ބޭރު ކުޅިވަރު

ގާޑިއޯލާގެ ސަޕޯޓް ކީޕަރު ބްރާވޯ އަށް

Mar 2, 2017

މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އަކީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވާ ފާޑުކިއުންތަކާއި ދިމާކުރުންތަަކަށް ކެތްކުރެވޭ، ހިތްވަރު ގަދަ ކުޅުންތެރިޔެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާ އިން މި ސީޒަންގައި ސިޓީ އަށް ބަދަލުވި ޗިލީގެ ގައުމީ ޓީމުގެ ގޯލްކީޕަރު ބްރާވޯ އަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފަ އެވެ. ބްރާވޯގެ ފަރާތުން މިހާތަނަށް ފެނިފައިވާ ކުޅުމުގެ ސަބަބުން ސިޓީގެ އަމިއްލަ ސަޕޯޓަރުން ވެސް ވަނީ ބްރާވޯއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެފްއޭ ކަޕްގައި ރޭ ހަޑާސްފީލްޑް އަތުން ސިޓީ އަމިއްލަަ ދަނޑުގައި މޮޅުވި މެޗުގައި ހަޑާސްފީލްޑްގެ ހެރީ ބަން ފޮނުވާލި ޝޮޓް ގޯލްގެ ތެރެއަށް ވަނީ ބްރާވޯގެ ދެ ފައި ދޭތެރެއިންނެވެ. ފަހަތުން އަރައި ސިޓީ 5-1 އިން މޮޅުވި ނަމަވެސް، ބްރާވޯ އަށް ވަނީ މެޗުގައި ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފަ އެވެ.

"ބްރާވޯ އަކީ ހިތްވަރުގަދަ ކުޅުންތެރިޔެއް،" ގާޑިއޯލާ ބުންޏެވެ. "މި އަހަރު ދުނިޔޭގެ އެންމެ މޮޅު ފަސް ގޯލްކީޕަރުންގެ ތެރޭގައި ބްރާވޯ ހިމެނުނު. އަހަރެން ބްރާވޯ އަށް އިތުބާރުކުރަން."

ބާސެލޯނާ އިން 15.4 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ބްރާވޯ ގެނެސް، ގާޑިއޯލާ ވަނީ ސަޕޯޓަރުންގެ ފޭވަރިޓެއް ކަމަށްވާ ކީޕަރު ޖޯ ހާޓް އިޓަލީގެ ޓޮރީނޯ އަށް ދޫކޮށްލައިފ އެވެ. އެކަމަކު މި ސީޒަންގެ މިހާތަނަށް ބްރާވޯގެ ފަރާތުން ފެނުނު ކުޅުމާމެދު ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.