ކުޅިވަރު

މާލީ އެހީއާއެކު ފުޓްބޯޅަ އާއިލާގެ ޝުކުރު ރައީސަށް

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރުތައް ކަމަށްވާ، މޫން ސްޕޯޓްސް ކުލަބާއި ރާނީ ސްޕޯޓްސް ކުލަބުގެ ޒަމާން ނިމިގެން ދިޔައީ، އެ ކުލަބުތަކަށް ކުރިމަތިވި، މާލީ ގޮންޖެހުން ތަކާއެކު އެވެ. އެހެން ނޫން ނަމަ އެކުލަބުތައް މިއަދުވެސް، ދިވެހި ފުޓްބޯޅައިގެ މެދު އުޑުގައި ފިޔަ ޖަހަޖަހާ އޮތީހެވެ. އޭގެ ފަހުން ހުރާ އާއި ލެގޫންސަށް ހުއްރިއްޔާ ސްޕޯޓްސް ކުލަބަށްވެސް ކުރިމަތިވީ މި މައްސަލަ އެވެ. ކުލަބުތަކަށް ޖެހުނު މާލީ ތަދުމަޑު ކަމާއެކު އަލުން ނަގައި ކޮޅަށް ޖަހާނެ އަތެއް ނެތުނީ އެވެ.

މިހާރު މެދުކެނޑުމެއް ނެތި އެންމެ މަތީ ފުޓްބޯޅައިގައި ހަރަކާތްތެރިވާ، ވިކްޓަރީ އާއި ނިއުރޭޑިއަންޓް އަދި ކުލަބު ވެލެންސިއާ އަށް ވެސް މިއްމަސަލަ ކުރިމަތިވެ، ބަނގުރޫޓް ވުމުގެ ބިރުވެސް ކުރިމަތިވި އެވެ. ނަމަވެސް އެއްކޮށް ސައްސާލައިގެން ދިއުމުގެ ކުރިން، އެކުލަބުތަކަށް އަޅާލާނެ މެދުވެރިޔަކު ވީކަމުން، އެކުލަބުތައް ހިނގަހިނގާ އޮތީ އެވެ.

އެއީ މާޒީ އެވެ. މާޒީ ފަހަތަށް އެއްލާލާފައި، ކުރިއަށް ބަލަންވީ ސަބަބު މިއޮތީ އެވެ. ހަތްދިހަ އަހަރުވީ، ދިވެހި ފުޓްބޯޅައިގެ ތާރީހް ގައި، މިއަދަކީ އަނެއްކާވެސް އާ ފެށުމެއްގެ ދުވަހެކެވެ. ރާއްޖޭގެ އެންމެ އިސް ސަފުގައި ހިމެނޭ، ކުންފުނިތަކުގެ މާލީ އެހީތެރިކަން، ފުރަތަމަ ޑިވިޝަންގެ އަށް ކުލަބަށް ލިބިގެން ދިޔުމުގެ ދޮރު ހުޅުވުމާއެކު، ފުޓްބޯޅަ ހަރުދަނާ ކުރުމަށް، ކުލަބު ތަކަށް ބޮޑު ހިތްވަރެއް މިވަނީ ލިބިފަ އެވެ.

ކުންފުނިތަކުން ތިބީ، ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ތައްޔާރަ ށެވެ. ފުޓްބޯޅަ ކުރިއެރުވުމުގެ އަމަލީ މަސައްކަތް އޮތީ ކުލަބުތަކަ ށެވެ.

އެފްއޭއޭމްގެ މިދަތުރުގައި، ކުލަބުތައް މިހިސާބަށް އައީ، ރައީސް އަބްދުﷲ ޔަމީންގެ ބައިވެރިވުން އެކަމުގައި ވަރަށް ބޮޑަށް އޮވެގެން، ކަން، މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ މައުމޫން ވިދާޅުވި އެވެ.

"ކުލަބުތަކުން މި މަހު ކުޅުންތެރިންނަށް މުސާރަ ދީފައި، ދެން ވިސްނާ ލާނީ، އަނެއް މަހު ދެވެން އޮތްތޯ، ނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވިޝަންއާއެކު އަޅުގަނޑުމެންނަށް ޔަގީންވެގެން މި ދިޔައީ، ކުލަބު ތައް އިތުރަކަށް ތަންތަނަކަށް ފައިސާ ހޯދަން ދާން ނުޖެހޭނެ ކަން،"

އިރާދަ ކުރެއްވިއްޔާ ކުލަބު ތަކުން މިފައިސާ ދެމުން ދާނެ، އަދި ސަސްޓެއިނަބަލް ގޮތެއްގައި އެކަން ކުރިއަށްދާނީ، އެހެންކަމުން އެއީ ވަރަށް ބޮޑު އެޗީވްމެންޓެއް،" މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުންފުނިތަކުން މިތިބީ މާލީ އެހީތެރިކަން ފޯރުކޮށްދޭން، ތިބޭފުޅުންގެ ޒިންމާއަކީ އަޅުގަނޑުމެންނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެވިޝަން ހާސިލު ކޮށްދެއްވުމަށް މަސައްކަތް ކުރުން. ވަރަށް ރަނަގޅު ކުޅުންތެރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރުން،" މައުމޫން ވިދާޅުވި އެވެ.

