މެޑްރިޑް (ޑިސެމްބަރު 13) – ސްޕެއިން ލީގުގައި ރޭ އަލްމޭރިއާ އަތުން 3-1 އިން ރަށުން ބޭރުގައި މޮޅުވެ، ރެއާލް އިން ޖެހިޖެހިގެން 20 މޮޅު ހަމަކޮށްފި އެވެ.
ރެއާލް އިން ޖެހިޖެހިގެން 20 ވަނަ މޮޅު ހޯދިއިރު، ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ދުނިޔޭގެ ރެކޯޑާ އެއްވަރުކުރުމަށް ރެއާލް އިން ބޭނުންވަނީ ހަތަރު މެޗެވެ. ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ދުނިޔޭގެ ރެކޯޑް އޮތީ ބްރެޒިލްގެ ކޮރީޓިބާގެ އަތުގަ އެވެ.
އަލްމޭރިއާގެ ދަނޑުގައި ކުޅުނު މެޗުގެ 34 ވަނަ މިނިޓުގައި ރެއާލަށް ލީޑު ހޯދައިދިނީ މިޑްފީލްޑަރު އިސްކޯ އެވެ. އެކަމަކު އޭގެ ހަތަރު މިނިޓު ފަހުން އަލްމޭރިއާގެ ވެރޭޒާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ރެއާލް އިން އަލުން ލީޑު ނެގީ މެޗުގެ 42 ވަނަ މިނިޓުގައި ގެރެތު ބޭލް ޖެހި ލަނޑުންނެވެ. އަދި މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ރެއާލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ރޮނާލްޑޯ ވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު 23 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ.
މި މޮޅާއެކު ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް އިން ވަނީ ދެވަނައިގައި އޮތް ބާސެލޯނާގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ރެއާލް 39 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ބާސެލޯނާ އޮތީ 34 ޕޮއިންޓާއެކު އެވެ.
ރެއާލް އިން ދެން ކުރިމަތިލާނީ މޮރޮކޯގައި އޮންނަ ކްލަބް ވޯލްޑް ކަޕަށެވެ. އަންގާރަ ދުވަހު ކުޅޭ މުބާރާތުގެ ސެމީ ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ކްރޫސް އަޒުލް ނުވަތަ ވެސްޓަން ސިޑްނީ ވޮންޑަރާސް އެވެ. -- ބީބީސީ