ރާއްޖެ ކުޅިވަރު

ރަނގަޅު ނަތީޖާއަކަށް އުންމީދުކުރެވޭ: އައްސަދު

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ފަރާތުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރާ ކަމަށް ޒުވާން ޓީމުގެ ކޯޗު އައްސަދު އަބްދުލް ގަނީ ބުނެފި އެވެ. 

ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖެއާއެކު އޮތީ މި ގުރޫޕްގެ މެޗުތައް ބާއްވާ ގައުމު ކަމަށްވާ އޮމާން އާއި ބަހުރޭނާއި ލެބަނަން އަދި އިރާގެވެ. މި ގުރޫޕްގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.

މުބާރާތަށް އިއްޔެ ޓީމު ފުރުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އައްސަދު ބުނީ ޓީމުގެ ތައްޔާރީތަކާމެދު ހިތްހަމަޖެހޭ ކަމަށާއި ރަނގަޅު ނަތީޖާތަކަށް އުންމީދުކުރެވޭ ކަމަށެވެ. 

އައްސަދު ބުނީ ކޮލިފައިންގައި ރާއްޖެ ކުޅެންޖެހޭ ޓީމުތަކަކީ ރާއްޖެއާ "ހުރިހާ ގޮތަކުން ވެސް ތަފާތު" ޓީމުތައް ކަމަށެވެ. އަދި މިހާރު 23 އަހަރުން ދަށުގެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ދިވެހި ފުޓްބޯޅައިގެ "މުސްތަގްބަލް" ކަމަށާއި އެ ކުޅުންތެރިން މިކަހަލަ ވަރުގަދަ މެޗުތައް މުހިންމު ކަމަށެވެ.