ލައިފްސްޓައިލް

ސޯސް ނުފައިބައިގެން، ފުޅީގެ ފުލުގައި ދެން ތަޅާކަށް ނުޖެހޭނެ!

Mar 4, 2017

ޓޮމާޓޯ ކެޗަޕް ނުވަޔަ ޓޮމާޓޯ ސޯސް ނުފައިބައިގެން ފުޅީގެ ފުލުގައި ތަޅައި، ފުޅި އެގޮތް މިގޮތަށް ތަޅުވައި ހަދަން ޖެހުމަކީ ފޫހި ކަމެކެވެ. އެގޮތަށް ފުޅީގައި ތަތްލާފައި ހުންނަ ފަހު އެތިކޮޅު ބޭނުން ކުރަން އެއްބައި މީހުން ފުޅި ތަޅައިވެސް ލައެވެ. އަނެއް ބަޔަކު ކުރާ ކަމަކީ އެ އެތިކޮޅާއެކު ފުޅި އެއްލައިލުމެވެ. އޭރުން އެކުރެވުނީ ބޮޑު އިސްރާފެކެވެ.

އެއީ ފޫހި ކަމެއް ކަން ފާހަގަ ކުރަނީ އަވަސް އަވަހަށް ކައި ނިންމަން ބޭނުންވާ މީހުން އެކަންޏެއް ނޫނެވެ. ސައިންސްވެރިން ވެސް އެކަމާ ވިސްނަ އެވެ.

އެމެރިކާގެ ބޮސްޓަންގެ ސައިންސްވެރިން މިހާރު ވަނީ އެކަމަށް ހައްލެއް ހޯދާފަ އެވެ. އެމީހުން ހެދީ ފުޅީގެ އެތެރޭގައި ލާ އާދަޔާ ހިލާފަށް ލޮނދި ކޯޓިން އެކެވެ. އެކޯޓިން ފުޅީގައި ލުމުން ކެޗަޕްގެ އެންމެ ފަހު އެތިކޮޅުވެސް ފަސޭހަ ކަމާއެކު ފުޅިން އޮއްސައިލެވޭނެ އެވެ. އަދި އެ ކޯޓިން ލާފައިވާ ފުޅިއެއް ހުސްކޮށްލާއިރު އެއްވެސް އެތިކޮޅެއް ފުޅީގައި ހަރުލާފައި ނުހުންނާނެ ކަމަށް ކޯޓިން އީޖާދު ކުރި ސައިންސްވެރިން ބުނެ އެވެ.

އެމެރިކާގެ މަޝަސުސެޓް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ދިރާސާކުރާ މީހުން ގަބޫލުކުރާ ގޮތުގައި އާ އުފެއްދުމުގެ ސަބަބުން ކާބޯތަކެތި އިސްރާފުވާ މިންވަރު ކުޑަ ކުރެވޭނެ އެވެ. އަދި އެއީ ސިއްހަތަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކޯޓިން އެއް ކަމުގެ ޔަގީންކަން އެމީހުން ދީފައި ވެއެވެ. -- ބީބީސީ