ކުޅިވަރު

ސަޕޯޓަރުންނާއެކު ނިއުއަށް ރަނގަޅު ފެށުމެއް

Mar 4, 2017

ވޭތުވެދިޔަ ދޭއް ނުވަތަ ތިން އަހަރަކީ، ކުލަބު ފުޓްބޯޅައިގައި، ސަޕޯޓަރުންގެ ފޯރި ނެތް ތިން ސީޒަނެވެ. ނަމަވެސް، ރަނގަޅު ތައްޔާރީތަކާއެކު، ނިއުރޭޑިއަންޓްގެ ސަޕޯޓަރުން އެނބުރި އައިސް، އެޓީމުގެ ފަހަތުގައި ތިބެ ކުޅުނު މެޗުގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކަމިޔާބު ހޯދައި، އެސްޓީއޯ މާލޭ ލީގްގެ ފެށުން ނިއު އިން ރަނގަޅު ކޮށްފި އެވެ.

އޭއެފްސީ ކަޕް ޕްލޭއޮފް މެޗަށް ތައްޔާރުވުމުގެ ފުރުސަތު ކުލަބު ވެލެންސިއާ އަށް ދިނުމުގެ ގޮތުން، ނިއުރޭޑިއަންޓް ކުޅެން އޮތް މެޗު ފަސް ކުރުމަށްފަހު، ފުރަތަމަ މެޗު ވިކްޓަރީއާ ދެކޮޅަށް ނިއުގެ މެޗުގައި ޕްރީ ސީޒަންގައި ވަރަށް ރަނގަޅަށް ތައްޔާރުވިކަން ފާހަގަ ކުރެވޭ ކަމަށް، ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ވެސް ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފު ނިއު އިން ނިންމާލީ ލީޑާ އެކު އެވެ. ފުރަތަމަ ހާފު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ނިއު އަށް ލީޑް ނަގައިދިނީ، ދޮޅު އަހަރުގެ މެދު ކެނޑުމަކަށް ފަހު، އެނބުރި ނިއުއަށް އައި، ޑިފެންޑަރު އަކްރަމް އަބްދުލް ގަނީ (އަކޫ) އެވެ.

ވިކްޓާރީގެ ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ބޯޅަ ފޮނުވާލީ މާބަކަރަކަށް ނޫނެވެ. ނަމަވެސް، ގޯލް ދަނޑިއާ ކައިރިން އެބޯޅަ ދިއުމުން، ވިކްޓަރީގެ ކީޕަރު މުހައްމަދު އަލް ޔޫސުފަށް އެ ބޯޅަ ސަލާމަތް ކުރުމަށް ކުރެވޭނެ ކަމެއް ނެތެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ވިކްޓަރީން ވަނީ ރަނގަޅު ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ހާއްސަ ކޮށް، ސަސްޕެންޝަންގެ ސަބަބުން، އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ނުކުޅެވުނު ކެރިކް އެންޑްރިޖް ވަނީ ރަނގަޅު ފުރުސަތު ތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.

ދެ ވަނަ ހާފުގެ 58 ވަނަ މިނެޓްގައި، ވިކްޓަރީގެ މުސްތޮފާ މުހައްމަދު ސެޑިކް ހުރަސް ކުރި ބޯޅަ ހަސަން އަދުހަމް ބޮލުން ފޮނުވާލި ބޯޅަ، ގޯލަށް ވަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް އެބޯޅަ ރީބައުންސްވީ ނިއުގެ ގޯލް ދަނޑީގައި ޖެހިފަ އެވެ.

ރިބައުންސަށް ނިކުތް ބޯޅަ ނިއުގެ ޑިފެންޑަރުން ކުރިއަށް ފޮނުވާލުމުން، އެ ބޯޅަ ލިބުނީ، ކުރީގައި ހުރި، މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަލީ ފާސިރު (ސެންޓޭ) އަށެވެ. ސެންޓޭ އެބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން އުޅުނު ނަމަވެސް، އެ ބޯޅަ ދިފާއު ކުރީ، ބޯޅަ ސަލާމްތްކުރަން ގޯލް ދޫކޮށް ލުމަށްފަހު ނިކުތް ކީޕަރު އަލް ޔޫސުފެވެ.