ކުލަބުތަކަށް ފައިސާ ދިނުމަށް މަގުފަހިވެގެން ދިއުމުން، ކުލަބުތަކުގެ ހުރިހާ ޝުކުރެއް ހާއްސަ ކުރީ ރައީސް ޔާމީނަށެވެ. ރާއްޖޭގެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، މިއީ ދިވެހި ފުޓްބޯޅަ ދާން ބޭނުންވާ މިސްރާބު ރައީސް ޔާމީނަށް ސާފު ކޮށް އެނގިވަޑައިގަންނަވާ ކަމުގެ ހެއްކެއް ކަމަށެވެ.

"ނިއުރޭޑިއަންޓާއި، އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދުގެ ފަރާތުން، ސަރުކާރަށް ހާއްސަ ކޮށް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން، މިއީ ކުލަބު ތަކަށާއި ދިވެހި ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ނިއުގެ ޖެނެރެލް ސެކްރެޓަރީ ނިޔާޒު ވިދާޅުވި އެވެ.

ވިކްޓަރީގެ ޖެނަރަލް ސެކެޓްރީ އަހްމަދު ފަޔާޒު ވިދާޅުވީ، މި މަސައްކަތަކީ ދިވެހި ފުޓްބޯޅައިގެ މިސްރާބު އެހެން ދިމާލަކަށް ބަދަލު ކޮށްލާނެ، ފިޔަވަޅެއް ކަމަށާއި، ކުލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގަން ފެށުމަކީ ފުޓްބޯޅަ ބާރު ސްޕީޑްގައި ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ.

"ހަމަ ޔަގީން، މި ވެގެންދާނީ ފުޓްބޯޅަ ބަދަލު ކޮށްލާނެ ފިޔަވަޅަކަށް، ރައީސް ޔާމީނަށް ވިކްޓަރީގެ ފަރާތުން ހާއްސަ ޝުކުރެއް އަދާ ކުރަން، މިކަމުގެ ސަބަބުން ބޮޑު އިމްޕެކްޓެއް ފުޓްބޯޅަ އަށް އަންނާނެ،" ފަޔާޒު ވިދާޅުވި އެވެ.

ވެލެންސިއާގެ މެނޭޖަރު އަދި ޖެނަރަލް ސެކެޓްރީ އަބްދުﷲ ޝިބާއު (ޝީބާ) ވިދާޅުވީ، ފުޓްބޯޅަ ހަރުދަނާ ކުރުމަށް، ދިވެހި ކުލަބު ސިސްޓަމަށް މިވަރުގެ ބޮޑު ކުރިއެރުމެއް އައި، އެހެން ކަމެއް މިއިން ދުވަހަކު ހިނގާފައި ނެތް ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަ އައިލާ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވަާ ކަމަށް ޝިބާ ވިދާޅުވި އެވެ.

"މިއީ ދެވަނަ ބޭފުޅެއްގެ ވިސްނުމެތް ނޫން ކަން ޔަގީން، ރައީސް ޔަމީން މިދޮރު ހުޅުވައި ނުދިންނަމަ މިހިސާބަކަށް ނާދެވޭނެ، މިކަމުގެ ހުރިހާ ކްރެޑިޓައް އަދި ޝުކުރެއް ހައްގު ވަނީ ރައީސް ޔާމީނަށް،" ޝިބާ ވިދާޅުވި އެވެ.

ބޮޑު ތިން ކުލަބަށް ފަހު، މިހާރު ފުރަތަމަ ޑިވިޝަންގައި މެދުކެނޑުމެއް ނެތި ކުޅޭ ކުލަބަކީ މާޒިޔާއެވެ. އެކުލަބުގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވެފައި ވަނީ، ފުޓްބޯޅަ އާއިލާގެ އިހްސާސްތައް ދަންނަ މިވަރުގެ ސަރުކާރެއް މިވީހާތަނަށް ދިވެހި ތާރިހް ދެކެފައި ނުވާ ކަމަށެވެ.