އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ރީތި ރަށް ރިސޯޓްގެ މާލޭ އޮފީހުގަ އެވެ. އެތަނުގެ އެކައުންޓްސް ޑިޕާޓްމަންޓުގައި މަސައްކަތްކުރަން ޖެހުމުން ގަވާއިދުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޭންކަށް ދާން ޖެހެ އެވެ. އޭނާގެ ދިރިއުޅުމުގެ މި ތަރުތީބާއި ގަވާއިދު ތާއަބަދަށް ބަދަލުކޮށް "މޫސާ ވަސީމެއް" އުފަންކުރުވި ތަޖުރިބާއަކީ އޮފީހުން ބޭންކަށް ކުރި އާދައިގެ މި ދަތުރެވެ.
"އެއް ދުވަހަކު ބޭންކަށް ގޮސް އިންދާ ފެންނަނީ ޓީވީއެމުން އަންނަ އިޝްތިހާރެއް. ޓީވީ ހުރި ހިސާބުން އޭގެ އަޑެއް ނީވޭ. މި އިޝްތިހާރުން ފެންނަނީ ހަލީލް. ހީނާ ވަލީދު. ދެން އެނގިއްޖެ އެއީ ކޮން ބޭނުމެއްގައި ފޮނުވާ އިޝްތިހާރެއްކަން،" މީގެ 16 އަހަރު ކުރީގެ ހަނދާނެއް ކުލަކޮށްލަމުން މޫސަ ކިޔައިދިނެވެ.
ޓީވީ އިން ފެނުނު މި އިޝްތިހާރާއެކު އޭނާ ދުއްވައިގަތީ ހުޅުވިފައި އޮތް ފުރުސަތަށް ސިޓީލުމަށެވެ. މޫސާ ވަސީމާއެކު ގާތްގަނޑަކަށް 500އެއްހާ މީހުން ޕްރެޒެންޓަރެއްގެ ހުވަފެނުގައި ޓީވީއެމަށް އެފަހަރު ސިޓީ ފޮނުވި އެވެ. މި އެންމެންގެ ތެރެއިން ފުރޭނިގެން ގޮސް ވިއްސަކަށް މީހުންގެ ލިސްޓެއްގައި އޭނާ އެންމެފަހުން ހިމެނިއްޖެ އެވެ. އަދި އުއްމީދުކުރި ވަރަށް ވުރެ ފަސޭހައިން ޚަބަރު ކިޔުމުގެ ފުރުސަތު ވެސް ލިބިއްޖެ އެވެ. -- ހުރިހާ ވެސް ޝުކުރެއް ނޫސް ކިޔުމުގެ ޝައުގުވެރިކަމަށެވެ.
"އެއްޗެއް ފެނިއްޖެއްޔާމު ވަރަށް ކިޔާނެ. އަޅުގަނޑަކީ ވަރަށް އެއްޗެހި ކިޔާ މީހެއް. ފާހާނާގައި ވެސް ކިޔާނީ. މޯބައިލް ފޯނު އައިސް އެކަން ރުއިންކޮށްލިޔަސް އަދިވެސް ހާޑް ކޮޕީއެއް ހިފައިގެން ކިޔާލަން އަޅުގަނޑަށް މިހާރު ވެސް ބޮޑަށް ކަމުދަނީ. އޭރުގަ ވަރަށް ނޫސްވެސް ކިޔާނެ. ނޫހުގައި ނުހުންނާނެ އަޅުގަނޑު ނުކިޔާ އިއުލާނެއް ވެސް،" މޫސަ ބުނެލި އެވެ.
"ޓީވީއަށް ވަންއިރު ދަސްކުރަން ޖެހޭނެ މިނިސްޓަރުންނާއި މިނިސްޓްރީތަކުގެ ނަންތައް ވެސް. އެކަމަކު އަޅުގަނޑަކަށް ނުޖެހުނު އެކަން ކުރާކަށް. އަޅުގަނޑަށް ވީ އެ ނަންތަކާއި ތަންތަން ވަރަށް ފެމިލިއާ ތަންތަނަކަށް. އެއީ ނޫސްތައް ކިޔާކިޔާ."
