މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ކުރިއަށްދާއިރު މިއީ ތަފާތު ބަދަލުތަކެއް ފާހަގަކޮށްލެވޭ ފަހަރެކެވެ. އެގޮތުން ބަލާއިރު މޫސާ ވަސީމާއެކު މިދިޔަ އަހަރު ޝޯ ހޯސްޓްކުރި އައިމިނަތު މައުރީނާގެ ރިޕްލޭސްމަންޓެއްގެ ގޮތުގައި ތައާރަފް ކޮށްފައިވާ އަންހެން ޕްރެޒެންޓަރު ލަމްހާ ލަތީފް (ލަމް) އަކީ މިފަހަރު ޔަގީނަށް ވެސް އެންމެ ގަދަ އަށް ޓްރެންޑްވެ ބެލުންތެރިންގެ ސަމާލުކަން ދަމައިގެންފައިވާ އެއް މޫނެވެ. ޝޯގައި ވާދަކުރާ ބައެއް ލަވަކިޔުންތެރިންނާ ބެހޭ ގޮތުން ގޭގެ ސިޓިންރޫމުތަކުގައި ބަހުސް ނުކުރެވޭ މިންވަރަށް ލަމްއާ ބެހޭ ގޮތުން ބަހުސް ކުރެވެމުން ދިއުމަކީ ލަމްގެ ވާހަކަ ނުދައްކައި ދޫކޮށްލެވެން ނެތް އެއް ސަބަބެވެ.
އުމުރުން 24 އަހަރުގެ ލަމް އަށް މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު ހިތަކަށް ލިބިގެން ދިއުން އެނާ ސިފަ ކުރަނީ ހަޔާތަށް ބަންޑުންވި އެންމެ އުފާވެރި ސަޕްރައިޒްތަކުގެ ތެރެއިންނެވެ. ކުޑަ އިރުއްސުރެން ފެށިގެން ވެސް ޕްރެޒެންޓަރެއްގެ ހުވަފެން ދެކެމުން އައިސް އެންމެ ފަހުން މޯލްޑިވިއަން އައިޑޮލްގެ ފަހުރުވެރި ނުލާއި ހުދުން އެ ހުވަފެން ފަވަން ފުރުސަތު ލިބިގެން "އާތް" ވެގެން، އެ އިހްސާސްތައް ކިޔައިދޭން އުނދަގޫވެގެން ލަމް އުޅުނެއް ކަމަކު ވަރަށް ގިނަ ބަޔަކު ދަނީ މި ފުރުސަތުގައި އެކި ސިފަސިފައިގައި ލަމް އަށް ތައުރީފު އޮއްސަމުންނެވެ.
ނަމަވެސް ހަފުތާ ބަންދާ ދިމާކޮށް މޯލްޑިވިއަން އައިޑޮލްގެ "ހުމެއްގައި" ދިވެހިންގެ ޓްވިޓާ ބައިގަނޑު ބައްދައިގަތުމުން އެ އަރާ ފޯރިއެއްގައި ލަމް، ހޭޝްޓެގަކަށް ބަދަލުކޮށްލައިގެން އުޅޭ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ސީޒަން އެކެއްގައި ބެލުންތެރިންނާ ދެމެދު ހިތާއިހިތުގެ ގުޅުމެއް ފައްކާކުރި މައުރީނާއެއްގެ ވަފާތެރި ސަޕޯޓަރުންގެ ބައިގަނޑަކަށް ލަމް ކަމުނުގޮސްގެން އުޅޭ ސަބަބެވެ.
އެހެންވީމަ ލަމްގެ ވާހަކަ އަހަރެމެން ފަށާނީ އޭނާގެ މި އާދަޔާހިލާފު ދަތުރެއްގެ އެންމެ ކުރިން ހެއްޔެވެ؟ ނުވަތަ ހުވަފެން ހަގީގަތަށް ހެދުމަށް ނުކުތުމުން ފިނިފެންމަލާއި ފުރައްސާރައިން ކީ މަރުހަބާއާ ހަމައިން ހެއްޔެވެ؟ ދެކޮޅަށް ބަލައި ބޯދިއްކޮށްލާއިރު ލަމް ބުނަނީ އޭނާ އެންމެ ފުރަތަމަ ބޭނުންވަނީ ހުވަފެނެއްގެ ވާހަކަ ކިޔައިދޭން ކަމަށެވެ. – ޕްރެޒެންޓަރަކަށްވެގެން އޭނާ އުޅުނު ހުވަފެނެއްގެ ވާހަކަ އެވެ.
