ޔާރާ ޕްރޮޑަކްޝްނަސްގެ އާ ފިލްމު "ވިޝްކާ" ގެ މިލްކުވެރިކަމަށް ދައުވާކުރާ ކެމެރާމަން ކޮކޯ ހަސަން ހަލީމް މި މައްސަލަ އެންމެފަހުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އޭނާ އެންމެ ފުރަތަމަ މި މައްސަލަ ހުށަހެޅީ ފުލުހަށެވެ. ނަމަވެސް މަދަނީ މައްސަލައަކަށްވުމުން ފުލުހުން ވަނީ "ވިޝްކާ" ގެ މައްސަލަ ދޫކޮށްލައިފަ އެވެ. ކޮކޯ ހަސަން ބުނީ ސިވިލް ކޯޓަށް ފިލްމުގެ މައްސަލަ ހުށަހަޅާފައިވާނީ ފިލްމުގެ ޝޯތައް ދައްކައި ވިޔަފާރި ފެށުމުގެ ކުރިން އޭގެ މިލްކުވެރިކަމާ މެދު ގޮތެއް ނިންމަން ފިލްމުގެ ޝޯތައް ހުއްޓުވަން ޖެހޭ ނަމަ އެކަން ވެސް ކުރުމަށް އެދި ކަމަށެވެ.
ބަތަލާ އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ "ވިޝްކާ" ޕްރިމިއާކުރަން ތައްޔާރުވަމުން އަންނަނީ ޝްވެކް ސިނަމާގައި އަންނަ ބުދަ ދުވަހު އެވެ. ކޮކޯ ހަސަން ބުނަނީ އޭގެ ކުރިން މި ފިލްމުގެ މިލްކުވެރިކަން ސާބިތުކުރެވެން ޖެހޭ ކަމަށެވެ.
ރިޝްމީ އާއި ރަވީ ލީޑް ރޯލު ވެސް ކުޅެފައިވާ މި ފިލްމުގެ މިލްކުވެރިކަމަށް ކޮކޯ ހަސަން ދައުވާކުރަނީ ފިލްމުގެ އޮރިޖިނަލް ކުރު ވާހަކަ ލިޔުނު ވިޝާމްގެ ފަރާތުން މިލްކުވެރިކަމުގެ ސިޓީއެއް ލިބިފައިވާ ކަމަށް ބުނެ އެވެ. ކޮކޯ ބުނަނީ ރިޝްމީ "ވިޝްކާ" އުފައްދާފައި ވަނީ ވާހަކަ ލިޔުނު ފަރާތުން އޭގެ ހުރިހާ ރައިޓްސްއެއް އޭނާ އަށް މިލްކުކޮށްދީފައި ވަނިކޮށެވެ.
މި ސިޓީއެއް ކޮކޯ ހަސަނަށް ދިންކަން ރިޝްމީ ކަށަވަރުކޮށްދީފައިވިޔަސް އޭނާ ކުރިން ބުނެފައި ވަނީ އެއީ ވަގުތީ ގޮތުން ކޮކޯ ހަސަނަށް ދިން މިލްކުވެރިކަމުގެ ސިޓީއެއް ކަމަށެވެ. ނަމަވެސް ސިޓީގައި އެފަދަ މާނައެއް ދޭހަވާ އިބާރާތެއް ނެތް ކަމަށް ކޮކޯ ހަސަން ބުނެ އެވެ.
"ވިޝްކާ" އުފެއްދުމަށް ރިޝްމީ، ކޮކޯ ހަސަނާ ފަހުން މުއާމަލާތްކޮށްފައެއް ނުވެ އެވެ. ރިޝްމީ އާއި ކޮކޯ ހަސަން އެންމެ ފުރަތަމަ އެކުގައި އުފުއްދުމަށް ވިސްނި މި ފިލްމަށް "އެހެން ޕްރޮޑިއުސަރަކު" ހަމަޖެހިގެން ކޮކޯ ހަސަން ބާކީވެގެން ދިއުމުން އޭނާ ބޭނުންވީ ފިލްމު ހަދަން ބޭނުން ނަމަ އޭނާގެ އަތުން "ވިޝްކާ" ގެ ރައިޓްސް ރިޝްމީ ގަތުމަށެވެ.
ނަމަވެސް ފަހުން ރިޝްމީ މި ފިލްމުގެ ސްކްރިޕްޓް ގަނެފައި ވަނީ، ކޮކޯ ހަސަނަށް ވެސް ފިލްމުގެ ސްކްރީންޕްލޭ ވިއްކި ކަމަށް އޭނާ ބުނާ މަހުދީ އަހުމަދު އަތުންނެވެ. މި މައްސަލަގަނޑެއް ހޫނުވެގެން ގޮސްފައިވާއިރު "ވިޝްކާ" ގެ މިލްކުވެރިކަން ދީފައި ވަނީ ރިޝްމީ އަށް ކަމަށް ބުނާ ސިޓީއެއް އޭނާގެ އަތުގައި ވެސް އޮތް ކަމަށް އަޑު ވަނީ ފެތުރިފަ އެވެ.