ނަމަވެސް ތަގުދީރުގައި އޮތް ވާހަކަ ކިޔަން ނޭނގުމުން އޭނާގެ ހަޔާތަށް ދެން އެރީ ސުނާމީއެކެވެ. މާ ގިނަ ފުރުސަތުތަކެއް ނުލިބި އުޅެނިކޮށް 2004 ވަނަ އަހަރު އެރި ސުނާމީގެ ރާޅުތަކާ އެކު މޫސަ ވެސް ޓީވީއެމުން ބޭރުކޮށްލީ އެވެ. އެއީ ސުނާމީގެ ކަވަރޭޖުގައި ބޭނުންކުރި "އާ ކުދިންގެ ތެރެއިން ކުއްޖަކަށް" ހެދުނު ގޯހަކާ ގުޅިގެން އެންމެނަށް ދިން އަދަބެކެވެ.
"އެފަހަރު އަލަށް ނެގި އެންމެން ގެއަށް ފޮނުވާލީ އެ ދުވަހު. އޭރު ޓީވީއަށް ވަންތާ ވާނީ ހަތަރު މަސް. ޚަބަރަކަށް ލިބެނީ 75ރ،" މޫސަ ކިޔައިދިނެވެ.
މިހާރު ކޮންމެ ދުވަހަކުހެން ޓީވީއެމުން ފެންނަ މޫސާ ވަސީމްގެ ވާހަކައިގެ ފެށުމަކީ މިއީ އެވެ. އޭނާ އަކީ ކަމުނުގޮސްގެން ގެއަށް ފޮނުވާލި ޕްރެޒެންޓަރެކެވެ. އަދި ގެއަށް ފޮނުވާލުމުން، ގެއަށް ނުދިޔަ ޕްރެޒެންޓަރެވެ.
ދެން މަސައްކަތްކުރީ ފާޑަކަށް ހިލޭސާބަހަށް!
އަލަން ނެގި ޕްރެޒެންޓަރުންތައް ކަމަކުނުދެއޭ ކިޔާފައި ގެއަށް ފޮނުވާލުމުން ޖެހިގެން އައި ދުވަހު ވެސް މޫސަ ދިޔައީ ޓީވީއެމަށެވެ. ވަރަށް ގިނަ ކުދިންނަށް އަނބުރާ އެގޮތަށް ދާކަށް ނުކެރުނެވެ. ނަމަވެސް ތިމަންނަ ބޭނުންވަނީ ހަމަ ޚަބަރުކިޔަންށޭ ކިޔާފައި ގޮސް މޫސަ އަނެއްކާވެސް ސުމަކުން މަސައްކަތް ފެށީ އެވެ.
"ފާޑަކަށް ހިލޭ ސާބަހަށް ދެން މަސައްކަތްކުރީ. އެކަމަކު އެއީ ދަސްކުރަން ލިބުނު ބޮޑު ފުރުސަތެއް. އެހެން އުޅޭއިރު ނޫސްވެރިންގެ ބައްދަލުވުންތަކަށް ވެސް ފޮނުވާލަފާނެ،" އެކަމަކު މޫސަ ބުނީ ޚަބަރު ކިޔަން ފުރުސަތު ނުލިބުނަސް އޭނާ ގެންދިޔައީ ޚަބަރު ކިޔައި މުޅިތަނުގައި އަޑުގަދަކުރަމުންނެވެ.
"ޚަބަރު ކިޔަން ނުލިބުނަސް، ކުރިން ކިޔާފައި ހުންނަ ޚަބަރު ފައިލްތައް ނަގައިގެން އަޑުގެ ކޮޅަށް ޚަބަރު ކިޔުން އޮންނާނީ އަޅުގަނޑުގެ ކަމަކަށް. ދެން ކޮންމެ ދުވަހަކު ވެސް އަހަން ދެން ކޮން އިރަކުންހޭ ޚަބަރުކިޔަން ފުރުސަތު ލިބޭނީ."
