މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ވެވޭނީ، ޓޫރިޒަމް އިތުރަށް ފުޅާކޮށްގެން ކަމަށް ސަރުކާރުން ބުނެފި އެވެ. ފ. އަތޮޅު ސައުދީއަށް ވިއްކާލަން އުޅޭކަމުގެ ތުހުމަތުތަކާއި ގުޅިގެން، ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" ނޫހަށް ދިން އިންޓަވިއުއެއްގައި، މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޝިހާމް އާދަމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ކުރެވޭނީ ޓޫރިޒަމާއި ރިސޯޓް ތަކަށް ކަމަށެެވެ.
"ރާއްޖެ ސަލާމަތް ކުރެވޭނީ ޓޫރިޒަމާއި ރިސޯޓްތަކަށް. މީހުން އެ އިންވެސްޓް ކުރަނީ މިލިއަނުން. އެމީހުންނަކީ މޮޔައިންނެތް ނޫން. ޑްރެޖަރު ބޭނުންކޮށްގެން އެންމެ ހަތަރު ހަފުތާ ތެރޭގަައި ރަށެއް ހިއްކާ އޭގެ ވަށައިގެން ބޮޑު ހިލަ ޖަހާ އެބަ ނިމޭ،" ޝިހާމް ވިދާޅުވި އެވެ.
"ރާއްޖެ ސަލާމަތުން އޮންނަން ފައިސާ އެބަ ބޭނުންވޭ. ރިސޯޓް ތަކަކީ ތިމާވެއްޓަށް ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެންނަށްވުރެ ރަނގަޅަށް އެމީހުން ރަށްތައް ހިމާޔަތް ކޮށްދޭ. ސަބަބަކީ އެންމެ މަދުވެގެން 700 މިލިއަން ޑޮލަރު އޮންނަނީ އިންވެސްޓުކޮށްފަ. ދެން އެތަންތަން މިވަނީ ހިމަޔާތްކުރެވިފައިވާ ކުދި ސަރަހައްދުތަކަށް،"
ކުރިއަށް އޮތް އެއް ގަރުނުގެ ތެރޭގައި ރާއްޖޭގެ 75 ޕަސަންޓު އަޑިޔަށް ދާނެކަމަށް ސައިންސްވެރިން ބުނާ ބުނުމުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.
"އެކަމެއް ނުވާނެ އަންނަ އަހަރަކު. އެކަމަކު އަޅުގަނޑުމެން މިހާރުން މިހާރަށް ކޮންމެހެން ބޭނުންވާ ކަންތައްތައް އެބަހުރި. ތަރައްގީ އެބަޖެހޭ ކުރުއަށްދާން. އިތުރު ވަޒީފާތައް އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ އުންމީދުތަކާއި ބޭނުންތައް ހުރީ ހަމަ އެމެރިކާ އަދި ޔޫރަޕު މީހުންނެކޭ ވެސް އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ.
އެ އިންޓަވިއުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ވިދާޅުވީ ކަނޑުގެ ރާޅުތަކަށް ދޫކޮށްލައި، ދިވެހިން ގައުމު ދޫކޮށް ނުދާނެ ކަމަށެެވެ.
"އަހަރެމެން އެއްވެސް ތާކަށް ނުދާނަން. ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމުގެ ހުވަފެން މިވަނީ ނިމިފަ. މިހާރު ސަރުކާރުގެ އަމާޒަކީ ކާބަން މަދު ގައުމަކަށް ރާއްޖެ ހެދުން،" ތޯރިގާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
ގިނަ ރަށްރަށަށް ސާފު ބޯފެނާއި ނަރުދަމާ އިންތިހާއަށް ބޭނުންވެފައިވާ ކަން ފާހަގަ ކުރައްވަމުން، ތޯރިގު ވިދާޅުވީ ހުސް ވާހަކަ ތަކެއްގެ ބަދަލުގައި މިހާރުން މިހާރަށް ނަތީޖާ ނެރެ ރައްޔިތުންގެ އެދުންތަކާއި ބޭނުންތައް ފުއްދައިދޭން ޖެހިފައިވާ ކަމުގަ އެވެ.
ފ. އަތޮޅު ވިއްކާލުމުގެ ތުހުމަތުތަކާއި ގުޅޭގޮތުން، ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ބޮޑެތި ރަށްތައް ތަރައްގީކޮށް އެރަށްތަކަށް މީހުން ބަދަލުކޮށްގެން މެނުވީ، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ދަތިވެފައިވާ ކަމުގަ އެވެ.
"ފ. އަތޮޅު ތަރައްގީ ކުރުމަކީ ރާއްޖޭގެ އިސްތިގުލާލު ވިއްކާލުމެއް ނޫން. އަޅުގަނޑުމެން މި އުއްމީދު ކުރަނީ ބިޔަ މަޝްރޫއު އަކަށް ވާނެ ކަމަށް. އަޅުގަނޑުމެން ބޭނުމެއް ނުވޭ މަޑުމަޑުން ކުރިއަށްދާކަށް. އަޅުގަނޑުމެން ބޭނުންވަނީ އިންގިލާބީ ބަދަލުތަކެއް. ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވީ އެންމެ އަވަހަކަށް ރަނގަޅުކުރަން އަޅުގަނޑުމެން ބޭނުންވަނީ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަށްރަށުން މީހުން ބަދަލުކުރާއިރު، ސަރުކާރުން ހިލޭ ގެދޮރު ފޯރުކޮށްދޭނެ ކަމުގަ އެވެ. ސަބަބަކީ ސަތޭކަ މީހުންގެ އަބާދީ އެއް ހަމަނުވާ ކުދި ރަށްރަށަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައި، މުއިއްޒު ފާހަގަ ކުރެއްވި އެވެ.
ސަރުކާރުގެ ވިސްނުމަކީ ވީހާވެސް ގިނަ ރަށްތައް އިންވެސްޓަރުންނަށް ދޫކުރުން ކަމުގައި މިނިސްޓަރު ހާމަކުރެއްވި އެވެ.
"އެތަންތަން ޓޫރިޒަމަށް ބޭނުންނުކުރަންވީ ކީއްވެގެންތޯ؟"