި އޮންނާތީ، ޔޫއެފްއާ އިން ނިންމީ 2020 ވަނަ އަހަރުގެ ޔޫރޯ، ޔޫރަޕްގެ އެކި ސިޓީ ތަކުގައި ކުޅުމަށެވެ.