މިގޮތަށް އަޑުގަދަކުރަމުން ދުވަނިކޮށް އެންމެފަހުން އަނެއްކާވެސް ތަމްރީން ޕްރޮގްރާމަކުން މޫސަ އަށް ފުރުސަތު ލިބުނީ އެވެ. ދެން މި އަންނަނީ އޭނާގެ ދެ ވަނަ ފުރުސަތެވެ.
"ޓްރެއިންކޮށްފައި އެންމެންގެ ތެރެއިން ނެގީ ދެ ކުދިން. އޭގެ ތެރޭގައި މޫސަ ހިމެނުނީ."
މޫސަ ބުނީ ޓީވީއެމްގެ ހަޔާތުގައި އޭނާ އެންމެ ބިރުގަންނަވާލި ދުވަހަކީ އެއީ ކަމަށެވެ. އަލަށް ގޮސް ފުރަތަމަ ދުވަހު ޚަބަރުކީއިރު ވެސް އޭނާ އެއްވެސް ވަރަކަށް ފިންޏެއް ނުވެ އެވެ. ނަމަވެސް ދެ ވަނަ ފުރުސަތެއް ޓީވީއެމުން ލިބިގެން ޚަބަރުކިޔަން އެރި ފުރަތަމަ ދުވަހު ދުވަސްނުގޮސް ހުރީ ހަމަ ކިރިޔާ އެވެ.
"ދެ ވަނަ ފަހަރަށް ފުރުސަތު ލިބުނީ ދެ މީހަކަށް. އެހެންވީމަ ވަރަށް ބޮޑު ބާޑެންއަކަށްވީ އެކަން. ތަނުގެ ވެރިން ވަރަށް ބޮޑަށް އުއްމީދުކުރާނެތާ އަޅުގަނޑުމެންގެ ފަރާތުން ވަރަށް ބޮޑު ކުރިއެރުމަކަށް. އެހެންވީމަކަން ނޭނގެ އެހާ ބިރުގަތީ ދެ ވަނަ ފަހަރު،" މޫސަ ބުންޏެވެ.
ދެ ވަނަ ފުރުސަތުން ފާސްވެ މޫސަ އަށް ޓީވީއެމުން ރަސްމީ ފާހެއް ލިބިގެން ދިޔަ ނަމަވެސް ދެންވެސް މި މޫސާ ވަސީމެއް ޕޮޕިއުލާވާގޮތެއް ނުވި އެވެ. މޫސަ ބުނީ ކިޔެވިއިރު ވެސް އޭނާ އަކީ ޕޮޕިއުލާ ދަރިވަރެއް ނޫން ކަމަށެވެ. އެކަމަކު ޓީވީއެމްގެ ތެރޭގައި އޭނާ އަންޕޮޕިއުލާކޮށްލި މިންވަރު ކުރީގެ އެހެން ހުރިހާ ތަޖުރިބާތަކަށްވުރެން ވެސް ހިތްޗެވެ.
"ރިހައޭ، ސޮޑ ކިޔާފައި މީހުން އެއްޗެހި ކިޔަނީ އޭރު. އެގޮތަށް އެއްޗެހި ކިޔާކަން އިހްސާސްވީއެއް ނޫން ހަމައެކަނި، އަޅުގަނޑަށް އަޑުވެސް އިވުނީ. މީހުން އެއްޗެހި ކިޔާތަނުގެ އަނެއް ފަޅީގައި ވެސް އެބަހުރި ހުރެވިފައި."
ނަމަވެސް ޓީވީއެމްގެ އެންކަރެއް އަދި ޕްރެޒެންޓަރެއްގެ ގޮތުގައި ސީލިންގަށް އަރައި އޭނާ މިއަދު ހަމަޖެހިލައިއެހުރީ ކުރީގެ އެ ހުރިހައި ކަމެއް ހަނދާންނައްތާލައިގެންނެވެ.
