ފިނިޕޭޖް

ނަރުހަކަށް ވުމުގެ ހުވަފެނުގައި ވެސް ލަވަކިޔުން ކުރިއަށް

މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވިއިރު އޭގެ ދަތުރުގައި ޕިއާނޯ ރައުންޑާ ހަމަ އަށް ދެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް 16 އަހަރުގެ ޝަނީޒާ ޝަރީފަކަށް އޭރަކު ނެތެވެ. އޭނާ އަކީ ސްކޫލްގައި އުޅުނު ދުވަސްވަރު ވެސް މިކަހަލަ އެއްވެސް ކަމެއްގައި ނުވަތަ ލަވަކިޔުމުގެ އެއްވެސް މުބާރާތެއްގައި ކުރިން ބައިވެރިވި ކުއްޖެއް ނޫނެވެ. އެހެންކަމުން ޕިއާނޯ ރައުންޑް ކީއްކުރަން ހެއްޔެވެ؟ އޮޑިޝަނުން ވެސް އަރައިގަނެވޭނެ ކަމުގެ އުއްމީދެއް ހަގީގަތުގައި ނެތެވެ.

ޕިއާނޯ ރައުންޑާ ހަމައިން އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނަސް ޝަނީޒާ އަށް އޭގައި ދެރައެއް ނެތީ މި ސަބަބާ ހެެދި އެވެ. އޭނާ ބުނަނީ 16 އަހަރުގެ ހަޔާތުގައި އައިޑޮލް ވަރުގެ "ޑާލިންއެއް" އޭނާގެ ހަޔާތަށް ނާންނަ ކަމަށެވެ.

"މިއީ ވަރަށް ސަޅި ތަޖުރިބާއެއް. ލައިފުގައި އައި އެންމެ ސަޅި އެންމެ އެކްސައިޓިން ޖާނީ މިއީ މިހާތަނަށް. މިހާ ކުޑައިރު މިކަހަލަ ކަމެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުން އެއީ ވަރަށް އުފާވާ ކަމެއް،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ޝަނީޒާ ބުންޏެވެ.

"މިހިސާބަށް އާދެވުނީމަ ވަރަށް އުފާވެއްޖެ. އަސްލު މިއީ އަޅުގަނޑު އުއްމީދުކުރި ވަރަށް ވުރެން ވެސް ދުރު. އެއީ އެއްވެސް ޓްރެއިނިންއަކާ ޕްރެކްޓިސްއަކާ ނުލައި މީގައި ބައިވެރިވީ ވެސް."

އައިޑޮލްގައި ޝަނީޒާ ބައިވެރިވީ އޯލެވެލްގެ ކިޔެވުން ނިންމާލުމަށް ފަހު ކޮލެޖުގެ ކިޔެވުން ފެށުމަށް އޮތް ހުސް ވަގުތުގައި ހިތްހަމަޖެހޭ ކަހަލަ ކަމެއް ކުރުމުގެ ބޭނުމުގަ އެވެ. އޭނާ ބުނީ ލަވަކިޔުމަކީ ހޮބީއެކެވެ.

"އަޅުގަނޑު ބޭނުންވަނީ ނާސިން ހަދަން. އެކަމަކު އެ ދާއިރާ އިން ކުރިއަށް ދިޔަ ނަމަވެސް ލަވަކިޔުން ހުއްޓައެއް ނުލާލަން. ލަވަކިޔަމުން ދެވުނު އެންމެ ދުރަކަށް ވެސް ދާން ބޭނުން،" ޝަނީޒާ ބުންޏެވެ.

އޭނާ ބުނީ ޕިއާނޯ ރައުންޑުން ކަޓައިގެން ދިއުން ދެރަކަށް ނުވިޔަސް ކަޓައިގެން ދިޔައީ ރަނގަޅަށް ޕާފޯމްނުކުރެވިގެންނެވެ. އަދި ރަނގަޅަށް ކެމްޕޭން ވެސް ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑަށް ދަތުރުކޮށްފައިވާ ލަވަކިޔުންތެރިންގެ ތެރެއިން ގަދަ ތިނެއް ހޮވުމަށް އަހަރެމެން ޝަނީޒާއާ ވެސް ސުވާލުކޮށްލީމެވެ.

"އެންމެ ފުރަތަމަ ވެސް އިންނާނީ ބޮބް. ހިޒް ވޮއިސް އިޒް ވެރީ ސްޓްރޯންގް. ޕްރެކްޓިސް އާއި އެކްސްޕީރިއަންސް ވެސް އެބައިން. ދެން ނަގާނީ ޝަމްވީލް. ދެން ހީވާ ގޮތުގައި ޖައިޝާ މަސައްކަތްކޮށްފި ނަމަ އޭނާ އަށް ވެސް ދެވިދާނެ."