މޯލްޑިވިއަން އައިޑޮލް އިން ހުވަފެން ހަގީގަތަށް
މޯލްޑިވިއަން އައިޑޮލް، މޯލްޑިވިއަން އައިޑޮލްއަށް ވަނީ މިހެން ވެގެންނެވެ. އެހެންވީމަ ލަމްހާ ލަތީފު، ލަމްހާ ލަތީފަކަށްވަނީ ކިހިނެތްވެގެންތޯ ބަލައިލަމާ ހިނގާށެވެ.
"އަބަދުވެސް ލަމް އަކީ ޕްރެސެންޓް ކުރަން އަމިއްލަ އަށް ޝައުގުވެރިވާ މީހެއް. ގޭތެރޭގައި އުޅޭއިރު ހެންޑީ ކެމްއެއް ބޭނުންކޮށް ފިލްމީ އުދަރެސް ކަހަލަ ޓީވީ ޝޯތައް ހަދައިގެން އޭރު އުޅޭނީ،" ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުން ފާހަގަވުމަށް ފަހު "އެދިގެން މިރޭ ދާނަމޭ" ފަދަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ބުންޏެވެ.
އޭނާ ބުނީ ލަވަކިޔައި މަޖާކޮށް ނަށައި ފޯރި ނުނަގާ ނަމަ އެއީ ލަމްއެއް ނޫން ކަމަށެވެ.
ގޭތެރޭގައި "ފިލްމީ އުދަރެސް" އާއި "މޮހައްބަތޭން" ފަދަ ބޮލީވުޑްގެ ހިތްގައިމު ފިލްމުތަކުގެ މަންޒަރުތައް ކުޅެ މަޖާ ކުރަމުން ގޮސް އެންމެ ފަހުން ލަމްއަށް ޕްރެޒެންޓަރެއްގެ ގޮތުގައި އާންމުންގެ ތެރެއަށް ނުކުމެވުނީ ވީޓީވީ އިން ލިބުނު ފުރުސަތަކުންނެވެ. ކަންދިމާކުރި ގޮތުން ލަމް ވީޓީވީގައި ހުށަހަޅައިދިނީ އޭނާ ގޭގައި އަމިއްލަ އަށް އުފެއްދި "ފިލްމީ އުދަރެސް" ކަހަލަ ޝޯއެކެވެ.
އެއަށް ފަހު ވީޓީވީގެ "މޯލްޑިވިއަން އައިކަން" ޝޯގެ ހަވާސާ ޝޯ ވެސް ހުށަހަޅައިދިނެވެ. އެހެންވީމަ ލަމްގެ "ޕްރެޒެންޓިން ކެރިއާ" ފެށިފައި މި އޮތީ ހުރިހާ ގޮތަކުން ވެސް ނުވަތަ ހުރިހާ ކޮޅަކުން ވެސް ގޮސް މޯލްޑިވިއަން އައިޑޮލްއާ ގުޅޭނެ ފަދަ ގޮތަކަށް ނޫން ހެއްޔެވެ؟ މައުރީންގެ ރިޕްލޭސްމަންޓެއް ހޯދުމަށް ކުރި އިއުލާނުގެ ނަސީބު ގޮސް ލަމްގެ ގައިގައި ހިފީ މިހެން ވެގެން ކަމަށް ވެސް ވެދާނެ އެވެ.
ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނުގެ ހޯސްޓަކަށް ވުމުގެ ރަނުގެ ފުރުސަތު ހުޅުވިގެން ދިޔައިރު ވެސް ލަމް ހުރީ އެންމެ ފުރަތަމަ ވާނުވާނޭނގުމެއްގެ ތެރޭގަ އެވެ. އޭނާ ބުނީ ސްކްރީން ޓެސްޓުން ފުރުސަތު ލިބުނީ އެންމެ ފަހުވަގުތު ކަމަށެވެ.
"ވަރަށް ފަހު ވަގުތު، އެންމެ ފަހު ވަގުތުކޮޅު މި ފުރުސަތު ލިބުނީ. އޭރު އޮޑިޝަންތައް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި ވަނީ. އޭރު ވަރަށް ގިނަ ކުދިންގެ ސްކްރީން ޓެސްޓް ހަދައި ނިމިއްޖެ. ސްކްރީން ޓެސްޓަށް ދިޔައިރު ލަމް އަކަށް ވެސް ނޭނގޭ އަސްލު ވާންވީ ގޮތެއް. އަދި އެއީ ސީރިއަސް ސްކްރީން ޓެސްޓެއް ކަމެއް ވެސް ލަމް އަކަށް ނޭނގޭ،" ލަމް ކިޔައިދިނެވެ.
އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ސަބަބަކީ މިދިޔަ އަހަރު ވެސް ލަމް މޯލްޑިވިއަން އައިޑޮލްގެ "ޑަމީއަކަށް" ހަދައިގެން ގެންގުޅުނީމަ އެވެ.