ނަމަވެސް ރިޝްމީ ބުނީ އެފަދަ ލިޔުމެއް އޮތްކަން ދެން އެނގޭނީ ކޯޓަށް ދިއުމުން ކަމަށެވެ.
"ހުރިހާ ލިޔެކިޔުމެއް އެބަހުރި ރިޝްމީގެ އަތުގައި. މިވެނި ލިޔެކިޔުމޭ ހުރީ ނެތީ ބުނާކަށް ނެތިން ދެން. ސިޓީއެއް އޮތްކަމެއް ވެސް ނުބުނާނަން. އެކަމަކު ރިޝްމީ އަށް ގެރެންޓީއޭ މިއީ ރިޝްމީއެއް އެެއްޗެއްކަން ސާބިތުކޮށްދެވޭ ވަރަށް ރިޝްމީގެ އަތުގައި ލިޔެކިޔުން އެބަހުރިކަން،" މިއަދު ރިޝްމީ ބުންޏެވެ.
އޭނާ ބުނީ ފިލްމުގެ މައްސަލަ ކޯޓަށް ވެއްދިކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
"ވިޝްކާ" ގެ ޝޯތައް ހުއްޓުވާފާނެތަ؟
މަދަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އަންނަ ބުދަ ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޯތައް ފެށުމުގެ ކުރިން އޭގެ މިލްކުވެރިކަމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ކަމަށް ކޮކޯ ހަސަން ވަނީ ބުނެފަ އެވެ. އޭނާގެ އަތުގައި ހުރި ހެއްކާއެކު މައްސަލަ ހުށަހަޅާފައިވާއިރު މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިފިލްމުގެ ޝޯތައް ވަގުތީ ގޮތުން ނަމަވެސް ހުއްޓުމަކަށް އަތުވެދާނެތޯ އެވެ.
ރިޝްމީ ބުނަނީ އޭނާގެ އަތުގައި ހުރި ކެހިތަކަށް ބަލާއިރު ޝޯ ހުއްޓުވަފާނެ ކަމަށް އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށެވެ. ފިލްމުގެ ޝޯތައް ފެށުމަށް ދެ ދުވަސް ވެފައިވާއިރު ދެން ފިލްމުގެ ޝޯތައް ހުއްޓުވޭނީ ވަގުތީ އަމުރެއް ނެރެގެންނެވެ. ކޮކޯ ހަސަންގެ ދައުވާގައި ބުނަނީ ހުއްޓުވަން ޖެހިއްޖެ ނަމަ ފިލްމުގެ ޝޯތައް ހުއްޓުވައިގެން ނަމަވެސް އޭގެ މިލްކުވެރިކަން ކަނޑައަޅައިދިނުމަށެވެ.
"ހުއްޓުވައިފިއްޔާމު ހުއްޓުވީ. އެކަމަކު ގަބޫލެއް ނުކުރެވޭ ހުއްޓުވާފާނެ ކަމަށް. އެކަމަކު ހަގީގަތް އެނގެން ރިޝްމީ ވެސް ބޭނުންވަނީ،" ރިޝްމީ ބުންޏެވެ.
ފިލްމުގެ މިލްކުވެރިކަމުގެ މައްސަލައާ މެދު ކޯޓުން ނިންމާގޮތަކަށް އިހްތިރާމްކުރާނެ ކަމަށް ކޮކޯ ހަސަން ވަނީ ބުނެފަ އެވެ. އަދި އޭނާއާ ދެކޮޅަށް މައްސަލަ ނިމިއްޖެ ނަމަ ރިޝްމީގެ ކިބައިން މައާފަށް އެދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ވިޝްކާ" ގެ ޝޯތައް ހުއްޓުވާނެ ކަމަށް ލަފާކުރެވޭއިރު ފިލްމުގެ ޓިކެޓްތައް ވިކެމުންދާ ސްޕީޑެއް ނޭނގޭ ކަމަށް ރިޝްމީ ބުންޏެވެ. އޭނާ ބުނީ އެކަން އެނގޭނީ ފިލްމު ޑިސްޓްރިބިއުޓްކުރާ ޝްވެކް ސިނަމާ އަށް ކަމަށެވެ. އަދި ފިލްމުގެ މި މައްސަލަގަނޑާ ހެދި ބައެއް މީހުން ޓިކެޓް ގަތުމާ މެދު ދެ ހިޔާލަކަށް ގޮސްފައިވާ ކަމުގެ ޚަބަރުތައް ވެސް ލިބޭ ކަމަށް ރިޝްމީ ބުންޏެވެ.
"ވިޝްކާ" ގެ މިލްކުވެރިކަމަށް ކޮކޯ ހަސަން ދައުވާކުރާއިރު މި ފިލްމުގެ ފުރަތަމަ ސްކްރިޕްޓް ޑްރާފްޓްކުރި އަހުމަދު ޒަރީރަށް ފިލްމުގައި އެއްވެސް ވަރަކަށް ކްރެޑިޓް ދީފައި ނެތް މައްސަލާގައި ވެސް ފިލްމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.