ކުޅިވަރު

އިމްރާނާ ދެކޮޅަށް ނުކުންނަން ސުޒޭނަށް ބޮޑު އުނދަގުލެއް!

ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދަކީ، ވިކްޓަރީގެ މިހާރުގެ ކޯޗް އަލީ ސުޒޭންގެ ކާމިޔާބީގައި ހިއްސާވި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ސުޒޭން ވެސް އެކަން ފާހަގަ ކުރެ އެވެ. ވިކްޓަރީ އާއި މާޒިޔާގައި ވެސް، ސުޒޭން ހޯދި ކާމިޔާބުގެ އެންމެ މުހިންމު ހިއްސާއެއްވި ކުޅުންތެރިޔަކީ އިމްރާން އެވެ.

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، އިމްރާނާއި ސުޒޭން އަނެއްކާވެސް ވަކިވީ އެވެ. ފުޓްބޯޅައިގެ މުހިންމު މި ދެ ތަނބު މިއަހަރު ހުރީ ދެ ޓީމެއް ގައެވެ. މާޒިޔާ ދޫކޮށް އިމްރާން، ނިއުރޭޑިއަންޓަށް ބަދަލުވިއިރު، ސުޒޭން ބަދަލުވީ އޭނާގެ ކުރީގެ ކުލަބު ވިކްޓަރީ އަށެވެ. ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން އިމްރާން ނުކުންނައިރު، އޭނާ ވަނީ ސުޒޭންގެ ކޯޗް ކަމުގެ ދަށުން ވިކްޓަރީގެ ވެސް ކެޕްޓަން ކަން ވެސް ކޮށްފަ އެވެ.

އެސްޓީއޯ މާލޭ ލީގްގައި، މިރޭ، ވިކްޓަރީ އާއި ނިއު ބައްދަލު ކުރާ މެޗު ވެގެންދާނީ، އިމްރާނާއި ސުޒޭންގެ ވެސް ކުރިމަތި ލުމަކަށެވެ. ވިކްޓަރީގެ ކޯޗުގެ ގޮތުގައި ހުރެ، ސުޒޭންގެ ހުރިހާ ޓެކްޓިކްސް ތަކެއް ބިނާ ކުރާނީ އިމްރާންގެ ގޯލް ފޫއަޅުވާ ލުމުގެ ރޭވުންތެރި ކަމުގެ މައްޗަށެވެ. ނަމަވެސް، އިމްރާނާ ދެކޮޅަށް ނުކުންނަން ޖެހުންވީ ސުޒޭނަށް އެކަމުން "އިމޯޝަނަލް" އުނދަގޫ ތަކެއް ކުރިމަތިވީ ސަބަބަކަށެވެ.

"އަޅުގަނޑުގެ [ކޯޗިން] ކެރިއާގައި ވަރަށް މުހިންމު ހިއްސާއެއްވި ކުޅުންތެރިޔެއް އިމްރާން އަކީ، [އޭނައާ ދެކޮޅަށް ނިކުންނަށް ޖެހުމުން] ހުންނާނެ އިމޯޝަނަލް އިހްސާސްތަކެއް،" ސުޒޭން ބުންޏެވެ.

ނަމަވެސް، ސުޒޭން އަބަދުވެސް ބުނާ ވާހަކަ އެއް އެބައޮތެވެ. ފުޓްބޯޅައިގައި އޭނާ އަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކެވެ. އޭނާއަށް ކާމިޔާބު ހޯދަން ހުރަހަކަށް ނުވާ ކޮންމެ ހިނދެއްގައި، އޭނާގެ ހޮޔޮ އެދުންތައް އިމްރާނަށް އޮންނާނެ އެވެ.

"ކޮންމެ މީހަކީވެސް ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްވީމަ ހުރިހާ އިރެއްގައިވެސް އެމީހަކަށް ކޮންމެވެސް އެއްޗެއް ލިބޭތޯ މަސައްކަތް ކުރާނީ. ހިތުގައި އޮންނަ އެތި ބުނާ ކަމަށްވަންޏާ އަމިއްލަ އަށް މޮޅުވުން ހުރިހާ އިރެއްގައި ވެސް ހުންނާނީ،" ސުޒޭން ބުންޏެވެ.

އެހެންވެ، އޭނަ ހުރީ އޭނާގެ ޖަޒުބަތު ތައް ކޮންޓްރޯލް ކޮށް، އިމްރާނާ ދެކޮޅަށްވެސް ކަމިޔާބު ހޯދަން ތައްޔާރަށެވެ.