މިހާރު އޭނާ އަކީ މިސްޓަ ޕޮޕިއުލާ އެވެ.
ނަމަވެސް މޫސަ ބުނަނީ އަދިވެސް އެކަން އޭނާ އަށް ފުރިހަމަ އަށް ޔަގީން ނުވާ ކަމަށެވެ.
"ވަރަށް އުފާވޭ. އެންމެ ފުރަތަމަ ކަމަކަށް މީހުން (އަޅުގަނޑު) އެކްސެޕްޓްކޮށްފިއޭ އެހެން ހީވުން. އަދިވެސް ޔަގީނެއް ނުވޭ. އެކަމަކު އެހެން ހީވީމަވެސް އަދި މީހުން އެހެން ބުނީމަ ވެސް ވަރަށް އުފާވޭ،" ފާއިތުވި 13 ވަރަކަށް އަހަރު ކަރަންޓް އެފެއާސްގައި މަސައްކަތްކޮށް ޚަބަރުކިޔަން އުޅުމަށް ފަހު މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލްގެ ލީޑް ހޯސްޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިއްސުވާލި މޫސަ ބުންޏެވެ.
އޭނާ ބުނީ މޯލްޑިވިއަން އައިޑޮލް އަކީ އޭނާގެ މަސައްކަތުގެ އާންމު މާހައުލުން ބޭރުގައި "ހުށަހަޅައިދިން" މިފަދަ ފުރަތަމަ ޝޯ އެވެ.
"އެކުގައި މަސައްކަތްކުރާ އެންމެން ބުނާ އެތި ވަރަށް ސަޅި. ޝޯ ނިންމާލާފައި ވެސް މެސެޖުކޮށްލާފައި ބުނާނެ ވަރަށް ސަޅިއޭ، ޔުއާ ދަ ޕާފެކްޓް މީހާއޭ މި ޝޯއަށް. އެކަހަލަ އެއްޗެހި ބުނެލީމަ ވަަރަށް އުފާވޭ،" މޫސަ ބުންޏެވެ.
"ގާތްގަނޑަކަށް 11-12 އަހަރު ވަންދެން ޓީވީގައި ޚަބަރު މި ކީ. ކަރަންޓް އެފެއާޒް ޕްރޮގްރާމަކަށް ނޫނިއްޔާމު ނޭރޭނެ ކުރިން. ނިއުސް މީހުންނަކީ ނިއުސް މީހުން. މިކަހަލަ ޝޯއެއް ހުށަހަޅަން ކުރިން ފުރުސަތެއް ނުލިބޭ."
މޫސަ ބުނީ މޯލްޑިވިއަން އައިޑޮލްއާ އެކު އާންމުންގެ ފަރާތުން އޭނާ އަށް އޮހެމުންދާ ތައުރީފަކީ ވެސް ސަޕްރައިޒެކެވެ. އެކަމަކު އޭނާ ބުނަނީ ޚަބަރު ކިޔުމަށް ވުރެން މޯލްޑިވިއަން އައިޑޮލްގެ ސަޕްރައިޒްތައް އޭނާ އަށް މިހާރު މާ ކަމުދާ ކަމަށެވެ.
"މިކަހަލަ ޝޯތަކަށް އަރާ ހިތެއް ވެސް ނުވޭ ކޮންމެހެން އޭރު. ހަބަރު ކީ މީހަކާ ބަލާފައި މޯލްޑިވިއަން އައިޑޮލް ޕްރެސެންޓްކުރަން ފެށީމަ އޭގެ ތަފާތު ވަރަށް ބޮޑަށް ފެނުނު. ހިތަށް އަރަނީ ޚަބަރު ކީއިރުގަ އަސްލު އެހާ ބޮޑު އޯޑިއަންސެއް ނޯވެއޭ. އެކަމަކު މޯލްޑިވއަން އައިޑޮލް ހަދަން ފެށީމަ އެވްރި ބޮޑީ ނޯސް މީ. އެންމެނަށް އެނގޭ. އެއީ ވަރަށް ބޮޑު ސަޕްރައިޒެއް،" މޫސަ ބުންޏެވެ.
