ކުޅިވަރު

ޓީސީން ފުޓްބޯޅައިގެ މަލަމަތި އަލިކޮށްލައިފި

މިދިޔަ ހަތަރު އަހަރަކީ، ފުޓްބޯޅައަށް ފަޅު ކަމެއް އައި ހަތަރު އަހަރެވެ. ސަރަހައްދީ މުބާރާތެއްގެ ތައްޓެއްގައި ރާއްޖެއަށް އަތް ނުލެވުނު ތާނގައި، އެއިން މުބާރާތެއްގެ ފައިނަލާ ހަމަޔަށް ވެސް ނުދެވުނެވެ. އެ މަންޒަރު ވެސް އޮބަނީ އެވެ. އަލި ކުރަމުން އަންނަނީ ފުޓްބޯޅައިގެ އާ މަލަމައްޗަ ށެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ދިވެހި ފުޓްބޯޅަގައ ދައްކަނީ ޓީސީގެ ވާހަކަ އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. ސަރަހައްދީ މުބާރާތެއްގެ ތައްޓަކަށް ފެންބޮވައިގެންފައި ތިބި، ދިވެހިންގެ އުންމީދާ ގުޅިފައި ވަނީ މިވަގުތު ޓީސީ ކަމަށް ވުމުން ނެވެ.

ބަންގުލަދޭޝްގައި، މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ފައިނަލަށް ޓީސީ ދަތުރު ކުރުމުން، އެއީ، ސަރަހައްދީ ފުޓްބޯޅައިން، ދިވެހިންނަށް، މިދިޔަ ހަތަރު އަހަރު ތެރޭ ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި އެންމެން ދެކެއެވެ. ޓީސީ ބަންގާޅުގައި ތިއްބަސް، މާލޭގައި ތިބި، ދިވެހި ކުލަބު ތަކުގެ ކޯޗުންގެ ހެޔޮ ދުއާތައް އޮތީ ޓީސީއާއެކު އެވެ.

ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނި ގޮތުގައި ޓީސީ މުބާރާތް ކާމިޔާބު ހޯދައިފިއްޔާ، އެއީ ދިވެހި ފުޓްބޯޅަ އިތުރަށް ފޯރިގަދަވެ ދަނޑަށް ސަޕޯޓަރުން ވަންނާނެ އިތުރު ސަބަބަކަށް ވެގެންދާނެ އެވެ.

"މި ވަގުތު ދިވެހި ފުޓްބޯޅައިގައި، ވަރަށް ދެކެވޭ ވާހަކައަކަށް ވެއްޖެ ޓީސީގެ ވާހަކަ، އޭގެ މާނައަކީ، ޓީސީ މި ކާމިޔާބު ހޯދައިފިއްޔާ، ހަމަގައިމުވެސް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ބެލުން ތެރިންނަށް މިއީ ވަރަށް އުފާވެރި ކަމަކަށް ވެގެންދާނެ،" ސުޒޭން ބުންޏެވެ.

ދިވެހި ފުޓްބޯޅަ އަށް މިހާރު މަދުވެގެން އުޅޭނީ، އިންޓަނޭޝަނަލް މުބާރާތެއްގެ، ތައްޓެއް ކަމަށް، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ފާހަގަ ކުރެ އެވެ. އެހެންވެ ދިވެހިންގެ އެ އުންމީދު ހާސިލު ކޮށްދިނުމަށް އެންމެ ކައިރީގައި ޓީސީ އޮތުމުން، މިހާރު ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ޓީމަކީ ޓީސީ ކަމަށް، ސާންތީ ފާހަގަ ކުރެ އެވެ.

"ރާއްޖޭގެ ފުޓްބޯޅަ ހަގީގަތުގައި މިހާބޮޑަށް އަޑި އަޅައިލައިގެން މިއުޅޭ ސަބަބަކީ ވެސް އަޅުގަނޑުމެން ވަރަށް ޒަމާން ވެއްޖެ ތައްޓެއްގައި އަތް ނުލެވޭތާ، އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް، ކުލަބެއް ވެސް އިންޓަނޭޝަނަލް މުބާރާތެއްގެ ތަށި ގެނެސްފި ކަމަށް ވަންޏާމު އެއީ ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ކުރި އެރުމެއް،"

"އަޅުގަނޑުމެން ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ސްޓްރެންތު ދައްކާލުމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެއް މިއީ، މިފުރުސަތުގައި ކުލަބު އީގަލްސްގެ ކުޅުންތެރިންނާ މެނޭޖުމެންޓްގެ ފަރާތުން ޓީސީ އާއި ޓީސީގެ ކޯޗް ނިޒާންބެ އަށް ކާމިޔާބަށް އެދެން،" ސާންތީ ބުންޏެވެ.

ޔުނައިޓަޑް ވިކްޓަރީގެ ކޯޗް އަހްމަދު އާތިފް (އާތީ) ބުނީ ފުޓްބޯޅައިގައި ކޮންމެ ބަޔަކު ކުޅުނު ނަމަވެސް، އަބަދުވެސް، އޭނަ އެބަޔަކަށް ހިތްވަރު ދޭން ހުންނާނެ ކަމަށާއި އެހެންވެ (މިއަދުގެ ފައިނަލުގައި) ޓީސީ އަށް ކާމިޔާބަށް އެދޭ ކަމަށެވެ.

