މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ އޮޑިޝަންތައް ކުރިއަށްދާއިރު ޕީއެސްއެމްގެ ޓީމު މިއަދު ކޭމްޕް ޖަހައިގެން ތިބީ ބ. އޭދަފުށީގަ އެވެ. މި ރަށުގެ ބަނދަރުމަތީގައި ހަދާފައި ހުރި މަލްޓި ޕާޕޮސް އިމާރާތުގައި ޓެލެންޓް ހަންޓުކުރުމުގެ އޯޕެން އޮޑިޝަން ކުރިއަށްދާއިރު ރަށުން ފެންނަނީ މިހާތަނަށް އޮޑިޝަންތައް ކުރިއަށް ގެންދިޔަ އެހެން ރަށްތަކުން ނުފެންނަ ތަފާތު މަންޒަރެކެވެ. -- އައިޑޮލްގެ ފޯރީގައި ނުޖެހޭ މީހަކު މި ރަށުގައި ހަމަ ނެތީ އެވެ. ފޯރި މާ ގަދައީ އެވެ.
މި ސަރަހައްދަކީ ކުރިއަށް އޮތް ސީޒަނަށް ފުރުސަތު ހުޅުވާލުމުން މިފަހަރު މާލެ އަށް ފަހު އެންމެ ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބިގެން ދިޔަ ސަރަހައްދެވެ. އެކަން މި ރަށުގެ އާންމުން ވަނީ މިއަދުގެ އޮޑިޝަން ފެށުމުގެ ރަސްމިއްޔާތުގަ އާއި ރަށަށް މިއަދު އައި މޯލްޑިވިއަން އައިޑޮލްގެ ތިން ޖަޖުންނަށް ކީ ހޫނު މަރުހަބާ އިން ވެސް ސާބިތުކޮށްދީފަ އެވެ.
ރަށުގެ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި ތަރުހީބު މޯލްޑިވިއަން އައިޑޮލްގެ ޓީމަށް އޮއްސާލާފައިވާއިރު ޕީއެސްއެމްގެ ޓީމުން ވެސް ބުނަނީ މި ވަރުގެ ފޯރިއަކާއި ތަރުހީބެއް އެމީހުންގެ ސިލްސިލާ ދަތުރުތަކުގައި ނުފެންނަ ކަމަށެވެ. އެކަމަކު އޭދަފުށީގެ ރައްޔިތުން ބުނަނީ ހުރިހާ ވެސް އުފަލެއް އެމީހުންނަށް ކަމަށެވެ.
"މިއީ އަސްލު އަޅުގަނޑުމެންގެ ރަށަށް، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ފަހުގެ ތާރީޚެއްގައި މި ރަށް މި ވަރަށް އެއްބައިވެފައި އޮތް މަންޒަރެއް އަޅުގަނޑެއް ނުދެކެން ހަމަ ޔަގީނަށް ވެސް. އައިޑޮލްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެވޭނީ،" ޖަޖުންނަށް މަރުހަބާ ކިޔުމަށް ބަނދަރު މައްޗަށް އެއްވެފައި އޮތް މީހުންގަނޑު ފެނި އުފާވެފައި ހުރި މެދު އުމުރުގެ ފިރިހެނަކު ބުންޏެވެ.
އޭނާ ބުނީ އޭދަފުށީ މީހުންނަކީ ރަށުގެ ކަންކަމުގައި ތަފާތު ދައްކާ ބައެއް ކަމާއި ރަށް ދެކެ ލޯބިވާ ބައެއްކަން މިއަދު ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ.
މި އުފާވެރިކަމެއް މިއަދު ބަންޑުންވިއިރު ފާހަގަކޮށްލަން ޖެހެނީ އޭގެ ޖާދޫގައި ނުޖެހޭ ދެ ޖިންސުގެ މުސްކުޅިއަކު، ޒުވާނަކު ނުވަތަ ކުޑަކުއްޖަކު ވެސް ނެތް ކަމެވެ.
