ކުޅިވަރު

އެފްއޭއެމުން ކުލަބުތަކާއި ކުންފުނިތައް ގުޅުވައިދީފި

ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް، ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދިނުމަށް، ސަރުކާރުގެ ކުންފިނިތަކާއި، ކުލަބުތައް، އެފްއޭއެމުން ގުޅައިލައިދީފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، ފުރަތަމަ ޑިވިޝަންގެ އަށް ކުލަބާއި ކުންފުނިތައް ގުޅުވާލައި ދިނުމަށް، ކޮންމެ ކުލަބަކަށް ފައިސާ ފޯރުކޮށް ދޭނެ ކުންފުނި ގުރުއަތު ލައިގެން ނަގާފަ އެވެ. އެ އަށް ކުންފުންޏަކީ ސަރުކާރުގެ ކުންފުނިތަކުން އެންމެ ބޮޑު ފައިދާ އެއް ހޯދަމުން އަންނަ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ އަށް ކުންފުންޏެވެ.

ނިއުރޭޑިއަންޓަށް ސްޕޯޓްސް ކުލަބަށް އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މޯލްޑިވްސް ޓްއަރިޒަމް ޑިވްލަޕްމެންޓް ކޮޕަރޭޝަން (އެމްޓީޑީސީ) އެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބަށް މޯލްޑިވް ގޭސް އެވެ.

ކުލަބު ވެލެންސިއާ އަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. ކުލަބު އީގަލްސް އަށް ގައުމީ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) އެވެ. ޓީސީ ސްޕޯޓްސް ކުލަބަށް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އެވެ.

ޔުނައިޓަޑް ވިކްޓަރީ އަށް ހައުސިން ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. ގްރީން ސްޓްރީޓަށް ގައުމީ އެއާލައިން މޯލްޑިވިއަން އެވެ.

މި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން، އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ ކުލަބު ތަކަށް ފައިސާ ދޭން ނިންމި ނިންމުމަކީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމެއް ކަމަށާއި އެމަނިކުފަންގެ ވިޝަން އަކީ ރާއްޖެ އަކީ ފުޓްބޯޅައިން މި ސަރަހައްދުގައި އެންމެ ކުރި އަރާފައިވާ ގައުމަށް ހެއްދެވުން ކަމަށެވެ.

ކުލަބުތަކާ ކުންފުނިތައް ގުޅުވާލުމަށްފަހު، އަންނަ ހަފުތަގައި، ކޮންމެ ކުލަބަކަށް ފައިސާ ދޭން ގުރުއަތުގައި ލައްވާލި ކުންފުންޏާއެކު ރަސްމީ އެގްރިމެންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔަތު ބައްވަން އެފްއޭއެމުން ދަނީ ތައްޔާރު ވަމުން ނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވީ އަމާޒަކީ، ކުންފުނިތަކާއި ކުލަބުތަކާއިއެކު، ސޮއި ކުރުމުގެ ރަސްމިއްޔާތު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ކަމަށެވެ.

ކުންފުނިތަކާއި ކުލަބުތައް ގުޅުވަލުމަށް ވޭވޭ އެއްބަސްވުމުގެ ދަށުން، ކުލަބުތައް ހަރުދަނަ ކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ކުލަބުތަކަށް ޝަރުތު ތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ދިވެހި ޕްރިމިއާ ލީގް ފެށުމުން، އަތޮޅުތަކުން އަންނަ ހަތަރު ޓީމަށް، ފައިސާގެ އެހީ ފޯރުކޮށްދޭން، އިތުރު އަށް ކުންފުނި ބައިވެރިވާނެ ކަމަށް އެފްއޭއެމުން މީގެކުރިން ވަނީ ބެނެފަ އެވެ.