ކުޅިވަރު

އެފްއޭއެމަށް ލުއިވެ ކްލަބުތަކަށް ކުރިއެރުން ލިބުނު އެހީ

ކޮންމެ އަހަރެއްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން، ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ފަށަ އެވެ. މިއީ ކޮންމެ ކްލަބަކަށް ވެސް އެންމެ ބޮލުގެ ރިހުން ބޮޑު ދުވަސްކޮޅެވެ. ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ހޯދުމަށް، ކްލަބުތަކުން ޖެހެނީ އެކި ފަރާތްތަކާ ބައްދަލުކޮށް، "ސަލާން" ޖަަހާށެވެ. ގިނަ ފަހަރަށް، މާލީ ދަތިތަކާ ގުޅިގެން ކްލަބުތަކުން ބޭނުންވާ ދުވަހަށް ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ނުނިމެ އެވެ.

އެހެން ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ދެކެމުން އައި ހުވަފެނެއް ވަނީ ހަގީގަތަކަށްވެފަ އެވެ. ސަރުކާރުގެ އިސްނެގުމާއެކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސަރުކާރުގެ އަށް ކުންފުންޏަކާއެކު ފުރަތަމަ ޑިވިޝަންގެ އަށް ކްލަބު ގުޅުވައިދީފަ އެވެ.

ކްލަބުތަކާ ކުންފުނިތަކާމެދު އުފެދުނު ޕާޓްނަޝިޕާއެކު، މާލޭ ލީގުގައި ވާދަކުރާ ކޮންމެ ކްލަބަކަށް ވެސް ދެ މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ. އަދި ޕްރިމިއާ ލީގަށް ކޮލިފައިވާ ޓީމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ޕްރިމިއާ ލީގަށް މިނިވަން ޗެމްޕިއަންޝިޕުން ކޮލިފައިވާ ހަތަރު ޓީމަށް ވެސް 1.5 މިލިއަން ރުފިޔާ ދިނުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އަދި ދެވަނަ ޑިވިޝަންގެ 10 ޓީމަށާއި ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ޓީމަށް ފައިސާ ދިނުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ކްލަބުތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރުކުރުމަށް މީގެ ކުރިން ވެސް އެފްއޭއެމް އިން ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް، އެކަން މިހާތަނަށް އޮތީ ކާމިޔާބު ނުވެފަ އެވެ.

ކުންފުނިތައް ކްލަބުތަކާ ގުޅުވާލުމުގެ ފަހަތުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީނެވެ. މިއީ ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅަ އަށް އެ މަނިކުފާނު ދެއްވާ އަހަމިއްޔަތުކަމުގެ ދަށުން ދިވެހި ކްލަބުތަކަށް ތަނަވަސްކޮށްދިން ފުރުސަތެކެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބް ވިދާޅުވީ ފުޓްބޯޅައިގެ އާއިލާގެ އިހުސާސްތައް މިހާ ރަނގަޅަށް ދަންނަ ސަރުކާރެއް މީގެ ކުރިން ފެނިފައި ނުވާ ކަމަށެވެ.

"މިކަން މިހާ ފަސޭހަ ގޮތަކަށް ހަމަޖައްސައިދިނިތީ ރައީސް އަބްދުﷲ ޔާމީނާއި އެފްއޭއެމް އަށް ޝުކުރު އަދާކުރަން. މިއީ ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ވައްހާބް ވިދާޅުވި އެވެ. "ދިވެހި ފުޓްބޯޅަ އާއިލާގެ އިހުސާސްތައް ދަންނަ ރައީސެއް އަދި ކިރިޔާ ލިބިގެން މި ދިޔައީ."

ކުންފުނިތަކުން ކްލަބުތަކާ ޕާޓްނަޝިޕް ހެދުމާއެކު، ހުރިހާ ކްލަބަކުން ވެސް ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކޮށްފަ އެވެ. މިކަމުން މި އެނގެނީ ކްލަބުތަކުން މި ކަމަށް ބޭނުންވެފައި ތިބި މިންވަރެވެ.

"ހަމަ ޔަގީނުން ވެސް މި ވެގެންދާނީ ފުޓްބޯޅަ ބަދަލުކޮށްލާނެ ފިޔަވަޅަކަށް،" ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ފަޔާޒް (ފަޔާ) ވިދާޅުވި އެވެ. "ވިކްޓަރީގެ ފަރާތުން ރައީސް ޔާމީނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. މި ކަމުގެ ސަބަބުން ބޮޑު އިމްޕެކްޓެއް އަންނާނެ."

މި ކަމުގެ ސަބަބުން ފައިދާވެ، ފަސޭހަވާނީ ހަމައެކަނި ކްލަބުތަކަކަށް ނޫނެވެ. މިއީ އެފްއޭއެމް އަށް ލިބޭނެ ވަރަށް ބޮޑު ލުއިއެކެވެ. އަދި ކްލަބުތަކަށް ލިބޭ ކޮންމެ ކުރިއެރުމަކީ އެފްއޭއެމް އަށް ވެސް ލިބޭނެ ކުރިއެރުމެކެވެ.

މީގެ ސަބަބުން ކްލަބުތަކަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ސީޒަން ފެށުމުގެ ކުރިން ބަޖެޓް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. މިހާރު ސީޒަން ފެށުމުގެ ކުރިން ސްޕޮންސަރުން ފަހަތުން ދުވަން ޖެހުނު ނަމަވެސް، މި ޕާޓްނަޝިޕްގެ ސަބަބުން ކްލަބުތަކަށް އެ ބޮލުގެ ރިހުމުން ސަލާމަތްވީ އެވެ. އަދި އިތުރު ސްޕޮންސާ ހޯދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ކްލަބުތަކަށް އެބައޮތެވެ.

މޯލްޑިވްސް ގޭސް މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (މާނު) ވިދާޅުވީ ކްލަބުތަކާއި ކުންފުނިތައް ގުޅިގެން މަސައްކަތްކޮށްފި ނަމަ، މި ޕާޓްނަޝިޕް ވަރަށް ކާމިޔާބުވާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ކުލަބު ތަކުން މިފައިސާ ދެމުން ދާނެ، އަދި ސަސްޓެއިނަބަލް ގޮތެއްގައި އެކަން ކުރިއަށްދާނީ، އެހެންކަމުން އެއީ ވަރަށް ބޮޑު އެޗީވްމެންޓެއް،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެން ކުންފުނިތަކުން މިތިބީ މާލީ އެހީތެރިކަން ފޯރުކޮށްދޭން، ތިބޭފުޅުންގެ ޒިންމާއަކީ އަޅުގަނޑުމެންނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެވިޝަން ހާސިލު ކޮށްދެއްވުމަށް މަސައްކަތް ކުރުން. ވަރަށް ރަނަގޅު ކުޅުންތެރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރުން،" މައުމޫން ވިދާޅުވި އެވެ. އިރާދަ ކުރެއްވިއްޔާ ކުލަބު ތަކުން މިފައިސާ ދެމުން ދާނެ، އަދި ސަސްޓެއިނަބަލް ގޮތެއްގައި އެކަން ކުރިއަށްދާނީ، އެހެންކަމުން އެއީ ވަރަށް ބޮޑު އެޗީވްމެންޓެއް،" މައުމޫން ވިދާޅުވި އެވެ.

ކުންފުނިޔަކާއެކު ޕާޓްނަޝިޕް ގާއިމްކުރުމުން، ކްލަބުތަކުން އަދާކުރަންޖެހޭ ޒިންމާ ވެސް ބޮޑެވެ. ކްލަބުތަކުގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ކުރަންޖެހެ އެވެ. ހިސާބުތަކާއި އިންވެންޓްރީ ބެލުމުގެ ނިޒާމް ހަރުދަނާކުރަންޖެހެ އެވެ. ޕާޓްނަރުންގެ ޕްރޮމޯޝަނަކަށް މަސައްކަތްތަކެއްކޮށް، ކްލަބުތަކުން ސަޕޯޓަރުން ގިނަކުރަން މަސައްކަތްކުރަންޖެހެ އެވެ. މި ޕާޓްނަޝިޕް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ކްލަބުތަކުން ވެސް މަސައްކަތްކޮށްގެނެވެ. މި ޕާޓްނަޝިޕް ކާމިޔާބުވެއްޖެ ނަމަ، ދިވެހި ފުޓްބޯޅަ އަށް އޮތީ އުޖާލާ ދުވަސްތަކެކެވެ.