ކުޅިވަރު

ޓީސީއަށް ރަތް ކުލައިގެ ހޫނު މަރުހަބާ އެއް

"މިތިބީ އަހަރެމެންގެ ދަރިންނަށް މަރުހަބާ ކިޔަން އައިސް." ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބުގެ ޗެމްޕިއަން ކަން ހޯދި ޓީސީގެ ކޯޗް މުހައްމަދު ނިޒާމްގެ (ނިޒާންބެ) އާއިލާގެ ދައްތަ އެއް އައްޑޫ ބަހުރުވައިން އަޅުގަނޑާ ވާހަކަ ދައްކަމުން ބުންޏެވެ. އޭރު ޓީމު މާލެ އަންނަން ގަޑިއެއްހައިރު އޮތެވެ. އިއްޒްދީން ފާލަން މައްޗަށް އެންމެ ފުރަތަމަ އައީވެސް، ނިޒާމްގެ އާއިލީ ފަރާތްތަކެވެ.

އަށްގަޑި ތިރިސް ހާއިރު، އިއްޒްދީން ފާލަން ދޮށް، ރަތް ކޮށްލި އެވެ. އެއްބަޔަކު ރަތް ކުލައިގެ ޓީޝާޓް ލައިގެން ތިބި އިރު އަނެއް ބަޔަކު ތިބީ ޓީސީގެ ލޯގޯ ޖެހި ރަތް ކުލައިގެ ދިދަ ހިފައިގެން ނެވެ.

ނުވަގަޑި ދިހެއް ހާއިރު، ލޯންޗެއްގައި ވަޑައިގެންނެވީ، ޓީސީ އަށް މަރުހަބާ ކިޔުމަށް ހުޅުލެއަށް ވަޑައިގެންނެވި، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި އެފްއޭއެމްގެ އިސްވެރިން ނެވެ. ދެ މިނިސްޓަރުންވެސް ތިއްބެވީ ރަތް ކުލައިގެ ހެދުން ތުރު ކުރައްވައިގެން ނެވެ.

ނުވަގަޑި ފަންސަވީސް ހާއިރު، ޓީސީގެ ޓީމު އައި، ލޯންޗް އިއްޒްދީން ފާލަމާ ގާތް ކުރިއެވެ. ތައްޓާއެކު، ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) އާއި ވައިސްކެޕްޓަން ފައްރާހް އަހްމަދު އިއްޒުދީން ފާލަމަށް ފޭބުމުން އެތަނަށް ޖަމާވި ސަޕޯޓަރުންގެ އަޑު ގުގުމައިގެން ދިޔަ އެވެ. އަތްތިލަ ބަޑީގެ ތަރުހީބާއެކު، އެ މަންޒަރު ބަލަން ހުރި ކޮންމެ މީހެއްގެ ހިތް އުތުރު އަރައިގެން ދާހާ ވެއެވެ.

އިއްޒުދީން ފާލަމުން، ޓީސީގެ ޓީމު ހިނގާފައި ދިޔައީ، ސޯސަންމަގުން ވަދެވެން އޮންނަ މަޝްހޫރު ޓީސީ ގޯޅި އަށެވެ. ކުރީގައި އޮތް ޕިކަޕުން ޖަހަމުން ދިޔައީ ޓީސީގެ ލަވައެއެވެ. ހެންވޭރުގެ ފަންވަރާއި ފަހްރަކީ ޓީސީއޭ ގޮވަމުން ނެވެ. ތަށި ހިފައިގެން ޓީސީގެ ޓީމު ދިޔައީ، އެ ގޯޅިގައި ހުންނަ ޓީސީގެ ހަރުގެ އަށެވެ.

ކުޅިވަރުގައި ސިޔާސީ ބައިވުމެއް ނެތް!

ޓީސީ ގޯޅި އަކީ، އިދިކޮޅު އެމްޑީޕީގެ އޮފީސް ހުންނަ ސަރަހައްދެވެ. ޓީސީގެ ޖަގަހަ އަށް އެމްޑީޕީ އޮފީހުގައި އިސްކޮށް އުޅުވާ ބޭފުޅަކު ވަޑައިގެން ނެވި އެވެ. އޭރު، ޓީސީ ހަރުގޭގައި، މިނިސްޓަރު އިރުތިޝާމްގެ އިތުރުން އިދިކޮޅު ފަރާތްތަކަށް އެންމެ ނުރައްކާތެރި ހަމަލާތައް ފޮނުވާލާ ވަޒީރު ޝައިނީ ވެސް ހުންނެވި އެވެ. އިންނެވި އެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް، އިދިކޮޅު ޕާޓީގެ އިސްބޭފުޅަކާއި އާއި ސަރުކާރުގެ އިސް މިނިސްޓަރަކުވެސް އެއްތައް ކުރުވީ ޓީސީއިން ގައުމަށް ގެނައި ކާމިޔާބެވެ. އެ ކާމިޔަބުގައި އެންމެން ބައިވެރިވެ އެވެ.

ކާމިޔާބު ހޯދީ، މިގައުމަށް ނިސްބަތްވާ ދަރިންނެވެ. ތަށި ގެނައީ ދިވެހި ގައުމަށެވެ. ގައުމުގެ ދަރިންނަށް މަރުހަބާ ނުކިޔަންވީ ސަބަބެއް ނެތެވެ. އެއްކޮޅަށް ދެކޮޅަސް، ޓީސީގެ ކާމިޔާބުން ގައުމު ހިނިތުން ކޮށްލައިފިކަން އެންމެ އެއްބަސް ވެއެވެ.