ކުޅިވަރު

ކޯޗު ކަމުން ޝާޒު ވަކިކުރި މައްސަލަ އެފްއޭއެމަށް

Mar 2, 2017
2

ވިކްޓަރީގެ ކޯޗް ކަމުގައި، ހުރި ޝާޒްލީ މުހައްމަދު (ޝާޒް) އާއެކު ހަދާފައިވާ އެއްބަސްވުމާ ޚިލަފަށް، އޭނާ ކޯޗް ކަމުން ވަކި ކުރި މައްސަލަައިގައި ބަދަލު ހޯދުމަށް ޝާޒްގެ ފަރާތުން، މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޝާޒް ވިކްޓަރީގެ ކޯޗް ކަމުން ވަކި ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ޝާޒް ވަކިކޮށް، ކޯޗަކަށް ވިކްޓަރީން ހަމަޖެއްސީ، މިދިޔަ ސީޒަންގައި މާޒިޔާއަށް ކޯޗް ކޯށްދިން، ވިކްޓަރީގެ ކުރީގެ ކޯޗް އަލީ ސުޒޭނެވެ.

ޝާޒްގެ މައްސަލައިގައި، އޭނާގެ ފަރާތުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގައި ވަކާލާތު ކުރާ، ވަކީލު މުހައްމަދު ޝަފާޒް ވަޖީހް ވިދާޅުވީ، މައްސަލަ ހުށަހެޅީ ޝާޒާއެކު، ހަދާފައިވާ ކޮންޓްރެކްޓާ ހިލާފަށް ވިކްޓަރީން، އޭނާ ކޯޗް ކަމުން ވަކި ކުރުމުން، އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކަމަށެވެ.

"އަޅުގަނޑުމެންގެ ޝަކުވާއަކީ ޝާޒް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަމުން ވަކި ކޮށްފައި ވަނީ ކޮންޓްރެކްޓާ ހިލާފަށޭ، އެހެންވެ އެކަމުގެ ސަބަބުން ޝާޒް އަށް ލިބިފައިވާ ގެއްލުމާއި އަދި ރާއްޖޭގެ މަޝްހޫރު ކުލަބަކުން ރާއްޖޭގެ އެންމެ ކޮލިފައިޑް އެއް ކޯޗު ވަކި ކުރުމަކީ، ފުޓްބޯޅަ އަށް ވެސް ލިބުނު ގެއްލުމަކަށް ވާތީ އަޅުގަނޑުމެން ބަދަލަކަށް އެދިފައި ވާނީ،" ޝަފާޒް ވިދާޅުވި އެވެ.

"ކޯޗުންނާ ކުލަބުތަކާ ޖެހޭ މައްސަލަ އޮންނަނީ ޑިސްޕިޔުޓް ރިސޮލިއުޝަންގެ ދަށުން ނިންމާ ގޮތަށް، އެ ގައުމެއްގައި ހުންނަ އެފްއޭ އަކުން ނިންމާ ގޮތަކަށް ފީފާއިން ކަނޑައަޅާފައި އޮންނަނީ އުސޫލަކީ، ދެން އެފްއޭ މެދުވެރިކޮށް ގޮސްފަ ނޫނިއްޔާމު ޝަރުއީ ކޯޓަށް އެ މައްސަލަ ހައްލު ކުރުމަށް ދެވޭގޮތަކަށް ނޫން އޮންނަނީކީއެއް، ދެވެން އޮންނަ ޖާގަ ވެސް ހަނި،"

އޭނާ ވިދާޅުވީ، އެފްއޭއެމުން، މިކަމަށް އެކަށީގެންވާ ބަދަލެއް ނުލިބިއްޖެނަމަ ޝަރުއީ ދާއިރާއިން ވެސް ބަދަލެއް ހޯދުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ.

އޭއެފްސީ ޕްރޯ ލައިސެންސް އޮތް ހަމައެކަނި، ދިވެއްސަކީ ޝާޒް އެވެ. މިސަރަހައްދުގައި، އިންޑިއާ ފިޔަވައި، އެހެން ގައުމު ތަކުގައި، ދެން އޭއެފްސީ ޕްރޯ ލައިސެންސް ކޯޗުން މަދެވެ. އޭއެފްސީ ޕްރޯ ލައިސެންސަކީ އޭޝިއާ ފުޓްބޯޅަ އިދާރާއިން ގަބޫލު ކުރާ ކޯޗިންގެ އެންމެ މަތީ ފާހެވެ.