ކުޅިވަރު

އެންރީކޭއަށް ފަހު، ބާސާގެ ކޯޗަކަށް ކާކު؟

Mar 2, 2017

މި ސީޒަނަށް ފަހު، ބާސެލޯނާގެ ކޯޗް ކަން ދޫކޮށްލަން، މިހާރުގެ ކޯޗް ލުއިސް އެންރީކޭ ވަނީ ނިންމާފަ އެވެ. ބާސާގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމުގެ އިޝާރާތެއް އެންރީކޭގެ ފަރާތުން ލިބުނު ހިސާބުން ފެށިގެން، ބާސާގެ ޓެކްނިކަލް ޓީމުން މަސައްކަތް ފަށާފައި ވަނީ، އެންރީކޭ ރިޕްލޭސް ކުރަނެ ކޯޗެއް ހޯދުމަށެވެ.

އެ މަސައްކަތުގައި މާ ދުރަށް ދާކަށް ނުޖެހެއެވެ. ބާސާއިން ބޭނުންވާ އެންމެ އެދެވޭ ކެނޑިޑޭޓުންގެ ތެރޭގައި، ގިނައީ މިހާރުވެސް، ސްޕެނިޝް ލީގްގައި މަސައްކަތް ކުރާ ކޯޗުން ނެވެ.

ސެވިއްޔާގެ މިހާރުގެ ކޯޗް، އާޖެންޓީނާގެ ސަމްޕައޮލީ، އެވަޓަންގެ މިހާރުގެ ކޯޗް ހޮލެންޑްގެ ރޮނަލްޑް ކޫމަން، އެތުލެޓިކް ބިލްބާއޯގެ މިހަރުގެ ކޯޗް ސްޕެއިންގެ އެރުނެސްޓޯ ވަލްވެރުޑޭ، ފްރާންސާއި ޕީއެސްޖީގެ ކުރީގެ ކޯޗް ލޯރެންޓް ބްލެންކް، އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްގެ މިހާރުގެ ކޯޗް ސްޕެއިންގެ އޮސްކާ ގާސިއާ، ރެއާލް ސޮސިއެދާދުގެ މިހާރުގެ ކޯޗް، ސްޕެއިންގެ ޔުސޭބިއޯ ސްކެރިސްޓަން، އިންޓަމިލާންގެ މިހާރުގެ ކޯޗް ފްރެންކް ޑި ބޯއާރް، ޓޮޓަންހަމްގެ މައުރީޝިއޯ ޕޮޝެޓީނޯ އެވެ.

މިއީ ބާސާގެ ޓެކްނިކަލް ޓީމުން އެކުލަވައިލާފައިވާ ރަސްމީ ޝޯޓް ލިސްޓެއް ނޫން ނަމަވެސް، ބާސެލޯނާގެ ކޯޗް ކަމަށް އަންނާނީ، މި ލިސްޓްގެ ކޮންމެވެސް ނަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެ ލިސްޓުން، ކޫމަން އާއި ބްލެންކް، އޮސްކާ ގާސިއާ، ޔުސޭބިއޯ، ވަލްވެރުޑޭ، ފްރެންކް ޑި ބޯއާރް އަކީ ބާސާ އަށް ކުރިން ކުޅުނު ކުޅުންތެރިން ނެވެ.

ބާސާގެ ކޯޗް ކަމަށް އަންނާނެ ކަމަށް ބެލެވެނީ ކާކު؟

ދެން އޮތީ މި ލިސްޓް ފުރަނާލައިގެން، ބަސާގެ ކޯޗް ކަމަށް އަންނާނެ ކަމަށް ބެލެވޭ، ކޯޗަކު ފާހަގަ ކުރުމެވެ.

އެރުނެސްޓޯ ވަލްވެރުޑޭ:
މި ވަގުތު އެތުލެޓިކް ބިލްބާއޯގެ ކޯޗަކަށް ހުރި، އެރުނެސްޓޯ ވަލްވަރުޑޭ، ބިލްބާއޯއެކު ހަދާފައިވާ ކޮންޓްރެކްޓް، މިސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އުމުރުން 53 އަހަރުގެ ވަލްވަރުޑޭ، އަކީ ސްޕެނިޝް ލީގްގައި މަސައްކަތް ކުރާ، ސްޕެއިންގެ ކޯޗުންގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓެކްޓީޝަނެވެ.

ކުރިން ބާސެލޯނާގެ ފޯވަޑަކަށް ކުޅުނު، ކޯޗް ބިލްބާއޯ ގައި، އޭނާ ބޭނުން ކުރަނީ، ވަރުގަދަ އަށް ޕްރެސް ކޮށްގެން ކުޅޭ ގޭމެކެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން، އޭނާ ވަނީ 2015 ވަނަ އަހަރު ބާސާ މައްޗަށް 5-1 ގެ އެގްރިގޭޓުން ކާމިޔާބު ހޯދައި، ސްޕެނިޝް ސްޕަކަޕް ބިލްބާއޯ އަށް ހޯދައިދީފަ އެވެ.

ވަލްވަރުޑޭގެ ޓެކްނިކްސްތަކާ މެދު، ބާސާގެ ޓެކްނިކަލް ޓީމުގެ ހިތްހަމަ ޖެހުންވެސް އެބައޮތެވެ. ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓާ ރޮބަޓް ފެނާންޑޭޒް ގަބޫލު ކުރާ ގޮތުގައި، ވަލްވަރުޑޭގެ ކިބައިގައި ސްޕެނިޝް ލީގްގެ ތަޖުރިބާ ބޮޑުވުމަކީ، ޕްލަސް ޕޮއިންޓެކެވެ. އެހެންވެ، އެންރީކޭ، ރިޕްލޭސް ކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ވަލްވަރުޑޭ އަށް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ލިސްޓްގައި ހިމެނޭ، ސޮސިއެދާދުގެ ކޯޗް، ޔުސޭބިއޯ އަކީ ވެސް، އަންނާނެ ކަމަށް ބެލެވޭ ނަމެކެވެ. އޭނަ އަންނާނެ ކަމަށް ބުނެވެން އޮތީ އެންމެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ އޭނާ އަކީ، ބާސާގެ ކުރީގެ ކޯޗް ފްރޭންކް ރައިކާޑްގެ ދަށުން ބާސާގެ އެސިސްޓެންޓް ކޯޗުކަން ކުރި، މީހަކަށް ވުމުން ނެވެ.