ކުޅިވަރު

ޔޫވީ ސީޒަންގެ ތައްޔާރީތައް ފަށަނީވެސް މާދަމާގެ މެޗުން

Mar 3, 2017

މި އަހަރުގެ ސީޒަނަށް ޔުނައިޓަޑް ވިކްޓަރީގެ ޓާގެޓްތައް ކަނޑައަޅައި ސީޒަން ފެށޭނީ ވެސް، މާދަމާ ހަވީރު، އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން، ކަމަށް، ޔޫވީގެ ކޯޗް އަހްމަދު އާތިފު (އާތީ) ބުނެފި އެވެ.

ޔޫވީ އަކީ މި އަހަރު ސީޒަނަށް އެންމެ ލަހުން ޕްރެކްޓިސް ފެށީ ޓީމެވެ. އަދި އެ ޓީމަށް، ބިދޭސީ ކުޅުންތެރިން ހަމަ ކުރެވި ޕްރެކްޓިސް ކުރެވުނީ އެންމެ ދެ ދުވަހު އެވެ.

އާތީ ބުނީ، ޕްރީ ސީޒަންގައި، އެއްވެސް ޓްރެއިނިން މެޗެއް ކުޅުމުގެ ފުރުސަތު ނުލިބުމުން، ޓީމުގެ ސްޓްރެންތާއި ބަލިފަޔަކީ ކޮބައިކަން އޭނާ އަށް ވެސް އަދި ނޭނގޭ ކަމަށެވެ.

"އެހެންވީމާ އީގަލްސް މެޗަކީ، ޔުނައިޓަޑް ވިކްޓަރީ ޓްރެއިން ކުރަންވީ ގޮތެއްވެސް އެނގޭނެ މެޗު، ޔުނައިޓަޑް ވިކްޓަރީ ޓީމެއް ގޮތަށް ފޯމުވި އިރު، އެހެން ޓީމުތައް ލީގް ފަށައިފި، އެހެންވެ އީގަލްސް މެޗަކީ ޔުނައިޓަޑް ވިކްޓަރީ އޮތް ހިސާބު ބަލާލަން ކުޅޭ މެޗް،" މާދަމަ ކުޅޭ މެޗާ ބެހޭގޮތުން އާތީ ބުންޏެވެ.

އާތީ ބުނީ، މިދިޔަ އަހަރު އަމާޒު ކުރީ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ކަމަށާއި މިދިޔަ އަހަރު އެކަން ހާސިލުވި ނަމަވެސް، މިއަހަރު އަދި އެއްގޮތަކަށް ވެސް ޓާގެޓް ކަނޑައަޅަން ނޭނގޭ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔަ ދެން އަންނަ މެޗަކަށް، ނުވަތަ ދެ މެޗެއް ވަރު ކުޅެފަ، ދެން ކަނޑައަޅާނަން ޔުނައިޓަޑް ވިކްޓަރީގެ މިއަހަރުގެ ޓާގެޓަކީ ކޮބައިކަން،"

އޭނަ ބުނީ، ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފެންވަރުވެސް ޕްރެކްޓިހުގައި ފެންނަ ފެނުމަށް ރަނގަޅު ކަމަށާއި، ނަމަވެސް އަސްލު ފެންވަރު އެނގޭނީ ޕްރެޝާހުރި މެޗެއް ކުޅެލުމުން ކަމަށެވެ.

މި މެޗަކީ އީގަލްސްއިން ލީގްގައި ކުޅޭ ދެވަނަ މެޗެވެ. ނަމަވެސް ޔުނައިޓަޑް ވިކްޓަރީގެ ފުރަތަމަ މެޗެވެ.