ހަބަރު

އަފްރާޝީމްގެ ހަނދާނުގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އަފްރާޝީމްގެ އުފަން ރަށް. ރ. އުނގޫފާރުގައި އަޅާ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ އެސްޖޭ ކޮންސްޓަރަކްޝަނާ އެެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓްރެކްޓްގެ އެއްބަސް ވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓާ ޑރ. އަހްމަދު ޒިޔާދު ބާގިރެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.

ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބޮޑު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ ގެ ހަނދާނުގައި ބިނާކުރާ މި މަރުކަޒަކީ މާލޭން އުތުރު ގައި ބިނާކުރާ މިފަދަ ފުރަތަމަ އިސްލާމީ މަރުކަޒެވެ. އަދި މިއީ ރާއްޖޭގައި އަޅާ މިފަދަ ތިން ވަނަ އިސްލާމީ މަރުކަޒެވެ. މިއީ ސަރުކާރުން ގާތްގަނޑަކަށް 24 މިލިއަން ރުފިޔާ ހަރަދުކުރާ 1000 މީހުން ގެ ޖާގައިގެ މަރުކަޒެކެވެ.

މި މަރުކަޒުގެ މަސައްކަތް އެސްޖޭއާ ހަވާލުކޮށްފައި ވަނީ 510 ދުވަހުން ނިންމާށެވެ. މި މަރުކަޒު ފަރުމާކޮށްފައި ވަނީ ނަމާދުކުރާ ހޯލްގެ އިތުރުން ކްލާސްރޫމަކާއި ދެޖިންސަށް ވަކިން ވުލޫކުރުމާއި ފާޚަނާ ކުރުމުގެ އިންތިޒާމާއެކު އެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ އުނގޫފާރުގައި އިމާރާތް ކުރާ މިމަރުކަޒަކީ ރާއްޖޭން އުތުރުގައި އިސްލާމީ ނޫރު އެކިކަންކޮޅުތަކަށް އަލިކޮށްދޭނެ ބިންގަލަކަށް ވެގެންދާނެ ކަމަށެވެ.