މެޗުގެ 69 ވަނަ މިނެޓްގައި، އަލީ ފާސިރު ސެންޓޭ ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން ގޯލް ތެރެއަށް ބޯޅަ ފޮނުވާލައި ނިއުގެ ލީޑް ފުޅާ ކޮށް ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ނިއުގެ ސްޕެއިންގެ ފޯވަޑް ގެލާޑޯ ވެލްޑޭސް އެޑްރިއަން އެވެ.

ވިކްޓަރީގެ ކޯޗް ސުޒޭން ބުނީ، އެ ލަނޑު ވަނުމުގައި ވިކްޓަރީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ، ސެޓް ޕީސްތަކަށް ރަނގަޅަށް ތައްޔާރު ނުވުން ކަމަށެވެ. އަދި ޕްރީސީޒަންގައި ސެޓް ޕީސްތަކަށް ޓްރެއިން ނުކޮށް ހުރި މައްސަލަ އޭނާ ފާހަގަ ކުރި އެވެ.

އެ ލަނޑަށް ފަހުވެސް، ގެލާޑޯ އަށް ވަނީ ނިއު އަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދޭން ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. އޭނާ އަށް ލިބުނު ބޯޅަ، ހިފައިގެން ވިކްޓަރީގެ ޕެނަލްޓީ އޭރިއާގެ ރޮނގު މަތީގައި ހުރެފައި އޭނަ މަސައްކަތް ކުރީ ގޯލް އޭރިއާއިން ބޭރަށް ނިކުމެ ހުރި ކީޕަރު އަލް ޔޫސުފްގެ ބޯމަތިން ގޯލް ތެރެއަށް ބޯޅަ އޮއްސާ ލުމަށެވެ. ނަމަވެސް އެބޯޅަ ދިޔައީ ގޯލްގެ ކަނާ ދިމާލުން ގޯލް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 79 ވަނަ މިނެޓްގައި، މުސްތަފާ ވަނީ، އިތުރު ބޯޅަ އެއް ނިއުގެ ޕެނަލްޓީ އޭރިއާ އަށް ހުރަސް ކޮށްފަ އެވެ. އެބޯޅަ ޖަހަން ކެރިކް އެރި ނަމަވެސް، ނިއުގެ ޑިފެންޑަރު ކައިރީގައި ހުރުމުން އޭނާ އަށް އެބޯޅަ ރަނގަޅަށް ފޮނުވާނުލެވި ދިޔައީ، ބޭރަށެވެ.

މެޗުގެ 82 ވަނަ މިނެޓްގައި ގެލާޑޯ ވަނީ ހުހަށް އޮތް ވިކްޓަރީގެ ގޯލަށް، ހާފުގެ މެދެއްހާ ހިސާބުން ބޯޅަ އެއް ފޮނުވާލާފަ އެވެ. ނިއުއިން އުފެއްދި ހަމަލާއެއް ދިފާއު ކުރަން، ކުރިއަށް ނިކުތުމަށްފަހު ކީޕަރު އަލްޔޫސުފަށް ގޯލާ ހަމަޔަށް ނުދެވެއެވެ. ވިކްޓަރީގެ ޑިފެންސުން ދިފާއު ކުރުމުން ނިކުތް ބޯޅަ ލިބުނީ ގެލާޑޯ އަށެވެ. ނަމަވެސް އޭނާ ފޮނުވަލި ބޯޅަ ދިޔައީ، ގޯލް ދަނޑި ކައިރިން ބޭރަށެވެ.

އަށްޑިހަ ހަތަރު ވަނަ މިނެޓްގައި، ކެރިކް ވަނީ ވިކްޓަރީގެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އޭނާ ލަނޑު ޖެހީ، ކެޕްޓަން އިސްމާއިލް އީސާ ނެގި ފްރީ ކިކަކުން ހުރަސްވި ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.

ނިއުގެ ތިން ވަނަ ލަނޑު އަށް ޑިހަ ނުވަ ވަނަ މިނެޓްގައި ކާމިޔަބު ކުރީ ގެލާޑޯ އެވެ.

ލީގްގައި މާދަމަ ހަވީރު ކުޅޭ މެޗުގައި، ބައްދަލު ކުރަނީ، އީގަލްސް އާއި ޔުނައިޓަޑް ވިކްޓަރީ އެވެ. މާދަމާ އަކީ އީގަލްސް ކުޅޭ ދެ ވަނަ މެޗެވެ. ނަމަވެސް ޔުނައިަތޑް ވިކްޓަރީ ކުޅޭ ފުރަތަމަ މެޗެވެ.