"އާންމުންގެ ފަރާތުން ލިބޭ ތަރުހީބަށް ބަލާފައި ބުނެވޭނީ އައި އޭމް އަ ބިޓް ސަޕްރައިޒްޑްއޭ"
"މޭއި ބީ އައި އޭމް ނޮޓް ގޮއިން ބެކް ޓު ނިއުސް ރޫމް."
އައިޑޮލްގެ ތަޖުރިބާ ތަފާތު، އެކަމަކު އެންމެ މޮޅީ ހަމަ މޫސަ!
މޯލްޑިވިއަން އައިޑޮލް ހޯސްޓްކުރުމުގެ ފުރުސަތު މޫސަ އަށް ލިބުނީ ޓީވީއެމް އިން މައްކާއިން އަލަށް ގެނެސްދިން ހައްޖުގެ ކަވަރޭޖު ނިންމާލާފައި ރޯގާއާއެކު އެނބުރި އައިތަނުންނެވެ. ނަމަވެސް މޫސަ ދެން ވެސް އަވަސްވެގަތީ އޭނާގެ ޑިޕާޓްމަންޓްގެ މަސައްކަތަށެވެ. އޭރު އޭނާ އަކީ މަޖިލިސް ޓީވީގެ އިންޗާޖެވެ. އައިޑޮލް އިން ފުރުސަތު ލިބެން އުޅޭކަން ޔަގީންވިއިރު އޭނާ އުޅެނީ މަޖިލިސް ޕްރޮގްރާމެއްގެ މަސައްކަތުގައި ލ. އަތޮޅަށް ފުރުމަށް ތައްޔާރުވަމުންނެވެ.
ނަމަވެސް އެންމެފަހުން އެ ދަތުރު ކެންސަލްކޮށްލާފައި މޫސަ ދަމައިގެން ގޮސް ބެހެއްޓީ މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުގަ އެވެ. މޫސަ ބުނީ އެއަށް ފަހު ހަވާލުކުރި ފުރަތަމަ މަސައްކަތުގައި އޭނާ އެންމެފުރަތަމަ ވީ ފެއިލް ކަމަށެވެ. އެއީ ފްރިމެންޓަލް މީޑިއާ އަށް ވެސް އެންމެ ފުރަތަމަ މޫސަ ކަމުނުދިއުމުންނެވެ.
ނަމަވެސް ވެއްޓޭ ބާރުމިނުގައި ތެދުވުމަށް އާދަވެފައިހުރި ޒުވާނަކަށްވުމުން އޭނާ އައިޑޮލްގެ ސްޓޭޖު ވެސް ފަތަހަކުރީ އެވެ.
"މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ އެޕިސޯޑަށް އަޅުގަނޑު ހަނދާންވާ ގޮތުން ހަތަރު ފަހަރު އަޑު އެޅިން. ޔެސް. އަޅުގަނޑަށް އެއީ ވަރަށް ގިނަ ފަހަރު،" މޫސަ ބުންޏެވެ.
"ސަބަބަކީ ދުވަހަކު ނުފެންނަ، ގަނޑެއްގައި ލިޔެލާފައި ދޭ އެއްޗެއް ވެސް އެއްވެސް ކުށަކާ ނުލާ ވަގުތުން ކިޔާނަން އަޅުގަނޑު. އެ ކޮންފިޑެންސް ހުރޭ އަޅުގަނޑުގެ. އެކަމަކު މީތި ދިނީމަ ފުރަތަމަ އަޅުގަނޑަށް ކިޔުނު ގޮތް ކަމަކުނުދިޔަ. އިންޑިއާ އިން ރިޖެކްޓް. އިންޑިއާ އިން ރިޖެކްޓް. ދެން އަނެއްކާވެސް އަލުން އިށީނދެލައިގެން ތިބެ މިކަން ފެށީ. މުޅި މީހާގެ ކެރެކްޓާ ބަދަލުކޮށްލަން ޖެހުނީ މޯލްޑިވިއަން އައިޑޮލް އަށް."
