ކުޅިވަރު

ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީ ހޯދައިފި

Mar 3, 2017
1

ފައިނަލުގައި، ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓްޒެން އެފްސީގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކާމިޔަބު ހޯދައި، ބަންގުލަދޭޝްގެ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ޗެމްޕިއަން ކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.

ޓީސީ އަށް މެޗުގެ ލީޑް 18 ވަނަ މިނެޓްގައި ނަގައިދިނީ އަބްދުﷲ ހަނީފް (ބެންޖޯ) ކާމިޔާބު ކުރި ލަނޑުން ނެވެ. އޭނާ ލަނޑު ޖެހީ ހަސަން ނާއިޒު ނެގި ކޯނަރު ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޕޮޗެއޮން އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 45 ވަނަ މިނެޓްގައި، އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީވެސް، ކޯނަރަކުން ތަނަވަސްވި ބޯޅައަކުން، ޖެންގް އޮންގް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓް ތެރޭގައި ޕޮޗެއޮން އިން ވަނީ ލީޑް ނަގާފަ އެވެ. މިފަހަރުވެސް އެޓީމު ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްވި ބޯޅައިން ނެވެ. އެ ލަނޑު ޖެހީ، ޕާކް ސިޔޯންގް ރިއޯލް އެވެ.

ޕޮޗެއޮން ލީޑްގައި އޮވެގެން، މެޗު ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް، މުހައްމަދު އައްޒާމް ވަނީ ޓީސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އެ ނަތީޖާއިން މެޗު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނެޓްގެ ދެ ހާފުގެ ތެރެއިން، ފުރަތަމަ ހާފުގެ 10 ވަނަ މިނެޓްގައި ޕޮޗެއޮން އިން ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެބޯޅަ ގޯލް ތެރެއަށް ވަދެވަދެ އޮތްވައި އައްޒާމް ވަނީ، ދިފާއު ކޮށް ކުރުއަށް ފޮނުވާލާފަ އެވެ.

ޕެނަލްޓީގައި، ޕޮޗެއޮން އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކިރަން ކެމްޖޮންގް. ވަނީ ދިފާއު ކޮށްފަ އެވެ. އަދި ޓީސީ ގެ ހުރިހާ ޕެނަލްތީ އެއް ވަނީ ކަމިޔާބު ކޮށްފަ އެވެ.