ކުޅިވަރު

ރެއާލް ބޮނޑި ބޮއެފި، ބާސާ އެއް ވަނަ އަށް

Mar 2, 2017

ރޭ ސްޕޯޓިން ޖިޔޯންގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ބާސާ މޮޅުވެ، ދިހަ ކުޅުންތެރިންނާއެކު، ލަސްޕަލަމްސް އަތުން، 3-3 އިން ރެއާލް މެޑްރިޑް އެއްވަރުވުމުން، ބާސާ ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރޭ ގެ މެޗުގެ 47 ވަނަ މިނެޓްގައި ރެއާލްގެ ގެރެތު ބޭލް އާއި ލަސްޕަލަމަސްގެ ކެޕްޓަން ޖޮނަތަން ވިއޭރާއާ ދެމެދު ހިނގި ކުރިމަތި ލުމެއްގައި، ރެފްރީ ވަނީ ބޭލް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު، އަށް ވަނަ މިނެޓް ތެރޭގައި ރެއާލް އަށް ކާމިޔާބު ކޮށް ދިނީ، އިސްކޯ އެވެ. ރެއާލް އަށް ލީޑްގައި އޮވެވުނީ، މިނެޓެއް ހާއިރު އެވެ. އޭގެ އެއް މިނެޓް ފަހުން، ޓާނާ ވަނީ، ލަސްޕަލަމްސް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އޭގެ ދެ މިނެޓް ފަހުން އަލްވާރޯ މޮރާޓާ ޖެހި ގޯލް، ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މެޗުގެ 56 ވަނަ މިނެޓްގައި، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކެޕްޓަން، ސާޖިއޯ ރާމޯސް އަތުގައި ބޯޅަ ޖެހުމުން، ލަސްޕަލަމަސް އަށް ދިން ޕެނަލްޓީ ގައި، އެ ޓީމަށް ލީޑް ނަގައިދިނީ، ވިއޭރާ އެވެ. އެ ލަނޑު، ގޯލަށް ވަނީ، ރެއާލްގެ ގޯލްކީޕަރު، ނާވަސްގެ ފައިގައި ޖެހިފަ އެވެ.

މެޗުގެ 59 ވަނަ މިނެޓްގައި، ރެއާލްގެ ހާފުގެ ތެރެއިން ލަސްޕަލަމަސްގެ ކެވިން ޕްރިންސް ބޮއަޓޭންގް އަށް ލިބުނު ބޯޅަ، ހިފައިގެން، ރެއާލްގެ ޕަނަލްޓީ އޭރިއާ އާ ހަމަޔަށް ގޮސް، އޭނާ ގޯލް ތެރެއަށް ބޯލަ ފޮނުވާލީ، ކީޕަރު ނާވަސް ކައިރިންވެސް ނައްޓާ ލުމަށްފަހު އެވެ.

އެ ނަތީޖާއިން ރެއާލް ބަލިވެދާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުގައި ރޮނާލްޑޯ ވަނީ ރެއާލް އަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ، 86 ވަނަ މިނެޓްގައި، ލަސްޕަލްމަސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި، ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އެއް ގައެވެ.

އަދި ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކުރީ، 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަމޭސް ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.

ރެއާލް މެޗުގެ ކުރިން، ސްޕޯޓިން ޖިޔޯންއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި، އެޓީމުން ވަނީ ކޮންމެ ހާފެއްގައި ތިން ލަނޑު ކާމިޔަބު ކޮށްފަ އެވެ. ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ލުއިސް ސުއަރޭޒް އެވެ.

ބާސާ އަށް މެޗުގައި ލީޑް ނަގައިދިނީ މެސީ އެވެ. ފުރަތަމަ ހާފުގައި ޖެހި، އަނެއް ދެ ލަނޑު ކަމިޔާބު ކުރީ ސުއަރޭޒް އެވެ.

ދެ ވަނަ ހާފުގައި އެޓީމުގެ ތިން ލަނޑު ކާމިޔާބު ކުރީ، ޕަކޯ އެލްކަސިރު އާއި ނޭމާގެ އިތުރުން އީވާން ރެކިޓިޗް އެވެ.

ރެލިގޭޓް ވުމުގެ ބިރު ކުރި މަތި ވެފައިވާ ޖިޔޯންގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ކާލޯސް ކެސްޓްރޯ އެވެ.

އެއް ވަނައިގައި ބާސާ އޮތީ، އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 57 ޕޮއިންޓް ލިބިފައި ވާއިރު، ރެއަލް އަށް ލިބިފައި ވަނީ 56 ޕޮއިންޓެވެ.

ނަމަވެސް، ބާސާ އެއް ވަނައިގައި އޮތީ، ރެއާލް އަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.