"ހީކުރީ ޑަމީ ސްކްރީން ޓެސްޓަކަށް ކަމަށް ގެންދިޔައީ އެންމެ ފުރަތަމަ. އެއީ މިދިޔަ އަހަރު ޑަމީ ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ޖަޖުންގެ ކުރި މައްޗަށް ވެސް ނެރުނީމަ ހީކުރީ އެކަހަލަ ކަމެއް ކަމަށް،" މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލްގެ ޓީމުގައި ހިމެނުނު ލަމް ކިޔައިދިނެވެ.
ކޮންމެއަކަސް އެންމެ ފަހު ވަގުތުގެ އޮޑިޝަނުން ލަމްގެ ހުވަފެން ހަގީގަތަކަށް ވެގެންދިޔައީ އެވެ.
"ފުރަތަމަ ލިބުނީމަ ވަރަށް ހާސްވި. އަދި ހަމަ އެއާއެކު ވަރަށް އުފާ ވެސްވި. ދެން ހާސްވެ ބިރުގަނެފައި ހިތަށް އެރީ، އޯމައި ގޯޑް. ވަރަށް ބޮޑު ކަމެކޭ މިއީ. ވަރަށް ބޮޑު ކޮމިޓްމަންޓެކޭ. ވަރަށް ގިނަ ދުވަހަށް ކޮމިޓްވާންޖެހޭ ކަމެކޭ މިއީ."
ތުއި ނުވަންޏާމު އަސްލު ލަމްއެއް ނުފެންނާނެ!
ލަމް ބުނަނީ މިހެންނެވެ. އެހެންވީމަ މޫސާ ވަސީމްގެ ކޯހޯސްޓް ތުއިވެގެން އެކަމާ ހިތްހަމަނުޖެހޭ މީހުންނަށް ލަމް ދޭން އޮތް މެސެޖަކީ މިއީ އެވެ. އޭނާ ބުނަނީ އާންމުންގެ ކުރިމައްޗަށް ނުކުތުމަށް ވަކި ސިފަތަކެއް ދައްކަން ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑަކީ ހަމަ ތުއިކޮށް އުޅޭ މީހެއް ރިއަލް ލައިފްގައި ވެސް. ވަރަށް ޑްރާމާ ވެސް ބޮޑުވާނެ،" ބިނދިބިނދިފައި ހެމުން ހެމުން ލަމް ކިޔައިދިނެވެ.
އޭނާ ބުނީ "ތުއި ލަމް" ދޫކޮށްލުން ވެގެންދާނީ ޕްލާސްޓިކް ސާޖަރީއެއް ހެދުން ކަހަލަ ކަމެއް ކަމަށެވެ.
"ލަމް ހަމަ އަބަދުވެސް އުޅެނީ މިހެން. ތުއި ވަނީކީއެއް ނޫން. އެއީ ލަމް. ތުއިވުމަކީ ވެސް ލަމް. ދެން މީހުން ބައެއް ފަހަރު އެއްޗެހި ވެސް ކިޔާނެ ހާދަ ތުއިވެއޭ ކިޔާފައި ވެސް"
"އެކަމަކު އައި ޑޯންޓް ތިންކް އައި ހޭވް ޓު ޗޭންޖު މައިސެލްފް. ލަމް އާންމުކޮށް ހުންނަ ގޮތެއް ބަދަލު ކުރަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން. ލަމް އަށް ގަބޫލު ކުރެވެނީ އެއީ ޕްލާސްޓިކް ސާޖަރީއެއް ހެދުން ކަހަލަ ކަމެއް ކަމަށް."
ކޮންމެއަކަސް ފާހަގަކޮށްލަން ޖެހެނީ ލަމްގެ ތުއިކަމާއި ޑްރާމާ ގޮސް ނިކަން ރަނގަޅަށް މޯލްޑިވިއަން އައިޑޮލްއާ ކޮންމެ ހަފުތާ ބަންދަކު ވެސް ބްލެންޑްވެގެންދާ ކަމެވެ. ޔަގީނަށް ވެސް ލަމްގެ "މި އެކްސް ފެކްޓާސްތަކަކީ" މި ސީޒަނުގެ ފޯރި ގަދަކޮށްލާފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
އެންމެ ދެރަވަނީ މައުރީނާ އަޅާކިޔާތީ!
ލަމް އަށް އޮއްސަމުންދާ ތައުރީފުގައި އެހެން ކުލައެއް ޖެހޭ ހިސާބަކީ މިއީ އެވެ. މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ ކޯ ހޯސްޓެއްގެ ގޮތުގައި އޭނާގެ ނަން އިއުލާނުކުރި ހިސާބުން ފެށިގެން ބައެއް ފަރާތްތަކުން މި ނިންމުމަށް ފާޑުކިޔަން ފަށައިފި އެވެ. ނަމަވެސް ފާޑުކިޔުންތަކަށް ފަރުވާލެއްނެތި ލަމް ދަނީ ކުރިއަށެވެ. ނަމަވެސް އޭނާ ބުނަނީ ބިނާކުރަނިވި ފާޑުކިޔުމަކަށް ވުރެން ބޮޑަށް އަމާޒުވެފައި ވަނީ ފުރައްސާރަ އާއި މަލާމާތުގެ ހަމަލާތަކެއް ކަމަށެވެ.
