ކުޅިވަރު

ގައުމު އުފާ ކޮށްލައިދިން ހިނިތުންވުން!

އެއީ މިދިޔަ ޑިސެމްބަރު މަހު ފަހު ކޮޅެވެ. ދަންވަރު ހުޅުލެއަށް ގޮސްފައި ގެއަށް އައި މަގުމަތީގައި، މަޝްހޫރު ޓީސީ ގޯޅި ކަންމަތިން ޓީސީ ސްޕޯޓްސް ކުލަބުގެ މިހާރުގެ ރައީސް މުހައްމަދު އީސާ (މޯ) އާއި ޓީސީގެ ކޯޗް މުހައްމަދު ނިޒާމުގެ އިތުރުން، ޓީސީގެ ކުރީގެ ރައީސް އަދި އެކުލަބުގެ އެއް ބާނީ، މިހާރުގެ ސްޕޯޓްސް ކޮމިޝަނާ އަހްމަދު ނަޝީދު (ޑޭވް) އާ ދިމާވެ އެވެ. އެއީ އޮފް ސީޒަންގެ ޓްރާންސްފާގެ އެންމެ ފޯރިގަދަ ދުވަސް ކޮޅެވެ. ޓީސީ އަށް ކުޅުނު އެންމެ މުހިންމު ދެ ކުޅުންތެރިން އެ ޓީމު ދޫކޮށް، އެހެން ޓީމުތަކަށް ބަދަލު ވެއްޖެ އެވެ. ޓީސީ އޮތީ ޓްރާންސްފާ މާކޭޓްގައި އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވެއެވެ. ލޯކަލް އެއްވެސް ކުޅުންތެރިޔެއް އެޓީމަށް ގުޅުނު ކަމުގެ އެއްވެސް ޚަބަރެއް ނެތެވެ. ނަމަވެސް، ޓީސީގެ ރައީސް މޯ ހާއްސަ އެހެން ވާހަކަ އެއް ވިދާޅުވި އެވެ.

"މިއަންނަ އަހަރު އަހަރެމެން ޑާންސް ކުރާނަން،" މޯ ވިދާޅުވި އެވެ. ޑާންސް ކުރާނެ ކަމަށް އެ ވިދާޅުވީ، ކާމިޔާބު ހޯދައި ސެލެބަރޭޓް ކުރާނެ ވާހަކަ އެވެ.

ދިވެހި ކުޅުންތެރިން ހޯދުމުގެ ބާޒާރު ގައި ޓީސީއިން ހަރަކާތްތެރި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ނިޒާމް ޖަވާބު ދިނީ މިހެންނެވެ: "މިފަހަރު މަސް ފަލަ އެއްވެސް ކުޅުންތެރިޔަކު ޓީސީ އަށް ނުގެންނާނަން، ނަމަވެސް ތަފާތެއް ފެންނަ ވަރުގެ އެއް ކުޅުންތެރިޔަކު ޓީސީ އަށް ގެންނާނަން، އެކަމަކު އެއީ ނަމުން މަޝްހޫރު ކުޅުންތެރިޔެއް ނޫން، އަދި އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވެސް ހޯދާނަން،"

މޯ އާއި ނިޒާމުގެ ވާހަކައިން ހިތް ހަމަޖައްސައިލައިގެން ހުރީއެވެ. ނަމަވެސް ހިތުގައި ސުވާލު އޮތެވެ. ޓީސީ މޮޅަސް ފައިނަލުގައި އެޓީމުގެ ފަރާތުން އެ ތަފާތު ނުފެންނަ ސުވާލެވެ.

މޯ އާއި ކޯޗް ނިޒާމުގެ ވާހަކައިގެ ހަގީގަތް މިއޮތީ ހާމަ އަށް ފެންނާށެވެ. ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ފުޓްބޯޅަ މުބާރާތް ޓީސީއިން ކާމިޔާބު ކުރީ އެވެ. "ޑާންސް ކުރަން" ޖެހޭ ސަބަބެއް ޓީސީގެ ކުރިމަތީގައި މިއޮތީ އެވެ. ހިތަށް ވަން ޝައްކުވެސް ފިލައްޖެ އެވެ. ޓީސީ ކާމިޔާބު ހޯދައިފި އެވެ.

ޓީސީ ތަށި ހޯދި މެޗުގެ އެނަލިސިސް ގެނެސްދިން ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު، ޓީސީގެ ކާމިޔާބުގެ ވާހަކަ ގުޅުވަނީ ނިޒާމްގެ ރޭވުންތެރި ކަމުގެ މައްޗަށެވެ.

"ކުޅުންތެރިން ޑިސްޕްލިން ކޮށްގެން ނޫނީ، މިހިސާބަށް ނާދެވޭނެ، އެކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ނިޒާންބެ އަށް،" ސޮބާ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ސަރަހައްދީ މުބާރާތުގައި ރަނގަޅު ވާދައެއް ކުރެއެވެ. ނަމަވެސް ދިވެހި ކޯޗެއް ގޮވައިގެން، މިފަދަ ހައިބަވެތި ކާމިޔާބެއް ހޯދި ޓީމެއް ޓީސީ ނޫނިއްޔާ އަދި ނެތެވެ. ޓީސީގެ ކާމިޔާބުގެ ވާހަކަ އެންމެން ދައްކަނީ ވެސް އެހެންވެ އެވެ. އެޓީމުގެ ކޯޗަކަށް އެހެރީ ރާއްޖޭގެ މިހާރު ހުރި އެއް ވަނަ ކޯޗެވެ. ޓީސީގެ މި ކާމިޔާބަކީ، މުޅި ގައުމަށް ލިބުނު ކާމިޔާބެ ކެވެ. ނިޒާމް މި ދިޔައީ މިގެ ކުރިން އެއްވެސް ދިވެހި ކޯޗަކަށް ނުދެވޭ ހިސާބަކަށެވެ.

"ސަރަހައްދީ ލެވަލުގައި ދިވެހި ފުޓްބޯޅަ އަށް ކުޑަވެފައިވާ އިހްތިރާމް ޓީސީ އިން ހޯދައިދީފި، މިއީ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދަން ރަނގަޅު ޓާނިން ޕޮއިންޓެއް، ނިޒާންބެ އަށް ސެލިއުޓް ހައްގު،" ސޮބާ ބުންޏެވެ.

އީގަލްސްގެ ކޯޗް އިހްސާން އަބްދުލް (ގަނީ) ސާންތީ ބުނި ގޮތުގައި ދިވެހި ފުޓްބޯޅަ އަށް މަދުވެގެން އުޅެނީ މިހާރު ތައްޓެއް ކަމަށެވެ. އެތަށި ވެސް މިލިބުނީ އެވެ. ކާމިޔާބާ ހަމަޔަށް ދެވުމުގައި ނިޒާމް، ޒުވާން ކުޅުންތެރިން ކުރި އިތުބާރުވެސް ކޯޗުން ފާހަގަ ކުރެއެވެ.

ގައުމަށް، ރީތި ނަމާ ޝަރަފު ހޯދައިގެން އަންނަ މީހުންނަށް ގައުމު އަބަދުވެސް މަރުހަބާ ކިޔަ އެވެ. ޓީސީ މިރޭ ރާއްޖެ އަންނަ އިރު، ފުޓްބޯޅަ ފެމެލީ އޮތީ ޓީސީ އަށް ހޫނު މުރަހަބާ އެއް ކިޔާށެވެ. އެ ކާމިޔާބުގެ ފަހަތުގައި ހުރީ ހިނިތުންވެފައިވާ ނިޒާމްބެ އެވެ.