"އަޅުގަނޑުގެ ދަރިފުޅަށް ނެތް އޮޑިޝަނުގައި ބައިވެރިވެވޭކަށް އަދި. އެއީ އުމުރު ހަމަނުވާތީ. އެކަމަކު ވެސް މި އައީ ހަމަ އޭނަ އުފާކޮށްލަންވެގެން. ދެން މިހާރު އެނބުރި ދާކަށް ވެސް ބޭނުމެއް ނުވޭ،" ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން އުޅުނު އަންހެނަކު ބުންޏެވެ.
މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެވޭ އުމުރުފުރާ އަކީ 16 އަހަރާއި 30 އަހަރާ ދެމެވެ.
އޯޕެން އޮޑިޝަން ކުރިއަށްދާއިރު އޮޑިޝަނުގައި ބައިވެރިވުމަށް މި އަތޮޅުގެ އެހެން ރަށްތަކުން އަމިއްލަ ޚަރަދުގައި އައިސްފައިވާ ބައެއް ކުދިން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ހެނދުނު ހެނދުނާ އައިސް، އޮޑިޝަންގެ ވެއިޓިން އޭރިއާގައި ކޭމްޕް ޖަހައިގެން ގްރޫޕްތައް ހަދައިގެން ތިބެ ގިޓާ ޖަހާ ބަޔަކު ގިޓާ ޖަހައި، އަތް ޖަހާ ބަޔަކު ހަރުބީ އަށް އަތް ޖަހައި އެއް ވާނަކަށް ލަވަކިޔައި ފޯރި ނަގަމުންދާ މަންޒަރަކީ ވެސް ފޯރި ގަދަކޮށްދޭ އެއް ކަމެވެ.
އޮޑިޝަން ބާއްވާ ރަށަށް އެހެން ރަށް ރަށުން އަންނަ ކުދިންގެ ތެރެއިން މާދަމާ އޮންނަ ޖަޖަސް އޮޑިޝަނަށް މިއަދު ހޮވޭ ކުދިންނަށް އައިޑޮލްގެ ޓީމުގެ އެލަވަންސެއް ހަމަޖައްސައިދޭނެ އެވެ. އެއަށް ފަހު ގޯލްޑެން ޓިކެޓް ލިބުމަށް ފަހު ޓްރާންސްޕޮޓޭޝަންގެ ހުރިހާ ޚަރަދަކާއި ކަމެއް ބަލަހައްޓައިދެމުންދާނީ ޕީއެސްއެމް އިންނެވެ.
މިއީ ސީޒަން ދޭއެއްގެ ތައްޔާރީގައި މޯލްޑިވިއަން އައިޑޮލް އަށް ޝޫޓްކުރާ ތިން ވަނަ އޮޑިޝަން އެވެ. މީގެ ކުރިން ވަނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށީގައި ވެސް އޮޑިޝަން ކުރިއަށް ގެންގޮސް ޝޫޓްކޮށް ނިމިފަ އެވެ. ކުރިއަށް ދެން އޮތީ ލ. ގަމުގެ އޮޑިޝަނާއި މާލޭ ސިޓީގެ އޮޑިޝަނެވެ.
މި އޮޑިޝަންތަކަށް ފަހު ޓީވީއެމް އިން މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ޕްރިމިއާކުރާނީ އަންނަ އަހަރުގެ ޖެނުއަނީ މަހުގެ ކުރީކޮޅު އެވެ. ރަސްމީ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.
މޯލްޑިވިއަން އައިޑޮލްގެ ޓްއިޓްލް ސްޕޮންސަރަކީ މި ސީޒަނުގައި ވެސް ދިރާގެވެ.
މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް، ލޮޓަސް އެސްޓީއޯ އަދި މޯލްޑިވިއަން އެވެ. އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ބެވަރޭޖު ޕާޓްނަރަކީ އެކްސެލް އެނާޖީ ޑްރިންކެވެ.
ކޯ ސްޕޮންސަރުންނަކީ އަލޯރާ، އޯވީ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.