ބޮލީވުޑް

ރަންބީރާއި ކެޓްރީނާ "ޖައްގާ ޖާސޫސް" އެކުގައި ޕްރޮމޯޓް ކުރަނީ

Mar 4, 2017

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވި ފަހުން ރިލީޒްވާ ފުރަތަމަ ފިލްމު "ޖައްގާ ޖާސޫސް" ރިލީޒް ކުރުން އަނެއްކާވެސް ލަސްކުރި ކަމުގެ އަޑުތަކެއް އަރާފައިވާއިރު، މި ފިލްމުގެ ބަތަލާ ކެޓްރީނާ، ރަންބީރާއެކު ފިލްމު ޕްރޮމޯޓްކުރަން ދެކޮޅު ހަދައި، އެކުގައި ފިލްމު ޕްރޮމޯޓް ނުކުރާނެ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ.

ނަމަވެސް ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރަންބީރާއި ކެޓްރީނާ މި ފިލްމުގެ އެކުގައި ޕްރޮމޯޓްކުރާނެ އެވެ. އެގޮތުން ފިލްމުގެ ޕްރޮމޯޓް ކުރުމަށް އެކުގައި އިންޓަވިއުތަކާއި އިވެންޓްތަކުގައި ބައިވެރިވުމުގެ އިތުރުން އިންޑިއާގެ އެކި ސިޓީތަކަށް ވެސް މި ދެ ތަރިން ދަތުރުކުރާނެ އެވެ.

އަނޫރާގް ބާސޫ ޑައިރެކްޓްކޮށް، އޭނާ އާއި ރަންބީރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ 2014 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ ފިލްމެކެވެ. މިފަހުން މި ފިލްމު ރިލީޒްކުރާ ދުވަސް ލަސްކުރަން އުޅޭ ކަމުގެ އަޑު އެރި ނަމަވެސް ކުރިން ހަމަޖެހިފައިވާ ގޮތަށް އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރާނެ އެވެ.

ރަންބީރު އާއި ކެޓްރީނާ އެކުގައި "ޖައްގާ ޖާސޫސް" ޕްރޮމޯޓް ކުރަން ނިންމުމާއެކު ހަމަޔަގީނުން ވެސް މި ފިލްމަށް ވުރެން ބޮޑަށް މި ދެތަރިންނާ ސުވާލުތައް ކުރިމަތިވާނީ ޒާތީ ދިރިއުޅުމާ ގުޅޭގޮތުންނެވެ.

ރަންބީރު އާއި ކެޓްރީނާ އެންމެ ފުރަތަމަ އެކުގައި ފެނިގެން ދިޔައީ 2009 ވަނަ އަހަރު ނިކުތް "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" އިންނެވެ. އެ ފިލްމުގެ ޝޫޓިން ތެރެއިން ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު ދުވަހު އުޅުމަށްފަހު ރަންބީރް އާއި ކެޓްރީނާ ރުޅިވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކެޓްރީނާ މިމަހުގެ ތެރޭގައި ސަލްމާން ޚާން އާއެކު ކުޅޭ ފިލްމު، "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު ރަންބީރު އަންނަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ.