ކުޅިވަރު

ބޮބީ: ފުޓްބޯޅައަށް ސާންތީގެ ހަދިޔާއެއް

މާލޭ، ލީގްގް ފުރަތަމަ މެޗުގައި، މާޒިޔާ އާ ދެކޮޅަށް، ކުޅުނު މެޗުގެ ކުރިން، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ނޫސްވެރިންގެ ގާތުގައި އާ ކުޅުންތެރިޔެއްގެ ވާހަކަ ދެއްކި އެވެ. އަދި މާޒިޔާގެ މެޗަކީ، އެ ކުޅުންތެރިޔާ ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ މެޗު ކަމަށާއި އެއީ ދިވެހި ފުޓްބޯޅަ އަށް އުންމީދީ ކުޅުންތެރިޔަކަށް ވާނެ ކަމުގެ މެސެޖް ސާންތީ ދިނެވެ.

ނޫސްވެރިން ތިބީ، އެއީ ކޮން ކުޅުންތެރިޔެއްތޯ ބަލައިލަން ވަރަށް ބޮޑަށް ބޭނުން ވެފައެވެ. އަދި އެކުޅުންތެރިޔާގެ ފެންވަރު ބަލައިލުމުގެ ޝައުގުވެރިކަން ވެސް ފާޅު ކުރި އެވެ. މާޒިޔާގެ މެޗުގައި އެ ކުޅުންތެރިޔާއަށް ސާންތީ ފުރުސަތު ދިނެވެ. މިދިޔަ އަހަރު އީގަލްސްގެ ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންގެ ތެރެއިން، މިފަހަރު ޓީމު ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ތިބީ ތިން ކުޅުންތެރިން ނެވެ. މިދިޔަ އަހަރު، މިނިވަން ޗެމްޕިއަންޝިޕްގައި ކުޑަހުވަދޫ ޓީމުން ފާހަގަ ކުރެވުނު ޖުމައިލް ޖަމީލާއި މުހައްމަދު ނާއިމް އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ.

މާޒިޔާއާ ދެކޮޅަށް އީގަލްސްގެ ފުރަތަމަ 11 އިން، ސާންތީ ފުރުސަތު ދިން ކުޅުންތެރިޔަކީ ބޮބީ އެވެ. ތެދެކެވެ. ބޮބީގެ ތަފާތު ފެނިގެން ދިޔަ އެވެ. ކުޅުމުން އޭނާ އަކީ، ގަލޮޅު ދަނޑަށް އާ ކުޅުންތެރިޔެއް ކަމެއް އެއްގޮތަކަށްވެސް ފާހަގަ އެއް ނުކުރެވެ އެވެ.

މެޗަށްފަހު، ނޫސްވެރިންގެ ސުވާލުތައް، ބޮބީ އަށް ހާއްސަކޮށް ގެން ސާންތީ އަށް އަމާޒުވި އެވެ. ސާންތީ، ގަލޮޅު ދަނޑަށް ބޮބީ ތާރަފު ކޮށްދިނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އެންމެ ހެޔޮވަރުވާނެ ކުޅުންތެރިޔަކަށް ވާނެކަން އެނގޭތީ، އެމަންޒަރު ދިވެހި ފުޓްބޯޅަ އަށް ދެއްކުމަށެވެ.

"މިއަހަރު އެބައޮތް ކަންނޭންގެ، 23 އަހަރުން ދަށުގެ ގައުމީ ޓީމު މުބާރާތެ ވެސް އެހެންވީމަ އަޅުގަނޑު މިކުޅުންތެރިޔާ [ބޮބީ] މި ދެއްކީ ވެސް ހަމަ ގައުމީ ޓީމަށް އަދި ދިވެހި ފުޓްބޯޅަ އަށް، އޭގެ ތަފާތު ފެންނާނެ،" މިދިޔަ މަހު 24 ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސާންތީ ބުންޏެވެ.

މިއަދު އީގަލްސް މި ނިކުންނަނީ، ލީގްގައި އެޓީމުގެ ދެ ވަނަ މެޗަށެވެ. މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް، ސާންތީގެ ވިސްނުން ހުރީ ބޮބީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމަށެވެ. ބޮބީ އަށް ފުރަތަމަ 11 އިން ފުރުސަތު ދޭން ނުޖެހޭ ސަބަބެއް ސާންތީއަކަށް ނުފެނެ އެވެ.

"އެކުޅުންތެރިޔާ [ބޮބީ] ފެނުމުން އަޅުގަނޑު ހިތަކަށް ނާރާ، އެހާވަރުގެ ތަފާތެއް ދައްކައި ފާނެ ކަމަކަށް. އެހާ ކޮންފަޓަބަލް ކޮށް އެހާ ރަނގަޅަށް ކުޅެފާނެ ކަމަކަށް އެއްގޮތަކަށް ވެސް ހީއެއް ނުކުރަން،"

ސާންތީ ބުނީ، ފުރަތަމަ 11 ގައި، ބޮބީގެ ޖާގަ އެހެން ކުޅުންތެރިޔަކަށް ދޭން އޭނާއަށް އުނދަގޫ ވާނެ ކަން ބޮބީ ސާބިތު ކޮށްދީފި ކަމަށެވެ.

"ލީގްގައި ޕްރޮމިސިން ކުޅުންތެރިޔަކަށް ބޮބީ ވެގެންދާނެޔޭ އަޅުގަނޑު ބުނާނީ،" ސާންތީ އުންމީދާ އެކު ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީ ބޮބީގެ 19 ވަނަ ވަނަ އުފަން ދުވަހެވެ. އުމުރުން ހަގު ވިޔަސް އޭނާ ވަނީ އޭނާ އަށް ވުރެ އުމުރުން ދޮށީ ކުޅުންތެރިންނަށް ރަނގަޅު ފައިޓެއްދީ ދިވެހި ފުޓްބޯޅައިގެ އުންމީދަކަށް ވެދާނެ ކަމުގެ އުފާވެރި މެސެޖު ދީފަ އެވެ.