"ދެރަވަނީ، ނެގެޓިވް ކޮމެންޓްސްތައް ކޮށްފައި ހުންނާތީ. ދެން މައުރީންއާ ލަމްއާ ކޮމްޕެއާކޮށްފަ ވެސް ހުރޭ ކޮމެންޓްކޮށްފައި. އަސްލު އަޅުގަނޑު ބޭނުމެއް ނޫން މީހުން އެގޮތަށް ކޮމްޕެއާ ކުރާކަށް،" ލަމް ބުންޏެވެ.
"ކޮމްޕެއާ ކުރާތީ އެންމެ ދެރަވަނީ. އެހެން ނޫން ނަމަ ވަރަށް ކޫލް. ދެން އަޅުގަނޑަށް ހީވަނީ ލަމްގެ ގޮތުގައި ވަރަށް ގިނަ މީހުން މިހާރު އެބަ ބަލައިގަންނަހެން. މައުރީންގެ ފޭނުންގެ ފަރާތުން ވެސް އެބަހުރި ޕޮޒިޓިވް ކޮމެންޓްސް ލިބިފައި."
ލަމް ބުނީ ފާޑުކިޔުމަށް ވުރެން ބޮޑަށް އަމާޒުވެފައި ވަނީ އޭނާގެ ސިފަ އާއި ހުންނަ ގޮތަށް ކޮށްފައިވާ މަލާމާތް ކަމަށެވެ.
"މިސާލަކަށް މީހުން ހުރޭ ކޮމެންޓްތަކުގައި ބުނެފައި ލަމް ހަޅޭލަވަނީއޭ ނުވަތަ ލަމްގެ ސިފައަށް އެއްޗެހި ކިޔާފަ ލަމް ފަލައޭ. ދެން މައުރީން އިޒް ބެޓާއޭ. ލުކްސް އަށް ބޭސިކަލީ އެއްޗިހި ކިޔާލާފަ ހުންނަނީ. މީހާ ހުންނަ ގޮތަށާއި ލާ އެއްޗިއްސަށް،" ލަމް ބުންޏެވެ.
ނަމަވެސް ލަމް ބުނަނީ އޭނާ ކުރިއަށް ދަނީ ހުރިހާ ފާޑުކިޔުމަކަށް ވެސް ބަލައިގެން ކަމަށެވެ.
"އަސްލު ބަލައިގަންނަން ހުރިހާ ފީޑްބެކެއް ވެސް. މިހާތަނަށް ވެސް އައީ ނެގެޓިވްކޮށް ބުނާ އެއްޗެހި ވެސް އަދި ޕޮޒިޓިވްކޮށް ބުނާ އެއްޗެހި ވެސް ގަބޫލުކޮށް ރަނގަޅު ކުރެވޭ ކަންތައްތައް ރަނގަޅު ވެސް ކުރަމުން. ޓްރައިކުރަން ރަނގަޅު ކުރެވޭތޯ،" ލަމް ބުންޏެވެ.
"ވަކި ޕޮޕިއުލާވާކަށެއް ނޫނޭ މިކަން މި ކުރަނީކީ. ދެން އަޅުގަނޑަށް އެނގޭ ހުރިހާ އެންމެން ޕްލީޒެއް ނުކޮށްދެވޭނެކަން ވެސް. ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތަކަށް ވެސް ނެހެދޭނެ ދޯ. އެހެންވީމަ ލަމްގެ ބެސްޓް ލަމް ދޭނަމޭ. ދެން މީހުން ދޭންވީ ހުރިހާ ވައްތަރެއްގެ ފީޑްބެކް ވެސް."
"މީހުން އެއްޗިހި ކިޔާނެ، އެއްޗިހި ނުކިޔާ ގޮތަކަށް ނޫޅެވޭނެ."
ލަމް ބުނީ މި ހުރިހާ ފާޑުކިޔުމަކާއި ފުރައްސާރައެއްގެ ތެރެއިން މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާ މާމުޔަށްވުރެން ފޮނި ދަތުރަކަށް ހަދައިދެނީ އޭނާގެ ކޯ ހޯސްޓް މޫސަ އާއި އެހެން ކްރޫއިން ކަމަށެވެ.
"ވަސީމް ވަރަށް ވަރަށް ސަޕޯޓިވް. އެނާއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އެންމެ ޕްލަސް ޕޮއިންޓް."