"ފެށުނީން ސުރެ، ފުޓްބޯޅަ ކުޅެ ފުޓްބޯޅައިގެ ތެރޭގައި އަޅުގަނޑުމެންނަށް މި އުޅެވެނީ، އަޅުގަނޑުމެންގެ މި އޮންނަ ގޮތަކީ، ކުލަބު ލެވަލުގައި ވިޔަސް، ނެޝަނަލް ލެވަލުގައި ވިޔަސް، އަދި އާދައިގެ ސްކޫލެއްގެ ލެވަލުގައި ވިޔަސް ފުޓްބޯޅަ ކަމަށް ވަންޏާ އަޅުގަނޑުގެ ތާއީދު ކުރާނެ، އަޅުގަނޑު ގަބޫލު ކޮށްގެން މިހުރީ އިރާދަ ކުރެއްވިއްޔާ ޓީސީއިން ތަށި ހިފައިގެން އަންނާނެޔޭ،"

ކޯޗިން ލެވަލުގައި ކިތަންމެ ހަގުވި ނަމަވެސް، މިހާރު ފުރަތަމަ ޑިވިޝަންގެ ޓީމު ތަކުގައި ތިބި ދިވެހި ކޯޗުންގެ ތެރެއިން، ކުޅުންތެރިޔެއްގެ ގޮތުގައި އިންޓަނޭޝަނަލް ތަޖުރިބާ އެންމެ ބޮޑު އެއް ކޯޗަކަށް ވެގެންދާނީ ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދެވެ.

"އެންމެ ފުރަތަމަ ކަމަކަށް ވަރަށް އުފާ ކުރަން، ނިޒާންބެ ޓޮޕް ލެވަލަށް ޓީމެއް ގެނެއްސް، އެ ކުލުންތެރިން ރަނގަޅަށް ޑިސިޕްލިން ކޮށް، އެމީހުން ބައްޓަން ކުރުމުގައި ހުރިހާ ބައެއް މިކުޅުނީ ނިޒާންބެ، ފަސޭހަ ކަމެއް ނޫން، ރާއްޖޭއިން ބޭރުގައި ފެމިލީއާ ދުރުގައި ތިބެ ކާމިޔާބެއް ހޯދުމަކީ، ވަރަށް ބޮޑު ސެކްރިފައިޒެއް،" އިންޓަނޭޝަނަލް ލެވަލުގައި 100 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅުނު ސޮބާ ބުންޏެވެ.

ސޮބާ ބުނީ ފައިނަލުގައި ކޮންމެ ނަތީޖާ އެއް ލިބުނު ނަމަވެސް، ނިޒާމް އާއި ޓީސީ އިން ދިވެހި ފުޓްބޯޅަ އަށް އެ ހޯދައިދިނީ ވަރަށް ބޮޑު އިހްތިރާމެއް ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ ވަޅުޖަހައި، ފުޓްބޯޅައިގައި ދިވެހިންނަށް ރެސްޕެކްޓް ގެއްލިފައި ވަނިކޮށް އެ ހޯދައިދިނީ ވަރަށް ބޮޑު ރެސްޕެކްޓެއް، ކުރީގެ ކުޅުންތެރިޔެއްގެ ހައިސިއްޔަތުންނާއި، މިހާރު ފުޓްބޯޅައިގެ ތެރޭގައި އުޅޭ މީހެއްގެ ހައިސއްޔަތުން ޓީސީ އަށް ވަރަށް ބޮޑަށް ސެލިއުޓް ކުރަން،" ސޮބާ ބުންޏެވެ.

މިއީ ކޯޗުންގެ ވާހަކަ އެވެ. ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅަ މެނޭޖްމެންޓް ލެވަލުގައި އުޅުއްވާ ބޭފުޅުންނާއި ދިވެހި ކުޅިވަރު ނުސްވެރިންގެ އާންމު ޝުއޫރުތައް ވެސް ހުރީ މިހެން ނެވެ. ފުޓްބޯޅައިން ދިވެހިން، ބައިނަލްއަގްވާމީ ތައްޓެއް ހިފައިގެން، އަންނަ މަންޒަރު ބަލަން ފުޓްބޯޅައިގެ އާއިލާ އާއި ދިވެހިން ތިބީ ކެތް މަދުވެފައެވެ. ކޮންމެ މީހެއްގެ ދުއާ އަކީވެސް، ޓީސީ އަށް ކާމިޔާބު ލިބުމެވެ. ދިވެހި ފުޓްބޯޅަ އަށް ކާމިޔާބުގެ މަލަމަތި ކަނިކޮށްލި ގޮތަށް، އެކާމިޔަބަށް އޮޑި ބީއްސާލުމަކީ އެންމެންގެ ހެޔޮ ދުއާ އެވެ.