މޫސަ ބުނީ އައިޑޮލް އަށް ތައްޔާރުވުމަށް އޭނާ ނުބަލާ އަދި ދިރާސާނުކުރާ އައިޑޮލްގެ އެހެން ޝޯއެއް ނެތެވެ. އެލިމިނޭޝަން ނައިޓުތަކުގައި މޫސަގެ މުޅި ކެރެކްޓާ ބަދަލުވެ ސަސްޕެންސް ތްރިލާއަކަށް މޫސައާ އެކު އައިޑޮލް ބަދަލުވެގެން ދަނީ ކޮން ޖާދޫއެއް ހަދައިގެންތޯ ސުވާލުކުރުމުން އޭނާ ބުނީ މިހެންނެވެ.
"ހެނދުނު އޮފީހަށް ނުކުންނަން ޖެހޭ ގަޑިއަށް ނުކުމެފައި އަޅުގަނޑު ކުރާ ކަމަކީ މިހާރު ދުނިޔޭގައި ދެއްކި އައިޑޮލްއެއް ހީއެއް ނުވޭ އަޅުގަނޑަށް ނުފެނި ހުންނާނެހެނެއް. ވަރަށް ބައިވަރު އެއްޗެހި ބަލައިފިން. އެހެން ޝޯތައް ވެސް ބަލަން. ވޮއިސް ވެސް ބަލަން. ގޮޓް ޓެލެންޓް ވެސް ބަލަން،" މޫސަ ބުންޏެވެ.
"އެލިމިނޭޝަންގައި އެ އަންނަ އެތި އައިސްފައި ހުންނަނީ އަޅުގަނޑަށް ހީވަނީ ބައި ނޭޗާކަން ނޭނގެ. ބައެއް ކުދިން ވެސް ބުނާނެ ކަލޭ މުޅި ދުވަހު މިތާނގަ ސަކަރާތް ޖަހަން އުޅެފައި ކީއްވެގެން ހެއްޔޭ ސަޓަޑޭގައި މުޅި މީހާގެ ކެރެކްޓާ ބަދަލުވަނީ."
މޫސަ ބުނީ އޭނާގެ އާންމު ދިރިއުޅުމުގެ ސަކަރާތާ އައިޑޮލް ގޮސް ގުޅިފައިވިޔަސް މިފަދަ ޝޯއެއް މިގޮތަށް ހުށަހެޅުމަކީ ފަސޭހަ ކަމެއް ނޫނެވެ.
"ފަސޭހައެއް ނުވާނެ. ޖެހޭނީ މަސައްކަތްކުރަން. ހެސްކިޔާފަ މަސައްކަތްކުރަން ޖެހޭނީ. އެއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް ހިފައިގެން ސްކްރީން ކުރިމައްޗަށް އަރާ ދެ މީހުންގެ ޒިންމާ ވަރަށް ބޮޑުވާނެ. ފަސޭހައެއް ނުވާނެ މިކަން. އެކަމަކު ނުވާނެ ކަމެއް ނޫން މިކަމަކީ،" މޫސަ ބުންޏެވެ.
"މޫސާ ވަސީމަށް ކުރެވެންޏާމު ހީއެއް ނުވޭ އެހެން މީހަކަށް ނުކުރެވޭނެ ހެނެއް. ކުރެވޭނެ. އެކަމަކު އަޅުގަނޑު ބުނާނީ މޫސާ ވަސީމް ބްރޭންޑަކަށް ހެދީ (ޕީއެސްއެމްގެ އެމްޑީ) އިބްރާހިމް ހަލީލްއޭ."