ބޮލީވުޑް

ސަލްމާންގެ "ޓިއުބްލައިޓް" ގައި ކެޓްރީނާ ނުޅޭ

Mar 2, 2017

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ނިކުތް ފިލްމު "ބާރް ބާރް ދޭކޯ" އަށް ފަހު ބަތަލާ ކެޓްރީނާގެ ފިލްމެއް ރިލީޒްވެފައެއްނުވެ އެވެ.

މިމަހުގެ ތެރޭގައި ސުޕަސްޓާ ސަލްމާން ޚާން އާއެކު ކުޅޭ "ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނައިރު، ސަލްމާންގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ޓިއުބްލައިޓް" ގެ މެހެމާނެއްގެ ރޯލުން ކެޓްރީނާ ފެނިގެންދާނެ ކަމުގެ ވާހަކަތަކެއް އަންްނަނީ ދެކެވެމުންނެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ "ޓިއުބްލައިޓް" ގެ މެހެމާނެއްގެ ރޯލުން ކެޓްރީނާ ފެނިގެންދާނެ ކަމުގެ ވާހަަކަތަކެއް ދެކެވެމުން އަންނައިރު، މި ފިލްމުގެ މެހެމާނެއްގެ ރޯލުން ސުޕަސްޓާ ޝާހްރުކް ޚާންގެ ފެނިގެންދާނެ އެވެ. އެކަން ޑައިރެކްޓަރު ކަބީރް ވަނީ ޔަގީން ވެސް ކޮށްދީފަ އެވެ. ޝާހްރުކް މި ފިލްމުގައި ފެނިގެންދާނީ ޖާދޫގަރެއްގެ ރޯލުންނެވެ.

ސަލްމާން އާއެކު ބަތަލާގެ ރޯލުން ޗައިނާގެ މަޝްހޫރު ބަތަލާ ޒޫ ޒޫ ފެނިގެންދާ މި ފިލްމަކީ 1960ން 1962 އަށް އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެންކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ކެޓްރީނާ ފެނިގެންދާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފައިވާއިރު ކެޓްރީނާ ވަނީ މި ފިލްމުގެ އެއްވެސް މަންޒަރެއް އޭނާ ކުޅެފައިނުވާނެ ކަމަށް ބުނެފަ އެވެ.

ފިތުރު އީދާ ދިމާކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ މުހިންމު ރޯލަކުން ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސުހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ. އަދި މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ލަޅަކްގެ އިތުރުން އިންޑިއާގެ މަނާލީ އާއި މުމްބާއީގަ އެވެ.

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.