ކުޅިވަރު

ބާސާ ދޫކޮށްލަން އެންރީކޭ ނިންމައިފި

Mar 2, 2017

ސްޕޯޓިން ޖިއޯން އަތުން، ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ތާވަލުގެ އެއް ވަނަ އަށް ބާސެލޯނާ ޖެހިލުމުން، މުޅި ކޭމްޕްނޫ ސްޓޭޑިއަމް އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން، މެޗު ބަލަމުން ދިޔަ ބާސެލޯނާގެ ސަޕޯޓަރުން އުފަލުން ކައްކާލި އެވެ. ނަމަވެސް، އެމެޗަށް ފަހު، ބާސާގެ ސަޕޯޓަރުންނަށް އޮތީ ހިތާމަވެރި ހަބަރެކެވެ. އެޓީމުގެ ހަޔާތުގައި ފެނުނު ހަތަރު ވަނަ އަށް އެންމެ ކާމިޔަބު ކޯޗް ލުއިސް އެންރިކޭ އެ ޓީމުގެ ކޯޗް ކަން ދުކޮށްލާނެ ކަން އިއުލާން ކުރި ހަބަރެވެ.

ޖިއޯންގެ މެޗަށް ފަހު، ބޭއްވި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި އެންރީކޭ ވަނީ، މި ސީޒަނަށް ފަހު، ބާސާގެ ކޯޗު ކަން ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. ހީވާ ގޮތުގައި، އެންރީކޭ، ހުރީ އެކަން އިއުލާން ކުރަން އެކަށީގެންވާ ވަގުތެއް ނުލިބިފަ އެވެ. އެހެންވެ، ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ޓީމު ތާވަލުގެ އެއް ވަނަ އަށް ގެންގޮސް ދިނުމަށްފަހު، އެކަން އިއުލާން ކުރަން އެއީ ދެން އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ނިންމި އެވެ.

"އަންނަ ސީޒަންގައި ބާސެލޯނާގެ ކޯޗްގެ ގޮތުގައި އަހަންނެއް ނުހުންނާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން، އެންރީކޭ ބުންޏެވެ.

"މިއީ އަހަންނަށް ވަރަށް އުނދަގޫ ނިންމުމެއް، މި ނިންމުމާ ހަމަޔަށް އައީ ވަރަށް ގިނައިން އެކަމާ ވިސްނާފަ، އަހަރެން ގަބޫލު ކުރާ ކަމެއްގައި އަހަރެން ތެދުވެރިވެ އިންސާފު ވެރިވާން ޖެހޭނެ،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ، ބާސާގެ ބޯޑާ، އެ ވާހަކަ ހިއްސާ ކޮށްފައި ވާނެ ކަމަށާއި އަދި މިއަހަރު އޭނާ ވަކި ގޮތެއް ނިންމާނެ ކަަމަށް، ސީޒަން ފެށުމުގެ ކުރިންވެސް ބުނެފައިވާނެ ކަމަށެވެ.

"އަހަރެން، (ބަސާ) ދޫކޮށްލަން ނިންމި ސަބަބަކީ، އަހަރެންގެ (ކޯޗިން) ޕްރޮފެޝަންގައި، އަހަންނަކީ ވަރަށް ބުރަކޮށް އުޅެން ޖެހޭ މީހެއް، އަދި އަހަންނަށް ލިބެނީ އަރާމު ކޮށްލަން ވަރަށް ކުޑަ ވަގުތު ކޮޅެއް، އެހެންވެ އަހަރެން ގަބޫލު ކުރީ ދުރައްޖެހިލުން އަހަންނަށް ވަރަށް މުހިންމު ކަމަށް،" އޮސްޓްރިއާ އަށް އުފަން އެންރީކޭ ބުންޏެވެ.

އަދި އެކަމުގެ ސަބަބުން، ސީޒަންގެ ބާކީ އޮތް ބަޔަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެންރީކޭ ބުންޏެވެ. އަދި ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު މެޗުގައި އެންމެންގެ އެހީތެރިކަން ލިބިއްޖެނަމަ، ނަތީޖާ ބަދަލު ކުރެވިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެންރީކޭ ވަނީ އޭނާގެ ކުޅުމުގެ ކެރިއާގައި ބާސާގެ އިތުރުން، ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ. ބާސާ އަށް އޭނާ، ބަދަލުވީ، ރެއާލް އަށް ކުޅުމަށް ފަހު އެވެ.

ކޯޗިން ކެރިއާގައި، ބާސާގެ ސީނިއާ ޓީމަށް ކޯޗު ކޮށްދިނުމުގެ ކުރިން އޭނާ ވަނީ، އިޓަލީގެ އޭއެސް ރޯމާ އާއި ސްޕެއިންގެ ސެލްޓަވީގޯ އަށް ކޯޗް ކޮށްދީފަ އެވެ.

ބާސާގެ ކޯޗްކަން ދޫކޮށްލަން، އެންރީކޭ ނިންމުމުން، އެޓީމުގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔަބު އެއް ކޯޗް، މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، ބާސާގެ ހަޔާތުގައި ފެނުނު އެންމެ ރަނގަޅު އެއް ކޯޗް އެޓީމު ދޫކޮށްލަން ނިންމުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.